ހަބަރު

އުކުޅަހު ކައުންސިލް ތިޖޫރީ ފަޅާލައި ތިން ލައްކަ ރުފިޔާ ވަގަށް ނަގައިފި

އއ. އުކުޅަހު ކައުންސިލަށް ބަޔަކު ވަދެ ތިޖޫރީ ފަޅައިލާ ތިން ލައްކަ ރުފިޔާ ވަގަށް ނަގައިފި އެވެ.

ފުލުހުން އޮފިޝަލް ވިދާޅުވީ ރޭގެ ވަގުތެއްގައި އއ. އުކުޅަހުގައި ވަނީ ބަޔަކު ކައުންސިލަށް ވަދެ ދެ ތިޖޫރީ ފަޅާލައި 330،000ރ ވުރެއް ގިނަ ރުފިޔާ ވަގައް ނަގާފައި ކަމަށެވެ.

އއ. އުކުޅަހު ކައިންސިލް އިދާރާޔަށް ރޭ ބަޔަކު ވަދެ ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލަ ހުށަހެޅީ މިއަދު ހެނދުނު 7:00 އެހާ ކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ. އަދި ބެލެވޭ ގޮތުން ބަޔަކު ވަދެފައި ހުރީ ރޭގެ ވަގުތެއްގައި ކައުންސިލްގެ ހުޅަނގު ފަރާތު ކުޑަދޮރު ތަޅާލާގެން ކަމަށްވެސް ފުލުހުން ބުންޏެވެ.

"މިމައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 7:00 އެހާ ކަންހާއިރު. އަދި ބަޔަކު ކައުންސިލްގެ ހުޅަނގު ފަރާތު ކުޑަ ދޮރެއް ތަޅާލާގެން ވަދެ ތިން ލައްކަ އެއްހާ ރުފިޔާ ތިޖޫރީ އިން ވަގައްނަގާފައި ހުރި،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މިހާދިސާޔާ ގުޅިގެން އުކުޅަހު ކައުންސިލްގެ ނައިބު ރައީސް ވިދާޅުވީ ތިޖޫރީ ފަޅާލައިގެން ވަގަށް ނެގި ލާރީގެ އިތުރުން އެހެން އެއްޗެއް ވަގަށް ނަގާފައިވާ ކަމެއް އަދި ނޭންގޭ ކަމަށެވެ. އަދި ފުލުހުން އެހިސާބެ އެކީ ބަންދުކޮށްގެން މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އުކުޅަހަށް ރޭ ވަރަށް ބޯކޮށް ވާރޭ ވެހުނު ރެއެކެވެ. އަދި ކައުންސިލްގައި ސެކިއުރިޓީގާޑެއް ވެސްނުހުރެ އެވެ.