ލައިފްސްޓައިލް

16 އަހަރުގެ އަންހެންދަރިފުޅު ވިއްކާލީ 3000 ރުޕީސްއަށް

އުމުރުން އެންމެ 18 އަހަރުގެ އަންހެންކުއްޖަކު އިންޑިއާގެ ޗައްތީސްގަޅްގެ މަގެއްގެ މަތީގައި އޮއްވާ ފެނިގެން ބަޔަކު ވަނީ މި ކުއްޖާ ނަގައިގެން ގެންގޮސް ކަމާ ބެހޭ ފަރާތްތަކާ ހަވާލު ކޮށްފަ އެވެ. ކުއްޖާ ސަލާމަތް ކުރިއިރު އޭނާ ބަލިވެ އިނދެ ވިހަން އިނީ ތައްޔާރުވެފަ އެވެ. އަދި މަގުމައްޗަށް ވެއްޓިފައި އޮތީ ވިހަން ބަނޑުގައި ރިހޭ ވަރުންނެވެ.

ކުއްޖާގެ އަނގައިން އެންމެ ބަހެއް ވެސް ބޭރުވާވަރުވީ އެ ކުއްޖާ ސަލާމަތް ކޮށްގެން ގެންގޮސް ފަރުވާ ދޭން ފެށިތާ ފަސް މަސް ފަހުންނެވެ. އޭނާއަށް ލިބިފައިވާ އަނިޔާތަކާއި ތަހައްމަލުކުރި ވޭންތަކުގެ ސަބަބުން ކުއްޖާގެ އަރުތެރޭން އަޑު ނުނިކުމެ އެހާ ދުވަސްވީ އެވެ. އެންމެ ފަހުން ވާހަކަ ދެއްކުނީ އެތައް މަހެއް ވަންދެން ކައުންސިލިން ދީގެންނެވެ.

ކުއްޖާ ކިޔައިދިން ގޮތުގައި މީގެ ދެ އަހަރު ކުރިން އެ ކުއްޖާގެ އުމުރުން އެންމެ 16 އަހަރުގައި އޭނާގެ ބައްޕަ އެންމެ 3000 ރުޕީސްއަށް އޭނާ ވިއްކާލީ އެވެ. އޭނާ ގަތީ ޗައްތީސްގަޅްގެ ރާއީގަޅްގައި ދިރިއޅޭ 21 އަހަރުގެ ފިރިހެނެއް ކަމަށް އެ ކުއްޖާ ބުންޏެވެ.

އެ ކުއްޖާ ގަނެގެން ގެންދިޔަ މިހާ އެ ކުއްޖާއަށް ކުރާނެ މަސައްކަތް ހޯދައިދޭން ވައުދުވީ ނަމަވެސް އެ މިހާ އެ ކުއްޖާ ގެންގޮސްގެން ޖިންސީ އަނިޔާ ކުރުން ފިޔަވައި އެހެން ކަމެއް ނުކުރެ އެވެ. އެންމެ ފަހުން ބަލިވެއިންކަން އެނގުމުން މަގުމައްޗަށް ނެރެ އެއްލާލީ އެވެ.
މަގުމަތީގައި ކުއްޖާ ދިރިއުޅެފައި ވަނީ ކާން ބޯނެ އެއްޗެއް ނުލިބި ބަނޑުހައިހޫނު ކަމުގަ އެވެ. އަތުގައި އެންމެ ފައިސާ ފޮއްޗެއް ވެސް ނެތުމުން އެ ކުއްޖާއަށް ކާ އެއްޗެއް ގަނެވޭނެ އެއްވެސް ގޮތެއް ނުފެނިގެންނެވެ. މިގޮތަށް ބަނޑުހައިހޫނުކަމުގައި އެތައް މިތަނުގައި އެނބުރޭތާ އެތައް މަހެއް ފަހުން އެ ކުއްޖާ ވިހަން ބަނޑުގައި ރިހެން ފެށީ އެވެ.

ނަސީބަކުން ކުއްޖާ މި ހާލުގައި އޮއްވާ މިދިޔަ މޭ މަހު ފެނުނީ ވިމެން އެންޑް ޗައިލްޑް ވެލްފެއާ ޑިޕާޓްމަންޓުންގެ އޮފިޝަލުންނަށެވެ. އެ މީހުން ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ އެވެ. އަދި މާ ގިނައިރެއް ނުވެ އޭނާ ވަނީ އަންހެން ކުއްޖެއް ވިހާފަ އެވެ. ހޮސްޕިޓަލުން ދޫކޮށްލުމުން ކުއްޖާ ގެންދިޔައީ ރާއިގަޅްގައި ހުންނަ މިފަދަ ކުދިން ބައިތިއްބާ ސެންޓަރަކަށެވެ.

ވިމެން އެންޑް ޗައިލްޑް ވެލްފެއާ ޑިޕާޓްމަންޓުގެ އޮފިޝަލުން މި ކުއްޖާ ސަލާމަތްކުރުމުގެ ކުރިން އޭނާ މަގުމަތީގައި ހޭދަކުރި ދުވަސްތަކުގައި އަދި ބަނޑުގައި ރިހޭތީ ތެޅިފޮޅުނުއިރު އެ ކުއްޖާއަށް އެހީތެރިވުމަށް އެއްވެސް މީހަކު އޭނާ ކައިރިއަށް އައިސްފައެއް ނުވެ އެވެ. ކުއްޖާގެ ގައިގައި ކޮވިޑް އިންފެކްޝަން ހުރެދާނެކަމަށް ބިރުންނެވެ.

މި އަންހެންކުއްޖާގެ ހަޔާތުގައި ކުރަންޖެހުނު މި ހިތްދަތި ތަޖުރިބާތަކުގެ ފެށުމަކަށްވީ އޭނާގެ މަންމަ މަރުވުމެވެ. އެ ކުއްޖާގެ ބައްޕަ އޭނާ މީހަކަށް ވިއްކާލީ މަންމަ މަރުވުމާ ގުޅިގެންނެވެ. މިހާރު ފުލުހުން މި މައްސަލަ ތަހުގީގުކުރަމުންދާއިރު ކުއްޖާގެ ބައްޕަ އާއި އޭނާ ގަނެގެން ޖިންސީ ގޯނާކުރި މީހާ ވަނީ ހައްޔަރުކޮށްފަ އެވެ.