ފިނިޕޭޖް

ޖޮނީ ޑެޕް ބުނަނީ އޮސްކާއެއް ބޭނުން ނުވާ ކަމަށް!

ހޮލީވުޑްގެ އެންމެ އަގުބޮޑު އެކްޓަރުންގެ ތެރޭގައި ހިމެނޭ ޖޮނީ ޑެޕްގެ އާ ފިލްމު "ބްލެކް މާސް" ލަންޑަނުގައި ޕްރިމިއާކުރިއިރު އެންމެ ގަދަ އަށް ދެކެވޭ ވާހަކަ އަކަށް މިހާރު ވެފައި އޮތީ މި ފިލްމު އެންމެފަހުން ޑެޕަށް އޮސްކާ ލިބޭނެ ވާހަކަ އެވެ.

ނަމަވެސް ޖޮނީ ޑެޕް ބުނަނީ އޭނާ އަށް އޮސްކާއެއް މުހިންމު ނޫން ކަމަށާއި އޮސްކާއެއް ދުވަހަކު ނުލިބުނަސް މައްސަލައެއް ނެތް ކަމަށެވެ.

"އަހަރެން ބޭނުމެއް ނޫން ދުވަހަކު ވެސް ތީގެ އެވޯޑެއް. އޭރު އަހަރެން ނުޖެހޭނެތާ ވާހަކަ ދައްކާކަށް ވެސް،" ފިލްމުގެ ލަންޑަން ޕްރިމިއާގައި ބީބީސީގެ ނިއުސްބީޓަށް ދިން އިންޓަވިއުއެއްގައި ޑެޕް ބުންޏެވެ.

އޭނާ ބުނީ ފިލްމީ ދުނިޔޭގެ އެންމެ ޝަރަފްވެރި އެވޯޑް ކަމުގައިވާ އޮސްކާއެއް ނުލިބުނަސް އޭގެ އެވޯޑަކަށް ނޮމިނޭޓްވުމުން ފުދޭ ކަމަށެވެ.

"އެމީހުން މިހާރު ދެތިން ފަހަރަކު އަހަރެން ނޮމިނޭޓްކޮށްފި އޭގެ އެވޯޑަކަށް. އެހެންވީމަ އެވެސް ވަރަށް ބޮޑުވަރު،" ޑެޕް ބުންޏެވެ.

ޖޮނީ ޑެޕް އޮސްކާ އަށް ވާދަކޮށްފައި ވަނީ 2004 ވަނަ އަހަރުގެ ފިލްމު "ފައިންޑިން ނެވަލޭންޑް" އާއި 2007 ވަނަ އަހަރުގެ ފިލްމު "ސްވީނީ ޓޮޑް" އަދި 2003 ވަނަ އަހަރު ނެރުނު "ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ގެ ފުރަތަމަ ފިލްމުންނެވެ.

މިފަހަރުގެ ފިލްމު "ބްލެކްމާސް" ގައި ޑެޕް ކުޅެފައި ވަނީ ބޮސްޓޮންގެ މަޝްހޫރު ގޭންގްސްޓާރެއްގެ ރޯލެވެ. މި ފިލްމުގައި ޑެޕް ދައްކުވައިދީފައިވާ އެކްޓިންނަށް ގިނަ ބަޔަކު ތައުރީފު އޮއްސަމުން އަންނައިރު މި ފިލްމަކީ އޮސްކާގެ ފެވަރިޓަކަށް ވާނެ ފިލްމެއް ކަމަށް ބެލެވެ އެވެ.

އަނެއްކޮޅުން މި ފިލްމާ އެކު ޖޮނީ ޑެޕް ބޮޑު ސްކްރީނަށް އަންނައިރު މިފަހުން އޭނާ ކުޅުނު ގިނަ ފިލްމުތަކަކީ ފްލޮޕްވި ފިލްމުތަކަކަށްވުމުން ބައެއް މީހުން ބުނަނީ މިއީ "އަސްލު" ޖޮނީ ޑެޕްގެ ކަމްބެކެއް ކަމަށެވެ.

ނަމަވެސް ޑެޕް ބުނެފައި ވަނީ އޭނާގެ އެހެން ފިލްމުތަކުގައި ނުކުރާ ފަދަ އާދަޔާހިލާފު މޮޅުކަމެއް ވަކި މި ފިލްމުގައި ވެސް ނުކުރާ ކަމަށެވެ.

އޭނާ ބުނީ އޮސްކާ އަށް ބަލައިގެން އެކްޓްކުރުމަކީ އޭނާގެ ގޮތެއް ނޫން ކަމަށާއި އޭނާ ކުޅޭ ފިލްމެއް ބަޔަކަށް ކަމުދިޔަޔަސް އަދި ކަމުނުދިޔަޔަސް އޭގައި މައްސަލައެއް ނެތް ކަމަށެވެ.