ވިޔަފާރި

250 މިލިއަން ޑޮލަރުގެ ބޮންޑު އެމްއެމްއޭއަށް ޖަމާވެއްޖެ

Oct 1, 2020
2

ބަޖެޓް ސަޕޯޓަށް އިންޑިއާ ސަރުކާރުން ސޮވެރިން ގެރެންޓީ ދީގެން، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ވިއްކި 250 މިލިއަން ޑޮލަރު ބޮންޑު، ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އަށް ޖަމާކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި އެސްބީއައިއަށް ދިވެހި ސަރުކާރުން ވިއްކި ބޮންޑުގެ ފައިސާ އެމްއެމްއޭއަށް ރިއަލައިޒްވެފައި ވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ.

އެސްބީއައި ބޮންޑުގެ އިންޓްރެސްޓް ރޭޓަކީ 3.5 ޕަސެންޓެވެ. އެކަމަކު ބޮންޑުގެ އިންޓްރެސްޓް ރޭޓާބެހޭ ގޮތުން ސަރުކާރުން ވެސް އަދި އިންޑިއާ އިން ވެސް މިހާތަނަށް ރަސްމީ ގޮތެއްގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ

ނަމަވެސް، ފިނޭންސް މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް ލިބިފައި ވަނީ މިހާރު ދުނިޔޭގެ މާކެޓުގައި ބޮންޑު ހުރި ރޭޓްތަކާ އަޅާ ބަލާއިރު ވެސް ވަރަށް ރަނގަޅު އަގެއްގައި ކަމަށެވެ. އަދި ދުނިޔޭގެ އެންމެ ބޮޑެތި މާލީ އިދާރާތަކުން ވެސް އެކަން ފާހަގަ ކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"ދެހާސް ސަތާރަ ވަނަ އަހަރު އިގްތިސޯދު އެންމެ ރަނގަޅު ހުރިއިރު ވެސް ބޮންޑު ރޭޓް ހުރީ ހަތް ޕަސެންޓުގައި އެހެންވެ ނަމަވެސް އިންޑިއާ އިން ވިއްކި ރޭޓްއަކީ ވަރަށް އެކަށީގެންވާ ހެޔޮ އަގެއް،" އަމީރު ވިދާޅުވި އެވެ.

އިންޑިއާގެ އެސްބީއައި އިން މި ބޮންޑު ގަނެފައިވަނީ އެ ގައުމުގެ ސަރުކާރުން ސޮވެރިން ގެރެންޓީ ދީގެނެވެ. މި ބޮންޑު ވިއްކާފައި ވަނީ 10 އަހަރު ދުވަހަށެވެ. އެހެންވެ، ދިވެހި ސަރުކާރުން ފައިސާ ދައްކަން 10 އަހަރު ލިބޭނެ އެވެ. އިންޑިއާ އިން މީގެ ކުރިން ސަރުކާރުގެ ބަޖެޓު ފޫބައްދަން ބޮންޑު ވިއްކާފައިވެ އެވެ.