ހަބަރު

ދަރަނިތައް އަންނަ އަހަރުގެ ނިޔަލަށް ފަސްކޮށްދޭން ރާއްޖޭން ގޮވާލައިފި

Sep 30, 2020

ކޮވިޑް-19 އިގެ ސަބަބުން ކުރިމަތިވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް ކުރިއަރާފައިވާ ގައުމުތަކުން ކުދި ގައުމުތަކަށް ދޫކޮށްފައިވާ ލޯނުތައް އަނބުރާ ދެއްކުން އަންނަ އަހަރުގެ ނިޔަލަށް ފަސްކޮށްދިނުމަށް ދިވެހި ސަރުކާރުން ގޮވާލައިފި އެވެ.

އދ ގެ އާއްމު މަޖިލީހުގެ 75 ވަނަ ބައްދަލުވުމުގެ އާއްމު ބަހުސްގައި ދިވެހިރާއްޖެ ތަމްސީލު ކުރުމުގެ ގޮތުން ފޮނުއްވެވި ވީޑިއޯ ހިތާބުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ބައިނަލްއަގުވާމީ ނިޒާމުގެ ތެރޭގައިވާ ތަފާތުތައް، ކޮވިޑް-19 އާއެކު މީގެ ކުރިން ނުފެންނަހާ ފާޅުކަންބޮޑުގޮތެއްގައި ހާމަވެފައިވާ ކަމަށާއި މި ބަލިމަޑުކަމުގެ އަސަރު އެކި ގައުމުތަކަށް އެކި މިންވަރަށް ކޮށްފައިވާ ކަމަށެވެ.

"ނަމަވެސް، މިއީ ހުރިހާ ގައުމަކަށް އެއްވަރަކަށް ލިބުނު ގެއްލުންތަކެކޭ ދެންނެވޭކަށް ނެތް. ދިވެހިރާއްޖެ ފަދަ، އާމްދަނީގެ 75 އިންސައްތަ، ސިދާގޮތުންނާއި ނުސީދާގޮތުން ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާވެފައިވާ ގައުމަކަށް ލިބުނު ގެއްލުން ގުނާ އަދަދު ނުކުރެވޭހާ ބޮޑު،" ޝާހިދު ވިދާޅުވި އެވެ.

މި ގޮތުން، ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ އިގުތިސޯދަށް، ދަރަނީގެ ސަބަބުން ލިބޭ ގޮޖެހުންތައް، މި ބަލިމަޑުކަމުގެ ސަބަބުން ވަރަށް ސާފުވެފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަދި ޖީ20 ގައުމުތަކުން ދޫކޮށްފައިވާ ލޯނުތައް އަނބުރާ ދެއްކުން ވަގުތީ ގޮތުން ހުއްޓާލާފައިވީ ނަމަވެސް، ޑިސެމްބަރު 31 އާއި ޖެނުއަރީ 1 ގެ ތަފާތަކީ ހަމައެކަނި އަހަރު ބަދަލުވުންކަމަށް ޝާހިދު ފާހަގަކުރެއްވި އެވެ.

"ކުރިމަތިވެފައިވާ އިގުތިސޯދީ އަނދަވަޅުން އަރައިގަތުމަށް މަސައްކަތްތަކެއް ކުރަންޖެހިފައިވާތީ، ޖީ20 ގެ މި ނިންމެވުން 2021 ވަނަ އަހަރުގެ ނިމުމާއި ހަމައަށް ފަސްކޮށްދެއްވުމަށް އެ ގައުމުތަކުގެ ކިބައިން އަޅުގަނޑު އެދެން،" އޭނާ ވިދާޅުވި އެވެ.

އަދި ކޮވިޑް-19 ރޯގާއަށް ވެކްސިނެއް ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި މި ވެކްސިން ބޭނުންވާ ހުރިހާ ފަރާތްތަކަށް، ވިހާވެސް އަވަހަށް، ހަމަހަމަ ގޮތެއްގައި ވެކްސިން ލިބިގެން ދިއުމުގެ ޔަގީންކަން ކަށަވަރުކޮށްދިނުމަށްވެސް ޝާހިދު ވަނީ ގޮވާލައްވައިފަ އެވެ.