ޑާކް ރެއިން

ޑާކްރެއިންގެ ފުރަތަމަ ކުރު ފިލްމު ޔޫޓިއުބަށް

ޑާކްރެއިން އެންޓަޓެއިންމަންޓުން ބެލުންތެރިންނަށް ގެނެސްދޭން ނިމި ކުރު ފިލްމުތަކުގެ ތެރެއިން ފުރަތަމަ ފިލްމު ޔޫޓިއުބަށް ލައިފި އެވެ.

ޑާކްރެއިންއިން ވަނީ އެ ސްޓޫޑިއޯގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް "ޝޯޓްސް" ގެ ނަމުގައި ކުރު ފިލްމުތަކެއް ގެނެސް ދޭން ނިންމާ އެކަން އިއުލާނު ކޮށްފައެވެ. އެ ސްޓޫޑިއޯއިން ބުނީ މިއީ ޑާކްރެއިންގެ ވަފާތެރި ސަޕޯޓަރުންނަށް ދޭ ހަދިޔާއެއް ކަމަށެވެ.

މިއީ ރާއްޖޭގައި މިފަދަ ކަމެއް ފިލްމު އުފައްދާ ކުންފުންޏަކުން ކުރާ ފުރަތަަމަ ފަހަރެވެ.

"ޝޯޓްސް" ގެ ދަށުން ފުރަތަމަ ގެނެސްދިން "ދައުވަތު" މިއަދު ވަނީ ޔޫޓިއުބަށް ލާފައެވެ. ޑާކްރެއިންއިން ބުނީ ޔޫޓިއުބް ޗެނަލްގައި ގެނެސްދެނީ ކުރު ފިލްމުތަކެއް ނަމަވެސް އެ ފިލްމުތަކަކީ ސަންސްޕެންސްތަކާއި ޓްވިސްޓްތަކުން ފުރިފައިވާ ފިލްމުތަކަކަށް ވާނެ ކަމަށެވެ. "ދައުވަތު" ގައި ކޮމެޑިއަން އަހުމަދު ސުނީ އަދި ޒުވާން ފިލްމީ ތަރި މަރިޔަމް ޝިފާ ހަރަކާތްތެރިވެ އެވެ.

ޑާކްރެއިންއިން މިހާރުވެސް ގެންދަނީ ގިނަ ފިލްމުތަކެއްގެ މަސައްކަތް ކުރަމުންނެވެ. އެ މީހުންގެ ފިލްމް "ނޮވެންބަރު" ގެ މަސައްކަތް މުޅިން ނިމިފައިވާއިރު "ބަޅިނދު" އަދި "ބީވީމާ" ގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. އަދި "ރެހެނދި ހަދީޖާ" ގެ ނަމުގައި ވެސް ފިލްމެއް އުފެއްދުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.