ވިޔަފާރި

އިހަވަންދިއްޕޮޅަށް ޔޮޓް މެރީނާއާއި ސިޓީ ހޮޓަލުގެ މަޝްރޫއެއް ފަށަނީ

Sep 30, 2020
1

އިހަވަންދިއްޕޮޅުގައި އޮންނަ، ހއ. އުލިގަމުގެ ސިޓީ ހޮޓަލެއްގެ އިތުރުން ޔޮޓް މެރީނާއެއް އަޅަން، ބީލަމަށް ހުޅުވާލަން ތައްޔާރު ވެއްޖެ އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ޓޫރިޒަމް ބޮޑު މަޝްރޫއެއް އިއުލާނު ކުރުމަށް ސަރުކާރުން ދަނީ ތައްޔާރު ވަމުންނެވެ. އެ މަޝްރޫއަކީ ހއ. އުލިގަމުގެ ސިޓީ ހޮޓަލެއްގެ އިތުރުން ޔޮޓް މެރީނާއެއް އަޅާށެވެ. ނަަމަވެސް މި މަޝްރޫއާ ބެހޭ ގޮތުން ޓޫރިޒަމް މިނިސްޓްރީން ރަސްމީކޮށް އެއްޗެއް ބުނަފައެއް ނުވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ރޭ ވަނީ އިހަވަންދިއްޕޮޅުގައި އިންވެސްޓްމަންޓް ފުރުސަތު އެބައޮތް ކަމަށް ބުނެ، ވީޑިއޯއެއް އާއްމުކޮށްފަ އެވެ. ޓޫރިޒަމް މިނިސްްޓްރީން ވަނީ އުތުރުގެ ތަރައްގީއަށް އިންވެސްޓަރުން ހޯދަމުންދާކަން އިއުލާނުކޮށް އިޝްތިހާރެއް އާންމު ކޮށްފަ އެވެ. އިހަވަންދިއްޕޮޅުގެ ހިތްގައިމު މަންޒަރުތަކާއެކު އާންމު ކޮށްފައިވާ އެ އިޝްތިހާރުގައި ބުނެފައި ވަނީ މިއީ ރާއްޖޭގައި އިންވެސްޓް ކުރަން ރަނގަޅު ފުރުސަތެއް ކަމަށެވެ. އެ ސަރަހައްދުގައި ފަސޭހައިން ދަތުރުކުރެވޭނެ ނިޒާމެއް ވެސް ގާއިމްކޮށްފައިވާ ކަމަށާ އެގޮތުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ހޯރަފުށީގައި ހަދަމުންދާ އެއާޕޯޓްގެ މަސައްކަތް ފާހަގަކޮށްފައިވެ އެވެ.

އިހަވަންދިއްޕޮޅުގެ ތަރައްގީއަކީ ދިވެހިންގެ އިންތިޒާރާ ގުޅިފައިވާ ކަމެއްކަން ފާހަގަކޮށް އަންނަ މަހުގެ ހަތަރުވަނަ ދުވަހު އިހަވަންދިއްޕޮޅު އިންވެސްޓަރުންނަށް ހުޅުވާލާނެ ކަމަށްވެސް އެ އިޝްތިހާރުގައި ބުނެފައި ވެއެވެ.

އުލިގަމްއަކީ މީގެ ކުރިން ވެސް ސިޓީ ހޮޓާ އެޅުމުގެ މަޝްރޫއެއް ހިންގި ރަށެވެ. ޓޫރިޒަމްގެ ފައިދާ ދިވެހި ގިނަ ރައްޔިތުންނަށް ހޯދައިދިނުމުގެ މަގުސަދުގައި 2007 ގައި އުފެއްދި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ފެށި މަޝްރޫއު ފަހުން ވަނީ ހުއްޓިފަ އެވެ.

އުލިގަމް ހިމެނޭ އިހަވަންދިއްޕޮޅުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ވެސް އުތުރަށް ތަރައްގީގެ ވަރުގަދަ މަޝްރޫއެއް އިފްތިތާހު ކުރި އެވެ. "އައި ހެވަން" ގެ ނަމުގައި އިއުލާނުކުރި އެ މަޝްރޫއަކީ އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމަންޓް ބަނދަރަކާއެކު، ބަނދަރުގެ ވިޔަފާރިއަށް ބޭނުންވާ އިތުރު ދާއިރާތަކާއި އެ ތަނުގައި މުދާ އުފެއްދުމާއި ބަންދު ކުރުމާއި ގުދަން ކުރުމުގެ އިތުރުން ބައިނަލްއަގްވާމީ ފެސިލިޓީއަކާއި އެއާޕޯޓަކާއި ރިއަލްއެސްޓޭޓްގެ ބައިތައް ހިމެނޭ ގޮތަށް އިއުލާން ކުރި މަޝްރޫއެެކެވެ. އެ މަޝްރޫއުގެ ފީޒިބިލިޓީ ސްޓަޑީ ނިމިފައިވާ ކަމަށް އެއިރުގެ ސަރުކާރުން ބުނި ނަމަވެސް ސަރުކާރުގެ ދައުރު ނިމުނުއިރު މަޝްރޫއުގެ އަމަލީ މަސައްކަތެއް ނުފަށަ އެވެ.