ދުނިޔެ

އެޗްއައިވީން ރަނގަޅުވި ފުރަތަމަ މީހާ ކެންސަރުގައި މަރުވެއްޖެ

ދުނިޔޭގައި އެޗްއައިވީ ޖެހުމަށް ފަހު އެންމެ ފުރަތަމަ ރަނގަޅުވި ޓިމޮތީ ރޭ ބްރައުން ކެންސަރު ބަލީގައި މަރުވެއްޖެ އެވެ. ބްރައުން މަޝްހޫރުވެފައި ވަނީ "ދަ ބާލިން ޕޭޝަންޓް" ގެ ނަމުންނެވެ.

އުމުރުން 54 އަހަރުވީ ބްރައުން އަކީ އެމެރިކާއަށް އުފަން މީހެކެވެ. އޭނާ ޖަރުމަންގެ ބާލިން ގައި އުޅެނިކޮށް 1995 ގައި ވަނީ އެޗްއައިވީ އަށް ޕޮސިޓިވް ވެފަ އެވެ. އަދި އޭގެ ފަހުން 2007 ގައި އޭނައަށް ވަނީ ލޭގެ ކެންސަރު ނުވަތަ ލިއުކީމިއާ ޖެހިފަ އެވެ. ހަމަ އެ އަހަރު ތެރޭގައި އޭނާ ވަނީ ޑޯނާ އެއްގެ އެހީގައި ބޯން މެރޯ ޓްރާންސްޕްލާންޓް ވެސް ހަދާފަ އެވެ. އެ ޑޯނާއަކީ ގުދުރަތީ ގޮތުން އުފެދުމުގައި ވެސް އެޗްއައިވީން ދިފާއުވުމުގެ ބާރު ހުރި މީހެކެވެ. އެހެންވުމުގެ ސަބަބުން ބްރައުން ވަނީ އެޗްއައިވީ ބަލިން މުޅިން ރަނގަޅުވެފަ އެވެ. އަދި ކުރިން ބޭނުން ކުރަމުން ދިޔަ އެންޓި ވައިރަލް ޑްރަގް ބޭނުން ކުރުން ވަނީ މުޅީން ހުއްޓާލާފަ އެވެ.

އެޗްއައިވީއަކީ އޭގެ ސަބަބުން އެއިޑްސް ޖެހޭ ބައްޔެވެ.

ބްރައުން އެޗްއައިވީ އިން ފަސޭހަ ވުމަށް މެދުވެރިވީ އޭނައަށް ޖެހިފައިވާ ލިއުކީމިއާއަށް ފަރުވާ ކުރުމުގެ ތެރޭގަ އެވެ. އެކަމަކު މިއަހަރު ތެރޭގައި އޭނަގެ ލިއުކީމިއާ ހާލަތު ގޯސްވެ ވަނީ ސިކުނޑި އާއި މައިބަދަޔަށް ފެތުރިފަ އެވެ، އަދި ފަސް މަސް ދުވަހުގައި ލިއުކީމިއާގެ ވޭނުގައި އުޅުމަށް ފަހު އެންމެ ފަހުން އޭނަ ވަނީ މަރުވެފަ އެވެ.

ބްރައުން އަށް ދިން ފަރުވާއަކީ ވަރަށް ނުރައްކާތެރި އަދި އުނދަގޫ ފަރުވާ އެކެވެ. އަދި އެފަރުވާއަކީ ކެންސަރު ބައްޔަށް ހާއްސަ ފަރުވާ އަކަށްވެފައި އަގު ބޮޑު ފަރުވާ އަކަށްވުމުން ދުނިޔޭގައި އެޗްއައިވީ ޖެހިފައިވާ 38 މިލިއަން މީހުންނަށް އެ ފަރުވާ ދިނުމަކީ ހަރަދުގެ ގޮތުން ކުރެވޭނެ ކަމަކަށް ނުވާނެ އެވެ. އެކަމަކު ބްރައުންގެ ވާހަކަ އަކީ ސައިންސްވެރިންނާއި އެޗްއައިވީ ބަލި މީހުންނަށް އެ ބައްޔަކީ އެކީގައި ރަނގަޅު ކުރެވިދާނެ ބައްޔެއް ކަމުގެ އުންމީދު އާލާވި ވާހަކައަކަށް ވެފައި ވެއެވެ.

އިންޓަނޭޝަނަލް އެއިޑްސް ސޮސައިޓީ (އައިއޭއެސް) އިން ވަނީ ބްރައުން މަރުވުމާއި ގުޅިގެން އެކަމާއި ހިތާމަ ފާޅުކޮށްފަ އެވެ.

އެޗްއައިވީ ބަލިން މުޅީ ރަނގަޅުވި ދެވަނަ މީހާ އެޑަމް ކަސްޓިލެޖޯ ނުވަތަ "ލަންޑަން ޕޭޝަންޓް" އަށް ދިނީ ވެސް ބްރައުން އަށް ދިން ފަރުވާ އެވެ. އޭނަ އެޗްއައިވީން ރަނގަޅުވީ މި އަހަރު ތެރޭގަ އެވެ.