މެންޗެސްޓާ ސިޓީ

ޑިފެންޑަރުންނަށް ގާޑިއޯލާ ކުރި ހޭދަ 400 މިލިއަނަށް

ބްނެފީކާގެ ޑިފެންޑަރު ރުބެން ޑިއާސް ސޮއި ކުރުވައި، މެންޗެސްޓާ ސިޓީގައި ޕެޕް ގާޑިއޯލާ ޑިފެންޑަރުންނަށް ކުރި ހޭދަ ގާތްގަނޑަކަށް 400 މިލިއަނަށް އަރައިފި އެވެ.

އުމުރުން 23 އަހަރުގެ ސެންޓާ ބެކް، ވަނީ ސިޓީއާއެކު ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ. ޑިއާސްގެ ޓްރާންސްފާއަށް ސިޓީން ވަނީ 62 މިލިއަން ޕައުންޑް ބެންފީކާއަށް ދޭން އެއްބަސް ވެފަ އެވެ. އަދި އެޑީލްގެ ދަށުން ސިޓީގެ ނިކޮލަސް އޮޓަމެންޑީ 13.6 މިލިއަން ޕައުންޑަށް ވަނީ ބެންފީކާ އަށް ބަދަލު ވެފަ އެވެ.

ހަތަރު އަހަރު ކުރިން، ސިޓީއަށް ގާޑިއޯލާ ބަދަލުވި ފަހުން، ޓްރާންސްފާގައި އޭނާ އެންމެ ބޮޑު އިންވެސްޓެއް ކުރީ ޑިފެންޑަރުންނަށެވެ. ޑިފެންޑަރުންނަށް އޭނާ ކުރި ހޭދަ ގާތްގަނޑަކަށް 400 މިލިއަނަށް ވަނީ އަރާފަ އެވެ.

މިދިޔަ އާދިއްތަ ދުވަހު ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު ނެޗުގައި ސިޓީ ކޮޅަށް ފަސް ލަނޑު ވަނެވެ. މެއި 2019 ގައި ވިންސެންޓް ކޮމްޕެނީ ސިޓީ ދޫކޮށްލި ފަހުން އެ ޓީމުގެ ޑިފެންސަށް މައްސަލަ ކުރިމަތިވި އެވެ. މިދިޔ ސީޒަންގައި އެކަން ފާހަގަވި އެވެ. ރުބެން ޑިއާސް އާއެކު އެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށް ގަބޫލު ކުރެވެ އެވެ.

"މެންޗެސްޓާ ސިޓީ ފަދަ ކުލަބަކަށް ބަދަލު ވުމަކީ އަހަންނަށް ވަރަށް ރަނގަޅު ފުރުސަތެއް އަދި މި ޓީމުގެ ހުށަހެޅުމަކީ ނޫނެކޭ ނުބުނެވޭނެ ހުށަހެޅުމެއް" ޑިއާސް ބުންޏެވެ. "އެ ކުލަބު ހޯދާފައިވާ ކާމިޔާބުތަކަށް ބެލިއަސް އެކަން ހާމަ ކޮށްދޭ، މިދިޔަ އަހަރުތަކުގައި އިނގިރޭސި ފުޓްބޯޅައިގައި އެންމެ ނަގާކިޔާ ކުލަބަކީ އެ ކުލަބު، އެ ޓީމުން އެޓޭކިން ގޭމަކީ އަހަރެންގެ އަމިއްލަ ގޭމަށްވެސް އެންމެ އެކަށޭނެ ގޭމް."