ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް އެހީވާން ފަސް ބިލިއަން ޔެން (ގާތްގަނޑަކަށް 47.5 މިލިއަން ޑޮލަރު) ގެ ލޯނު ރާއްޖެއާ ހަވާލުކޮށްފި އެވެ.
މިދިޔަ ހޯމަ ދުވަހު "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި ސޮއިކުރި، ޖަޕާނުގެ ލޯނުގެ ރަސްމީ އެއްބަސްވުމުގައި ސޮއި ކުރުން މިއަދު ވަނީ ފިނޭންސް މިނިސްޓްރީގައި ބާއްވާފަ އެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެވެ.
ކޮވިޑް-19 އި ގެ ސަބަބުން ރާއްޖެ އަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް ޖަޕާނުން ފޯރުކޮށްދޭ ފަސް ބިލިއަން ޖަޕަނީޒް ޔެން (47.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 732.4 މިލިއަން ދިވެހި ރުފިޔާ) ގެ މި ލޯނަކީ ކޮންސެޝަނަލް ލޯން އެހީ އެވެ. މިއީ ހަތަރު އަހަރުގެ ގްރޭސް ޕީރިއަޑަކާއެކު، 15 އަހަރުން ދައްކާ ގޮތަށް 0.01 ޕަސެންޓުގެ އިންޓްރެސްޓް ރޭޓްގައި ޖަޕާނުން ދޭ ލޯނެކެވެ.
ޖަޕާނުން ވަނީ ރާއްޖޭގެ ސިއްހީ ދާއިރާ އަށް ވެސް ދާދި ފަހުން 5.6 މިލިއަން ޑޮލަރުގެ އެހީތެރިކަން ދީފަ އެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ޔޫއެންޑީޕީ މޯލްޑިވްސް އަށް 1.4 މިލިއަން ޑޮލަރު، ޔުނިސެފް މޯލްޑިވްސްއަށް 356،400 ޑޮލަރު އަދި މޯލްޑިވްސް ރެޑް ކްރެސެންޓް އަށް 185،000 ޑޮލަރުގެ ހިލޭ އެހީ އެއްވެސް ދިނެވެ.
ރާއްޖެއަށް ލިބޭ އާމްދަނީ ދަށްވެފައިވާތީ ސަރުކާރުން ދަނީ ލޯނު ނަގައިގެން ބަޖެޓް ފޫބައްދަމުންނެވެ. ދާދިފަހުން އިންޑިއާގެ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ވެސް ވަނީ 3.5 އިންޓްރެސްޓް ރޭޓުގައި ބޮންޑެއް ވިއްކާފަ އެވެ. ފިނޭންސުގެ ތަފާތު ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ދެވަނަ ކުއާޓަރުގެ ނިޔަލަށް ރާއްޖޭގެ ދަރަނި 70 ބިލިއަން ރުފިޔާ އަށް ވަނީ އަރާފަ އެވެ.