ވިޔަފާރި

ބީއެމްއެލް އިން އުމުރުން ދުވަސްވީ މީހުން ހޭލުންތެރި ކުރުވައިފި

Oct 2, 2020

ބައިނަލްއަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާލީ ދާއިރާ އަށް ހޭލުންތެރިކުރުވުމުގެ ގޮތުން، ހާއްސަ ބައްދަލުވުން ތަކެއް ބާއްވައިފި އެވެ.

މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ޅ. ނައިފަރު އާއި ށ. ފުނަދޫ އަދި އއ. ރަސްދޫގެ އިތުރުން ތ. ގުރައިދޫ އާއި ގދ. ތިނަދޫ އަދި ސ. ހުޅުމީދޫގަ އެވެ.

މި ބައްދަލުވުމުގައި ބޭންކިން އާއި ރައްކާތެރި ގޮތުގައި އޮންލައިން ބޭންކިން ބޭނުންކުރުމާ ގުޅޭ މައުލޫމާތު ބައިވެރިންނާއި ހިއްސާކުރެވުނެވެ. ވަކީން ހާއްސަކޮށް އެކި ކުންފުންޏާއި މުވައްސަސާތަކުގެ ނަމުގައި ގުޅައި އޮޅުވާލައިގެން ފައިސާ ހޯދުމަށާއި ކާޑުގެ މައުލޫމާތު ހޯދަންކުރާ މަސައްކަތް ތަކަށް ސަމާލުވެ ރައްކާތެރިވުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތަކާ ގުޅޭ މައުލޫމާތު ވެސް ވަނީ ބައިވެރިންނާ ހިއްސާކޮށްފަ އެވެ. އަދި ބޭންކުން ވަނީ އޮންލައިންކޮށް ހިދުމަތްތައް ހޯދުމުގައި ސަމާލުވާން ޖެހޭ ބައެއް މުހިންމު ކަންކަން ވެސް ފާހަގަކޮށްފަ އެވެ.

މި ބައްދަލުވުމުގައި އިންޓަނެޓް ބޭންކިން އާއި މޮބައިލް އަދި ސެލްފް ސާވިސް ބޭންކިން ޓެކްނޮލޮޖީ އަށް ކުރެވުނު އިންވެސްޓްމެންޓާއެކު ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަން ކުރަމުންދާ މަސައްކަތުގެ މައުލޫމާތު ވަނީ ހިއްސާކޮށްފަ އެވެ. މި ބައްދަލުވުމުގައި އެކި ރަށްތަކުން 300 ބައިވެރިން ވަނީ ބައިވެރިވެފަ އެވެ. މި ބައްދަލުވުން ބޭއްވިފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅުއްވާފައިވާ ގައިދުރުކަން ބެހެއްޓުމުގެ އުސޫލުތަކާއި އެެއްގޮތަށެވެ.