ދުނިޔެ

ޝަރުތެއް ނެތި އާމިނިއާ ފަހަތަށް ޖެހެންދެން އޮތީ ހަނގުރާމަ: އާޒަބައިޖާން

ބޮޑު މައްސަލަތަކާއި ހަމަނުޖެހުންތައް އުފެދި ހަނގުރާމައަކަށް ބަދަލުވެފައިވާ ނަގޯނަކަރަބާ ސަރަހައްދުން އާމީނިއާ ސިފައިން އެއްވެސް ޝަރުތަކާ ނުލައި ފަހަތަށް ޖެހި މައިދާނުން ފައިބަންދެން ހަނގުރާމަ ކުރިޔަށް ގެންދާނެ ކަމަށް އާޒަބައިޖާންގެ ރައީސް އިލްހާމް އަލިޔޭވް ވިދާޅުވެއްޖެ އެވެ.

މި ދެ ގައުމުގެ ދެމެދުގައި ހަނގުރާމައެއް ފެށިގެން އުޅޭތާ މިހާުރު ހަތަރު ދުވަސް ވެއްޖެ އެެވެ. ނަގޯނަކަރަބާ ސަރަހައްދުގައި މިހާރު ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް 100 އަށްވުރެ ގިނަ މީހުން މަރުވެފައި އެވެ. މި ސަރަހައްދަކީ ރަސްމީކޮށް އާޒަބައިޖާން ސަރަހައްދަކަށްވި ނަމަވެސް އެ ސަރަހައްދުގައި ހިނގަނީ އާމީނިއާ ދަރިކޮޅުގެ ބާރެވެ. އަދި އެ މީހުންގެ ވެރިކަމެކެވެ.

ކުރީގެ ރޫސީ ވިލާތުގެ ދެ ޖުމްހޫރިއްޔާ ކަމުގައިވާ އާޒަބައިޖާން އާއި އާމީނިއާ އާއި ދެމުދު ވަނީ 1988 އިން 1994 އަށް ނަގޯނަކަރަބާގެ މައްސަލައިގައި ހަނގުރާމައެއް ކޮށްފައި ވެއެވެ. އާމީނިއާއިން ނަގޯނަކަރަބާ ގައި ހިންގާ އާމީނިއާ ދަރިކޮޅުގެ ސަރުކާރަށް ތާއީދު ކުރިއަސް ރަސްމީކޮށް އެ ސަރުކާރު ގަބޫލު ކޮށްފައެއް ނުވެ އެވެ.

މިފަހަރު ހަމަލަތައް ބަދަލުކުރަންފެށި ސަބަބެއް މިހާތަނަށް ސާފު ވެފައެއް ނުވެ އެވެ. މިއީ 1994 ގައި ދެ ގައުމު ސުލްހަވުމަށް ފަހު ބަދަލު ކުރެވުނު އެންމެ ވަރުގަދަ ހަމަލަ ތަކެވެ. ބައިނަލް އަގުވާމީ ބާރުތަކަކުން މި ހަނގުރާމައިގެ ތެރެއަށް ވަދެގެންފާނެކަމުގެ ބިރު މިހާރު ވެސް ވަނީ ހީވެފަ އެވެ.

އިއްޔެ ފަރަންސޭސި ރައީސް މެކްރޯން ވިދާޅުވީ ތުރުކީން ލިބެމުންދާ ހަނގުރާމަވެރި މެސެޖްތަކުން ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. ތުރުކީ އަކީ އަޒަބައިޖާނަށް ތާއީދު ކުރާ ގައުމެކެވެ. އަދި ތުރުކީން ބުނެފައިވަނީ އާޒަބައިޖާނަށް އެހީވުމަށް އެ ގައުމު ފުރިހަމަ އަށް ތައްޔާރުވެފައިވާ ކަމަށެވެ.