ވިޔަފާރި

ޖީއެސްޓީ ރަޖިސްޓްރީން އުނިވާން ފުރުސަތެއް

ކޮވިޑް-19 އިގެ ސަބަބުން އެތައް ވިޔަފާރިއެއް ހުއްޓިފައި ވެއެވެ. އެހެންވެ ގިނަ ވިޔަފާރިތަކެއް ތިބީ އެއްޗެއް ނުލިބުނަސް ޓެކުހުގެ ބައެއް އިމްތިޒާމްތައް ހުރި ގޮތުން ދަތިވެފަ އެވެ. އެ ފަދަ ފަރާތްތަކަށް މީރާއިން މިހާރު ވަނީ ލުޔެއް ދޭން ނިންމާފަ އެވެ. ވިޔަފާރީގެ މުއާމަލާތް ނުކުރާ ފަރާތްތަކުން "ޖީއެސްޓީ ރަޖިސްޓްރީ" އިން އުނި ވާން މިވަނީ ފުރުސަތެއް ދީފަ އެވެ.

"ނުކުރާނަމަ އުނިކުރަމާ" ގެ ނަމުން މީރާއިން ފެށި ކެމްޕޭނަކީ ޖީއެސްޓީއަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިހާރު ވިޔަފާރި ހުއްޓާލައިފައިވާ ނުވަތަ ވިޔަފާރި ނުކުރާ ފަރާތްތަކާއި، ޖީއެސްޓީ ރަޖިސްޓަރީން އުނި ކުރުމުގެ ޝަރުތު ހަމަވާ ފަރާތްތައް ޖީއެސްޓީ ރަޖިސްޓަރީން އުނި ކުރުމަށް ހިންގާ ކެމްޕޭނެކެވެ.

މީރާއިން ބުނީ ޖީއެސްޓީއަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ގިނަ އަދަދެއްގެ ފަރާތްތަކުން ސުން-ބަޔާން ހުށަހަޅަމުންދާ ކަމަށާ، އަދި ބައެއް ފަރާތްތަކުން އެއްވެސް ގޮތަކަށް ބަޔާން ހުށަނާޅާ ކަމަށެވެ.

"... ތަފާތު ވިޔަފާރިތައް ކުރުމުގެ ނިޔަތުގައި ރަޖިސްޓަރީކޮށް، އެހެން ނަމަވެސް ވިޔަފާރި ނުފެށިފައިވާ ފަރާތްތަކާއި އެކި އެކި ބީލަންތަކަށް ކުރިމަތިލާން ރަޖިސްޓަރީކޮށް، ބީލަން ކާމިޔާބު ވެފައި ނުވާ ފަރާތްތަކާއި، ވިޔަފާރިކުރުން ހުއްޓާލައިފައިވާ ފަރާތްތައް ވެސް ހިމެނުން އެކަށީގެންވެ އެވެ،"

ވިޔަފާރި ނުކުރިއަސް، އުނި ނުކުރުކާނަމަ ޖޫރިމަނާ

ވިޔަފާރި ނުކުރި ނަމަވެސް ޖީއެސްޓީއަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތެއްނަމަ ކޮންމެ ޓެކްހެއް ނެގޭ މުއްދަތަކާ ގުޅިގެން ކަނޑައެޅިފައިވާ ސުންގަޑީގައި ޓެކްސް ބަޔާން ހުށަހަޅަން ޖީއެސްޓީ ގާނޫނުން ލާޒިމު ކުރެ އެވެ. އަދި ޖީއެސްޓީ ރަޖިސްޓަރީން އުނި ނުކުރާނަމަ، ޓެކްސް ބަޔާން ހުށަހަޅަން ޖެހެ އެވެ. ބަޔާން ހުށަނޭޅުމުގެ ސަބަބުން ވެސް ޖޫރިމަނާ ވާނެ އެވެ.

މީރާ އިން ބުނި ގޮތުގައި ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، ޓޫރިޒަމް މަސައްކަތްކުރާ ފަރާތްތައް ނުވަތަ މުދާ އިމްޕޯޓްކުރާ ފަރާތްތައް ފިޔަވާ އެހެން ވިޔަފާރިކުރާ ފަރާތްތަކުން، އެ ފަރާތަށް އަހަރެއްގެ މައްޗަށް ފަސް ލައްކަ ރުފިޔާއަށް ވުރެ ދަށުން އާމްދަނީ ލިބޭނަމަ އެފަރާތެއް ޖީއެސްޓީ ރަޖިސްޓަރީން އުނިކުރުމަށް ހުށަހެޅިދާނެ އެވެ. އަދި އެ ފަދަ ފަރާތްތަކަށް "ނުކުރާނަމަ އުނިކުރަމާ" ކެމްޕެއިނުގެ ދަށުން ޖީއެސްޓީ ރަޖިސްޓަރީން އުނިކުރުމަށް އޮތް ހުރަހަކީ ނުދައްކާ ޓެކުހާ ގުޅޭ ޖޫރިމަނާއެއް ކަމުގައި ވާނަމަ، އެ ޖޫރިމަނާ ވެސް މައާފުކޮށްދޭނެ އެވެ.

ޓެކްސް ދައްކާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ހިންގުމުގެ އިތުރުން، ޓެކްސް ދައްކާ ފަރާތްތަކަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން އާ ހިދުމަތްތައް އަންނަނީ ތައާރަފުކުރަމުންނެވެ. މީރާ އިން މިހާރު ވަނީ އެ އޮތޯރިޓީ އަށް ދައްކަން ޖެހޭ ހުރިހާ ޓެކުހާއި ފައިސާ އޮންލައިންކޮށް، މީރާގެ އޮންލައިން ހިދުމަތްތައް ކަމުގައިވާ "މީރާކަނެކްޓް" އަދި "ވާރުޕޭ" މެދުވެރިކޮށް، ބަލައިގަނެވޭނެ ގޮތް ހަދާފަ އެވެ.