މިދިޔަ އަހަރާއި އަޅާބަލާއިރު މި އަހަރުގެ ދެވަނަ ކްއާޓާގައި ސައުދީ އަރަބިއްޔާގެ އިގްތިސޯދު ހަތް ޕަސެންޓް ދަށަށް ސޮއްސާލައިފި އެވެ. ސައުދީ ސަރުކާރުން އިއްޔެ ހާމަކުރި ހިސާބު ތަކުގައިވާ ގޮތުން އިގްތިސޯދު ދަށްވުމުގެ އިތުރުން ވަޒީފާ ނެތް މީހުންގެ ނިސްބަތް ވެސް ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.
ދުނިޔޭގައި ސާފު ނުކުރާ ތެޔޮ އެންމެ ގިނައިން އެކްސްޕޯޓް ކުރާ ސައުދީގެ ތެލުގެ އެކްސްޕޯޓް ވެސް މިދިއަ އެޕްރީލް އިން ޖޫންގެ ނިޔަލަށް ވަނީ 5.3 ޕަސެންޓަށް ދަށްވެފަ އެވެ. މި ގޮތަށް ދިމާވަން މެދުވެރިވި ސަބަބަކީ ކޮރޯނާ ވައިރަސްގެ ބަލާއާފާތުގެ ސަބަބުން ތެލަށް ބަރޯސާ ވާވަރު ދަށްވެފައި ވާތީ އެވެ.
މި އަހަރުގެ ދެވަނަ ކްއާޓާ ގައި ސައުދީގައި ވަޒީފާ ނެތް މީހުންގެ އަދަދު ވަނީ 15.4 ޕަސެންޓަށް އަރާފަ އެވެ. މިއީ މިހާތަނަށް ވަޒީފާ ނެތް މީހުންގެ އަދަދު އެންމެ މައްޗަށް އެރި ފަހަރެވެ.
ދުނިޔޭގައި ތެޔޮ އެންމެ ގިނައިން އެކްސްޕޯޓު ކުރާ ގައުމު ތަކުގެ މެދުގައިވި ވަގުތީ އެއްބަސް ވުމެއްގެ ސަބަބަބުން ތެލުގެ އަގު ފީފާ އަކަށް 40 ޑޮލަރަށް މައްޗައް ގޮސްފައި ވެއެވެ. އެކަމަކު އެއީ މިއަހަރު ފެށުނު އިރު ތެލުގެ އަގު ހުރި ވަރަށް ވުރެ 40 ޕަސެންޓް ދަށް އަދަދެކެވެ.
އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ބުނާ ގޮތުގައި ސައުދީގެ ބަޖެޓް މިއަހަރު އެއްވަރެއްގައި ހިފެހެއްޓުމަށް ތެޔޮ ފީފާ އެއްގެ އަގު 76 ޑޮލަރު ގައި ހިފަހައްޓަން ޖެހެ އެވެ. ނަމަވެސް މިހާރު ތެލުގެ އަގު ހުރި މިންވަރަކީ އެ އަދަދާއި ކައިރިކުރާ މިންވަރެއް ނޫނެވެ. ސައުދީގެ އިގްތިސާދުގެ 80 ޕަސެންޓް ބިނާ ވެފައިވަނީ ތެލުގެ އާމްދަނީގެ މައްޗަށެވެ.
އައިއެމްއެފް އިން ލަފާ ކުރާ ގޮތުގައި މި އަހަރު ސައުދީ އިގްތިސޯދި 6.8 ޕަސެންޓް ދަށަށް ދާނެ އެވެ. އެކަމަކު އަންނަ އަހަރު 3.1 ޕަސެންޓްގެ ކުރިއެރުމެއް އިގްތިސާދަށް ލިބޭނެ އެވެ.