ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތާ ގުޅިގެން ކުރާ ދައުވާތަކުގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖ) ހުސެއިން ޝަމީމްގެ ނިޔަތާމެދު އިދިކޮޅުން އަނެއްކާވެސް ސުވާލު އުފައްދައިފި އެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާއަށް ވެސް އޭނާ އިއްޔެ ވަނީ ކްރިމިނަލް ކޯޓުގައި އިއުތިރާފުވެފަ އެވެ.
އިއްޔެ ބޭއްވި ޝަރީއަތުގައި އަދީބު ވިދާޅުވީ މި މައްސަލަތަކާއި ގުޅިގެން ފަސް އަހަރެއްހާ ދުވަހު ޖަލުގައި ހޭދަ ކުރެއްވިއްޖެ ކަމަށާއި ހެއްދެވިފައިވާ ގޯސްތަކާމެދު ހިތާމަ ކުރައްވާ ކަމަށެވެ. އަދި އެކަންކަމަށް ތައުބާވެފައިވާ ކަމަށެވެ. މަގާމާއި ބާރުގައި ހުންނެވި ދުވަސްތަކުގައި ގޯސްތަކެއް ހެއްދެވިފައިވާ ކަމަށް އިއުތިރާފުވެ ދައުލާތާއި ދިވެހި ރައްޔިތުންގެ ކިބައިން އަދީބު ވަނީ މައާފަށް ވެސް އެދިވަޑައިގެންފަ އެވެ.
ހިޔާނާތުގެ ތަހުގީގަށް އެއްބާރުލުންދެއްވައި އަދަބު ލުއި ކޮށްދިނުމަށް އަދީބު އެދިވަޑައިގެންފައިވާއިރު، މީގެ ކުރިން އޭނާގެ ވަކީލެއްގެ ގޮތުގައި ޝަމީމް މަސައްކަތް ކުރައްވާފައި ވާތީ އިދިކޮޅުން ދަނީ އެކަމާ ގުޅިގެން ކަންބޮޑުވުންފާޅު ކުރަމުންނެވެ.
މިގޮތުން، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތަކީ ރާއްޖޭގެ ހިންގި އެންމެ ބޮޑު ޖަރީމާކަން ސާފުވި ނަމަވެސް، ޕީޖީގެ ނިޔަތާމެދު ސުވާލު އުފެދޭ ކަމަށެވެ.
"އެއީ މުއްތަހަމުގެ ކުރީގެ ވަކީލު. ކުށުގެ މާސްޓާމައިންޑާއެކު އެއްބަސްވުމުގެ ޑީލަކީ ކޮބާ؟ އިސް މުޖުރިމާއެކު ޑީލް ހެދުމުގަ ގާނޫނީ ސުވާލުތަކެއް ނެތްތޯ؟ ގޯސް މައްޗަށް ގޯސް،" ޖަމީލް ވިދާޅުވި އެވެ.
ޕީޖީގެ މަގާމުގައި ޝަމީމް ހުންނަވައިގެން ބޮޑު ހިޔާނާތާ ގުޅިގެން ކުރާ ކޮންމެ ދައުވާއެއް ބާތިލުވާނެކަމަށް އިދިކޮޅުން މީގެ ކުރިން ވެސް ވަނީ ބުނެފަ އެވެ.