ފްރާންސް

ފްރާންސްގެ ހާލަތު ގޯހުން ގޯހަށް

ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ފްރާންސްގެ ޒުވާން ކުއްޖަކު މަރާލުމާ ގުޅިގެން މުޅި ފްރާންސްގައި ކުރަމުންދާ މުޒާހަރާތަކުގައި އެތައް ބަޔަކު ހައްޔަރުކޮށް ފްރާންސްގެ ރައީސް މެކްރޮން ކުއްލި ބައްދަލުވުމެއް ބާއްވައިފި އެވެ.

މުޒާހަރާ ކުރާ މީހުން ވަނީ ރުޅިއައިސްގެން ކާރު ތަކާއި ސަރުކާރުގެ އިމާރާތްތަކުގައި ހުޅުޖަހައި ބައެއް ތަންތަނާއި ބައެއް ތަކެތި އަންދާލާފ އެެވެ. އަދި ފުލުހުންނާއި ދިމާލަށް ގޮވާތަކެތި އުކާފައިވެ އެވެ.

ފްރާންސްގައި މުޒާހަރާތައް ފެށުނީ މިދިޔަ އަންގާރު ދުވަހު އަލްޖީރިއާ ދަރިކޮޅަށް ނިސްބަތްވާ އުމުރުން އެންމެ 17 އަހަރުގެ ނާހިލްގެ މެއަށް ބަޑި ޖަހައި މަރާލުމާ ގުޅިގެންނެވެ. މިކަމާ ހެދި ފްރާންސްގައި ވަނީ ވަރުގަދަ ބަހުސްތަކެއް ފެށިފަ އެވެ. މީގެ ކުރިންވެސް ފްރާންސްގައި އިންސާނީ ހައްގުތައް ދިފާއުކުރާ ގުރޫޕްތަކުން ވަނީ ފުލުހުން ބޭނުން ކުރާ އުކުޅުތަކަށް ފާޑުކިޔަމުން އައިސްފަ އެވެ.

"އަހަރެމެންނާއި ދޭތެރޭ މިގޮތަށް އަމަލުކުރާތީ މި ތިބީ ހަމައިން ނައްޓާފައި. މިކަން މިކުރަނީ ނާހިލް އަށްޓަކައި،" އެވެންޖާސްގެ ނަމުން އަމިއްލައަށް މުހާތަބް ކުރި ޒުވާނަކު ބުނެފައިވެ އެވެ.

ފްރާންސްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާތީ ރައީސް މެކްރޯން ގެންދަވަނީ އޭނާގެ ވަޒީރުން އެއްތަންކޮށް ކުއްލި ބައްދަލުވުންތަކެއް ބާއްވައި އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރަމުންނެވެ.

މުޒާހަރާތަކުގައި މިހާތަނަށް 700 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާއިރު މެކްރޯން ވިދާޅުވީ މުޒާހަރާ ކުރާ މީހުން ހިންގަމުން ގެންދަނީ އިންސާފްވެރި އަމަލެއް ނޫން ކަމަށެވެ. ފުލުހުންނަށާއި، ޕޮލިސް ސްޓޭޝަންތަކަށާއި، ސްކޫލް ތަކަށާއި އަދި ޓައުން ހޯލް ތަކަށް ހަމަލާ ދީފައިވާ މަންޒަރު ފެނިފައިވާ ކަމަށްވެސް މެކްރޯން ބުނެފައިވެ އެވެ.

ފްރާންސްގެ އެކި ހިސާބުތަކުގައި މަގުފާރުތަކުގައި "ޖަސްޓިސް ފޯ ނާހިލް" އަދި "ޕޮލިސް ކިލް" ފަދަ އިބާރާތްތައް ލިޔަމުން ގެންދާއިރު ފްރާންސްގެ ދެވަނަ އަށް އެންމެ ބޮޑު ޖަލު ކަމުގައިވާ ފްރޯންސޭގެ ސެކިއުރިޓީއަށްވެސް މުޒާހަރާ ބައިވެރިން ވަނީ ހަމަލާދީފަ އެވެ.