ދުނިޔެ

ރާހުލް އާއި ޕްރިޔަންކާ ގާންދީ ހައްޔަރު ކޮށްފި

އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ އަވަށެއް ގައި ގޭންގް ރޭޕްކޮށް ވަރަށް ބޮޑަަަށް އަނިޔާ ލިބިގެން މަރުވި އަންހެން ކުއްޖެއްގެ އާއިލާއާ ބައްދަލު ކުރެއްވުމަށް އިދިކޮޅު ކޮންގްރެސްގެ ލީޑަރުން ކަމުގައިވާ ރަހުލް ގާނދީ އާއި ޕްރިޔާންކާ ގާނދީ ދަތުރު ކުރައްވަނިކޮށް ފުލުހުން އެ ދެ ބޭފުޅުން ހައްޔަރު ކޮށްފި އެވެ.

ފުލުހުން ވަނީ އެ ދެ ބޭފުޅުން ދަތުރު ކުރެއްވި އުޅަނދުތައް އެ އަވަށާއި ކައިރީގައިވާ ހައިވޭ އެއްގެ މަތިން ދަތުރު ކުރައްވަނިކޮށް ހުއްޓުވާފަ އެވެ. އަދި އެ ދެ ބޭފުޅުން ކާރުން ފައިބައި ވަޑައިގެން ހިންގަވާފައި ވަޑައިގަންނަވަން ފެއްޓެވުމުން ފުލުހުން ވަނީ އެކަމަށް ވެސް ހުރަސް އަޅާފަ އެވެ.

ރަހުލް އާއި ޕްރިޔަންކާ އަށް ފުލުހުން ހުރަސް އެޅުމާއި ގުޅިގެން ކޮންގްރެސް ޕާޓީގެ މެމްބަރުންނާއި ފުލުންހުންނާއި ދެމެދު ކުރިމަތިލުމެއް ހިނގި އެވެ. އެ ކުރިމަތި ލުމުގައި ލަޓިބުރި ބޭނުން ކޮށްގެން ފުލުހުންނަށް ހަމަލަ ދީފައި ވެއެވެ. މި ހަމަނުޖެހުންތަކުގައި ބައެއް މީހުން ޒަހަމް ވެފައި ވެސް ވެއެވެ. އެ ވަގުތު ފުލުހުން ވަނީ ރަހުލް ގާންދީ އާއި ޕްރިޔަންކާ ގާންދީ ހައްޔަރު ކޮށްފަ އެވެ.

އަންހެން ކުއްޖެއް ރޭޕް ކޮށް މަރާލާފައިވާ އުއްތަރު ޕްރަދޭޝްގެ ހަތުރާސް ޑިސްޓްރިކްޓްގައި ވަނީ ކުއްލި އަމުރުގެ ގާނޫނު ހިންގައިފަ އެވެ. މި އަމުރު ހިންގަން ޖެހުނީ މަރާލި އަންހެން ކުއްޖާގެ ޖަނާޒާ ނިމިގެން ހަމަނުޖެހުން ހިންގަން ފެށުމާއި ގުޅިގެންނެވެ. މިހާރު އެ ވިލެޖް ގައި ފަސް މީހުންނަށްވުރެ ގިނައިން އެއްތަނަކަށް މީހުން އެއްވުން ވަނީ މަނާ ކޮށްފަ އެވެ.