ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

"ކަނޑުތައް ހިމާޔަތް ކުރަން އެކްސްޕެޑީޝަންތައް ކުރިޔަށްދޭ"

Oct 1, 2020
2

ރާއްޖޭގެ ކަނޑުތައް ހިމާޔަތް ކުރުމަށް ސައިންޓިފިކް އެކްސްޕެޑީޝަންތައް ފަށާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މި މޭރުމުން ވާހަކަފުޅު ދެއްކެވީ އިއްޔެ ނިއުޔޯގްގައި ހުންނަ އދ. ގެ މައި މަރިކަޒުގައި ވަޗުއަލްކޮށް ބޭއްވެވި އދ. ގެ ބަޔޯޑައިވާސިޓީ ސަމިޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އިންސާނުންގެ ހަރަކާތްތަކުގެ މައްޗަށް ތިމާވެށީގެ ދުޅަހެޔޮކަން ނުހަނު ބޮޑަށް ބަރޯސާވެފައިވާ ދުވަސްވަރުގައި، ދުނިޔޭގެ ދުޅަހެޔޮކަމާއި ތިމާވެށީގެ ސިއްހަތު ބިނާވެފައި ވަނީ އިންސާނުންނަށް ލިބިފައިވާ ސައިންޓިފިކް އިލްމާއި ޓެކްޖޮލޮޖީގެ ބޭނުން ހިފާ ގޮތެއްގެ މައްޗަށެވެ.

ދުނިޔޭގެ ކަނޑުތައް ހިމާޔަތް ކުރަން ވަކާލާތުކުރާ އަދި އެކަމުގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއި ގުޅިގެން ރާއްޖޭގެ ކަނޑުތައް ހިމާޔަތްކުރަން ކުރާ މަސައްކަތްތަކުގެ މައްޗަށް ރައީސް ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.

ރާއްޖެއިން އެ ކޯލިޝަނާ ގުޅިގެން ރާއްޖޭގެ ކަނޑުފަޅުތަކުގައި ސައިންޓިފިކް އެކްސްޕެޑިޝަންތައް ކުރިޔަށް ގެންދާ ކަމަށާއި އެ އެކްސްޕެޑިޝަންތަކުގެ ނަތީޖާއަށް ބަލައި ސަރުކާރުގެ ނޫ އިގްތިސޯދެއް ބިނާ ކުރުމުގައި ގުދްރަތީ ދިރުންތައް ދެމެހެއްޓޭނެ ގޮތަކަށް ސިޔާސަތުތައް އެކަށައަޅައި ކުރިޔަށް ދިޔުމުގައި ބޭނުންކުރާނެ މެރިޓައިމް ސްޕޭޝަލް ޕްލޭންތައް އެކުލަވާލާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަލުތައް ކުޑަކޮށް ބޮޔޯޑައިވާސިޓީ ދެމެހެއްޓުމުގައި ބައިނަލްއަގުވާމީ ބައިވެރިންނާއެކު ރާއްޖެއިން މަސައްކަތް ކުރާނެ ކަމަށެވެ. އަދި މޫސުމީ ކަންކަމަށް ރާއްޖެއިން ވަރަށް ބޮޑު އަހައްމިއްޔަތެއް ދޭނެ ކަމަށެވެ. މިދިޔަ އަހަރު ބޭއްވި އދ. އާންމު މަޖިލީހުގެ ހަވާސާގައި ރާއްޖޭން "ކްލައިމެޓް ރެޒީލިއަންޓް އައިލެންޑް އިނީޝިއޭޓިވް" މޮޑެލް ހުށަހެޅީ އެ ސަބަބަށްޓަކައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ "ކްލައިމެ ޓް ރެޒީލިއަންޓް އައިލެންޑް އިނީޝިއޭޓިވް" އަކީ ކުދި އެހެން ޖަޒީރާ ޤައުމުތަކަށް ވެސް، ދެމެހެއްޓެނިވި ގޮތެއްގައި ގުދުރަތީ ދިރުންތަކުން މުއްސަނދިވެފައިވާ ސަރަޙައްދުތައް ހިމާޔަތްކުރުމާއި އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް މަދުކުރުމަށާއި ތިމާވެށި ހިމާޔަތްކުރުމުގެ ގޮތުން އިއާދަކުރަނިވި ހަކަތަ ބޭނުންކުރުންފަދަ ކަންކަންކުރުމުގައި ބޭނުންކުރެވިދާނެ ނަމޫނާ މޮޑެލެއް ކަމަށެވެ.

ކޮންމެ އަހަރަކު އަށް މިލިޔަން ޓަނުގެ ޕްލާސްޓިކު ކުނި ކަނޑުތަކުން ފެންނަ ކަމަށާއި ކަނޑުތައް ޕްލާސްޓިކުން ތަޣައްޔަރުވަމުން ދާތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ރާއްޖޭގައި ބޭނުންކުރުން 2023 ގެ ކުރިން ހުއްޓާލުމަށް ރާއްޖެއިން އަމާޒު ހިފާފައިވާ ކަމަށެވެ.