ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަނެއްކާ ވެސް އިތުރު ކައިވެންޏެއް ކުރައްވައިފި އެވެ.
އުމުރުފުޅުން މިހާރު 71 އަހަރުގެ ގާސިމް މިފަހަރު ކައިވެނި ބައްލަވައިގަތީ އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އދ. މާމިގިލީ ވަރަށް ޒުވާން ބޭފުޅަކާ އެވެ. ގާސިމް ކައިވެނި ބައްލަވައިގަތް ރާނިޔާ އަބްދުލް ހަމީދުގެ އުމުރުން 20 އަހަރެވެ. އެ ދެ ބޭޅުންގެ އުމުރުގައި 51 އަހަރުގެ ތަފާތެއް ވެއެވެ.
ގާސިމާއި ރާނިޔާގެ ކައިވެނި ހަފްލާ އޮތީ ގާސިމްގެ ސަން އައިލެންޑް ރިސޯޓްގަ އެވެ. އެ ރިސޯޓްގައި އޮތް ރަސްމިއްޔާތަށް ދައުވަތު ދިނީ ވަރަށް ހާއްސަ ބޭފުޅުން ކޮޅަކަށެވެ.
ގާސިމް އިތުރު ކައިވެންޏެއް ކުރެވިއިރު ވަރަށް ފަހަކާ ޖެހެންދެން އެމަނިކުފާނުގެ ހަތަރު އަނބިކަނބަލަކު ތިއްބެވި އެވެ. އެހެން ނަމަވެސް ރާނިޔާއާ ކައިވެނި ކުރެއްވުމަށް ވަރި ކުރެއްވީ އޭގެ ތެރެއިން ކޮން އަންބެއް ކަމެއް އެނގިފައެއް ނުވެއެވެ.
ވިޔަފާރިވެރިޔާ އަދި މި ސަރުކާރު ކޯލިޝަންގެ އެއް ލީޑަރު ގާސިމް އިބްރާހިމްގެ ހަގު އަނބިކަނބަލުންގެ ގޮތުގައި މިހާތަނަށް އިންނެވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެވެ. ނަމަވެސް އެ ދެ ބޭފުޅުންގެ ގުޅުން ގޯސްވެފައިވާ ކަމަށް އަޑުފެތުރިފައިވާއިރު ގާސިމް އެކަމަނާ ވަރި ކުރައްވާފައިވާ ކަމަށް ވެސް އަޑުތައް ފެތުރިފައި ވެއެވެ.
އާ ކައިވެންޏެއް ކުރެއްވި އިރު ފަސް ބޭފުޅެއްގެ ފަރާތުން ގާސިމަށް 15 ބޭފުޅުން ލިބި ވަޑައިގެންފައި ވެއެވެ.