އެމްއެމްޕީއާރްސީގެ ހިޔާނާތުގެ އެއްވެސް ފައިސާއެއް އަދާލަތު ޕާޓީއަށް ލިބިފައިނުވާ ކަމަށާ އެ ފައިސާ ލިބުނު ފަރާތްތަކުގެ ތަފްސީލް ހާމަ ކުރަން އަދާލަތު ޕާޓީން ގޮވާލައިފި އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތު އެންމެ ބޮޑަށް ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިއްޔެ ޝަރީއަތުގައި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ހުރިހާ ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ އެތައް ބޭފުޅުންނަކަށް ލިބިފައިވާ ކަމަށާ އަދި ކުރީގެ ރައީސުންނާއި މަޖިލީސް މެމްބަރުންނާއި ސަރުކާރުގެ ވުޒާރާތަކާއި މިނިވަން މުއައްސަސާތަކަށް ވެސް މި ފައިސާ ލިބިފައިވާ ކަމަށެވެ.
އެ ތުހުމަތުތައް ދޮގުކޮށް އަދާލަތުން ބުނީ އެ ޕާޓީއަކީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ރައީސް އަބްުދުﷲ ޔާމީންގެ ވެރިކަމުގައި ހިންގަމުން އައި ހިޔާނާތާއި ކޮރަޕްޝަންގެ ވާހަކަ އެންމެ ހަރުއަޑުން ދެއްކި ޕާޓީ ކަމަށެވެ. އަދި އަދީބު އޭރު ހިންގަވަމުން ގެންދެވި ޣައިރު ގާނޫނި ކަންތަކުގެ ވާހަކަ އެ ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި އޮވެ، އެންމެ ފުރަތަމަ ދެއްކީ ވެސް އަދާލަތުން ކަމަށެވެ.
"އަދާލަތު ޕާޓީގެ އެންމެހާ މެންބަރުންނާއި ދިވެހި ރައްޔިތުންނަށް އަރުވަން އޮތް ޔަގީން ކަމަކީ މި ހިޔާނާތުގެ ތެރެެއިން ހޯދި ކަމަަށް ތުހުމަތު ކުރެވޭ އެއްވެސް މުދަލެއް ނުވަތަ ފައިސާއެއްގެ މަންފާ މި ޕާޓީން ހޯދާފައި ނުވާނެ ކަމުގެ ޔަގީން ކަމެވެ،"
އެ ޕާޓީން ބުނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ޝާމިލްވާ އެންމެންގެ ނަންތައް ހާމަ ކުުރުމަށް ވެސް ގޮވާލާފަ އެވެ. އަދި އެ ހިޔާނާތް ހިންގި ގޮތާއި އެ މުއާމާލަތްތަކުގެ ތަފްސީލް ވެސް ހާމަ ކުރުމަށް ގޮވާލާފައި ވެއެވެ.
އަދީބު އިއްޔެ ވިދާޅުވީ ސިޔާސީ މަސައްކަތަކަށާއި ސީދާ ޕީޕީއެމަށް ވެސް އެމްއެމްޕީއާރްސީގެ ފައިސާ ބޭނުން ކޮށްފައިވާ ކަމަށެވެ. އަދި މިނިވަން މުއައްސަސާތަކަކާއި ޝަރުއީ ދާއިރާ އަށާއި މަޖިލީހުގެ އެކި ވޯޓްތަކަށް ފައިސާ ހަރަދުކުރި ކަމަަށެވެ. އަދީބުގެ ވާހަކަތައް މިފަހަރު މިގޮތަށް އައީ ކުރިން ތަފާތުކޮށް ވާހަކަތަކެއް ދައްކާފައިވަނިކޮށެވެ. އަދީބު ވަނީ ހަތް ދައުވާއަށްވެސް އިއުތިރާފުވެ ދައުލަތާއެކު އެއްބަސްވުމެއް ހަދާފައެވެ.