ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ޕޮލިސް އެކަޑަމީ ހަދަން އައި އިންޑިއާ ބަޔަކު ޕޮޒިޓިވް

އިންޑިއާ ސަރުކާރުގެ އެހީތެރިކަމުގައި އައްޑޫ ސިޓީގައި ހަދަމުންދާ ޕޮލިސް އެކަޑެމީގެ މަސައްކަތަށް އިންޑިއާއިން އައި ބައެއް މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްް ވެއްޖެ އެވެ.

މި މަހު ކުރީކޮޅު އައްޑޫއަށް ގިނަ އަދަދެއްގެ އިންޑިއާގެ މަސައްކަތްތެރިން ވަނީ އައިސްފައެވެ. އެނގިފައިވާ ގޮތުގައި އެ މީހުންގެ ކަރަންޓީން މުއްދަތަށް ފަހު ކުރި ޓެސްޓްތަކުން ބައެއް މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެވައެވެ.

ހެލްތް މިނިސްޓްރީންވެސް ވަނީ އެކަން ޔަގީން ކޮށްދީފައެވެ. އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ތަސްލީމާ ވިދާޅުވީ އެކަޑަމީގެ މަސައްކަތަށް އައި މީހުން ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރަމުންދާ ކަމަށެވެ. އަދި އެ މުއްދަތު ހަމަަވުމުން އެ މީހުންގެ ސާމްޕަލް ނަގާ ކޮވިޑަށް ޓެސްޓް ކުރަމުންދާ ކަމަށެވެ. މިހާތަނަށް ލިބުނު ނަތީޖާތަކުން ބައެއް ނަތީޖާ ޕޮޒިޓިވްވެފައިވާ ކަމަށްވެސް ތަސްލީމާ ވިދާޅުވިއެވެ.

ނަމަވެސް ޕޮޒިޓިވްވީ ސީދާ އަދަދެއް ތަސްލީމާ ވިދާޅެއް ނުވެއެވެ.

"އެ އަދަދުތައް މިދަނީ ސާފު ކުރަމުން. މިއަދުގެ ނިޔަލަށް ހުރިހާ ނަތީޖާތަކެއް ލިބޭނެ. އޭގެ ފަހުން އެ މައުލޫމާތު ހާމަކުރާނެ،"

ފުލުހުންގެ ތަމްރީނުތަކަށް ހާއްސަ ކޮށްގެން އައްޑޫގައި، އިންޑިއާގެ ސަރުކާރުގެ ހިލޭ އެހީގައި އިމާރާތް ކުރާ ޕޮލިސް އެކަޑެމީގެ މަަސައްކަތަކީ ރައީސް ވަހީދުގެ ވެރިކަމުގައި ފެށުމަށް މަސައްކަތް ކުރި މަޝްރޫއެކެވެ. ނަމަވެސް އަދިވެސް އެ މަޝްރޫއު މުޅިން ނިންމާލެވިފައެއް ނުވެއެވެ. އެ މަޝްރޫއަށް ބަދަލުތަކެއް ގެނެސް އިންޑިއާ ސިފައިން އައްޑޫގައި ގާއިމްވެ ތިބޭ ގޮތަށް މި ސަރުކާރުން ހަމަޖައްސާފައިވާ ކަމަށް ބުނެ އިދިކޮޅުން ދަނީ ތުހުމަތުތައް ކުރަމުންނެވެ. ނަމަވެސް އެ ތުހުމަަތު ސަރުކާރުން ދޮގު ކުރެއެވެ. ސަރުކާރުން ބުނީ އެއްބަސްވުން އޮތީ ރައީސް ވަހީދުގެ ދުވަސްވަރު އޮތް ގޮތަކަށް ކަމަށެވެ.

އަށާރަ މިލިއަން ޑޮލަރުގެ އެ މަރުކަޒުގައި އެކޮމެޑޭޝަން ބްލޮކްތަކާއި މެޑިކަލް ހިދުމަތް ދޭނެ ކްލިނިކްތަކާއި ޕީޓީ ގްރައުންޑާއި ހެލިޕޭޑާއި އެފަދަ އެހެން ވެސް ޓްރެއިނިން ސެންޓަރެއް ހިމަނާފައި ވެއެވެ. އެތާނގެ ކޮންޓްރެކްޓަރަކީ އިންޑިއާގެ ސްރީ އަވަންތިކާ ކޮންޓްރެކްޓާސް ލިމިޓެޑެވެ.