ފިލައިގެން މިދިޔަ މަހު ތައިވާނަށް ދާން އުޅެނިކޮށް އަތުލައިގަތް ހޮންކޮންގްގެ 12 މީހުން ހައްޔަރު ކުރުމުގެ ހުއްދަ ޗައިނާއިން ދީފި އެވެ.
މި ގްރޫޕް ހައްޔަރު ކުރީ ހޮންކޮންގާއި 70 ކިލޯ މީޓާ ދުރުން ބޯޓެއްގައި ތައިވާނަށް ދާން އުޅެނިކޮށެވެ. އެ މީހުން ހައްޔަރު ކުރުމަށް ފަހު ވަނީ ޝެންޒެންގެ ފުލުހުންނާއި ހަވާލު ކޮށްފަ އެވެ.
ޗައިނާގެ ޝަރުއީ ނިޒާމް އޮންނަ ގޮތުން އެމީހުން ހައްޔަރު ކުރުމަށް ފަހު ވީނުވީ ގޮތެއް ވަނީ ނޭނގިފައެވެ. އެމީހުންގެ ލޯޔަރުންނާއި އާއިލާ ތަކުން ވަނީ އެމީހުންގެ ހާލަތާއި މެދު ކަންބޮޮޑުވުން ފާޅު ކޮށްފަ އެވެ.
ބުދަ ދުވަހު ޝެންޒެންގެ ޑިސްޓްރިކްޓް ކޯޓުން ބުނީ އެ 12 މީހުން ހައްޔަރު ކުރުމުގެ ހުއްދަ މައި ސަރުކާރުން ދީފައިވާ ކަމަށެވެ. ހައްޔަރު ކުރި 12 މީހުންގެ ތެރެއިން ދެ މީހުން ކަމުގައިވާ ޑޭން އާއި ކިއާއޯގެ މައްޗައް ތުހުމަތު ކުރަނީ ބާކީ ތިބި 10 މީހުން ފިލުވަން އެހީތެރިވެދިން ކަމަށެވެ. އެ 10 މީހުންނަށް ކުރެވިފައިވާ ތުހުމަތަކީ ގަވާއިދާއި ހިލާފަށް ބޯޑާ ހުރަސް ކުރުމެވެ.
ހައްޔަރު ކުރި މީހުންގެ އާއިލާ ތަކުން ވަނީ އެ މީހުން ހައްޔަރު ކުރުމުގެ ހުއްދަ ހޮންކޮންގް އިން ދިނުމާއި ގުޅިގެން އެކަމާއި ކުއްލި ހައިރާންކަން ލިބުނު ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ޝެންޒެންގެ ކަމާއިބެހޭ ފަރާތްތަކުން ހާމަކުރާ ގޮތުގައި ހައްޔަރު ކުރި ބައެއް މީހުންނާމެދު މިދިޔަ އަހަރު ހޮން ކޮންގްގައި ޑިމޮކްރެސީއަށް ތާއީދުކޮށް ހިނގައިދިޔަ ވަރުގަދަ މުޒާހިރާ ތަކާއި ގުޅުވައި ދައުވާ ކުރާނެ އެވެ.
ހޮން ކޮންގްގައި ބައިނަލް އަގުވާމީ ގޮތުން ގަބޫލުކުރެވޭ ޝަރުއީ ނިޒާމެއް އޮވެ އެވެ. އެކި ކުށްތަކުގައި ހައްޔަރު ކުރާ މީހުން ވަރަށް އަވަހަށް ކޯޓަށް ހާޒިރުކޮށް ހާމަކަން ބޮޑު ގޮތެއްގައި މައްސަލަ ކުރިއަށް ގެންދެ އެވެ. އެއާއި ހިލާފަށް މައި ސަރުކާރު ޗައިނާ ގައި ކަންތައް އޮންނަނީ މުޅިން އިދިކޮޅަށެވެ. ހައްޔަރު ކުރާ މީހުންގެ ކަންތަން އޮންނަނީ ވަރަށް ބޮޑަށް ސިއްރު ކޮށްފަ އެވެ. ހުރިހާ ކަމެއް ކޮންޓްރޯލް ކުރާނީ ކޮމިއުނިސްޓް ޕާޓީ އިންނެވެ.
މިދިޔަ ޖޫން މަހު ޗައިނާ އިން ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ ހޮންކޮންގް އާއި ބެހޭ އާ ގާނޫނެއް ވަނީ ފާސް ކޮށްފަ އެވެ. އެގޮތުން ހޮން ކޮންގް ގައި ކުރާ ބައެއެް ކަހަލަ ކުށްތަކަށް ހުއްޓުވުމަށް މައި ސަރުކާރު ގެ އެޖެންޓުންނަށް ހޮން ކޮންގް ގައި ހަރަކާތްތެރި ވެވޭނެ އެވެ.