ދުނިޔެ

އިނގިރޭސި ބޮޑުވަޒީރުގެ ބައްޕާފުޅު ފްރާސްންގެ ރަށްވެހިކަން ހޯއްދަވަނީ

އިނގިރޭސި ބޮޑުވަޒީރު، ބޮރިސް ޖޯންސަންގެ ބައްޕާފުޅު، ސްޓޭންލީ ޖޯންސަން، ފްރާންސްގެ ރަށްވެހިކަން ހޯއްދަވަން މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވިދާޅުވެއްޖެ އެވެ.

ސަބަބެއް ކަމަށް ވިދާޅުވީ ޔޫރަޕިއަން ޔޫނިއަން ގައުމެއް ގޮތުގައި އިނގިރޭސިވިލާތް އޮތްއިރު ލިބިލެއްވި ފަސޭހަތަކުގައި ދެމިހުންނެވުމަށް ކަމަށެވެ. ބްރެކްސިޓްއަށް ފަހު ސްޓޭންލީ ޖޯންސަން އެ ވިދާޅުވި އިނާޔަތްތައް އިނގިރޭސިންގެ އަތުން އުވިގެން ދާނެ އެވެ.

ސްޓޭންލީ ޖޯންސަންއަކީ ކުރިން ޔޫރަޕިއަން ޕާލަމެންޓ މެންބަރެކެވެ. އިނގިރޭސިވިލާތް ޔޫރަޕިއަން ޔޫނިއަނުން ވަކިވުމަށް 2016 ގައި ނެގުނު އާންމު ވޯޓުގައި އޭނާ އިޚުތިޔާރު ކުރެއްވި ކަމަށް ވިދާޅުވީ ޔޫރަޕިއަން އިއްތިހާދުގައި ދެމި އޮތުމަށެވެ.

ފްރާންސްގެ އާރުޓީއެލް ރޭޑިއޯއާ ވާހަކަ ދައްކަމަވުން ސްޓޭންލީ ވިދާޅުވީ ފްރާންސް މީހަކަށް ވެވަޑައިގަންނަވަން އުޅުއްވާތީ އުފެދޭނެ ސުވާލެއް ނެތް ކަމަށެވެ.

"އަޅުގަނޑަށް ލިބިފައި ހުރި މައުލޫމާތުގައި ކުށެއް ނެތް ނަމަ، އަޅުގަނޑަކީ ފްރާސް މީހެއް! އަޅުގަނޑުގެ މަންމަ އުފަންވެވަޑައިގަތީ ފްރާސްގަ. އޭނާގެ މަންމައަކީ ފްރާން ރައްޔިތެއް އަދި އޭނާގެ ކާފަ ވެސް"

ސްޓޭންލީ، 80، ފްރާންސް މީޑިއާއަށް ފްރާންސް ބަހުން ވާހަކަދައްކަވަމުން ވިދާޅުވީ މަސައްކަތްކުރައްވަނީ އާކަމެއްް ކުރައްވަން ނޫން ކަމަށާއި އަލުން ކަމެއް ކުރަންވަން ކަމަށެވެ.

"އަޅުގަނޑު އަބަދުވެސް ވާނީ ޔޫރަޕް މީހަކަށް" ސްޓޭންލީ ވިދާޅުވި އެވެ "އެއީ ސުވާލެއް އޮތް ކަމެއް ނޫން. އެކަކަށް ވެސް ނުނިންމޭނެ އިނގިރޭސިންނަކީ ޔޫރަޕް މީހުން ނޫން ކަމަކަށް. ޔޫރަޕާއެކު ގާތް ގުޅުމެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް" އޭނާ ވިދާޅުވި އެވެ.

އިނގިރޭސިވިލާތް ޔޫރަޕުން ވަކިވުމަށް އާންމުގެ ކުރިމައްޗަށް ނިކުވެވަޑައިގެން އެންމެ ބޮޑަށް ވަކާލާތުކުރެއްވި ބޭފުޅަކީ ސްޓޭންލީގެ ދަރިފުޅު، އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އެވެ.