އޮފްބީޓް

މީގޮނެއްގެ ހަމަލައިން މާމަ ސަލާމަތް ކޮށްދިން ކުއްޖަކަށް ތައުރީފު

އިންޑިޔާގެ ހަރިޔާނާ ސްޓޭޓްގެ ކުޑަ ކުއްޖަކު އޭނާގެ މާމައަށް މީގޮނެއް ހަމަލަ ދެނިކޮށް އެ ޖަނަވާރުގެ ކިބައިން މާމަ ސަލާމަތްކޮށްދީފަ އެވެ. އެހިސާބުގެ ސީސީޓީވީ ކެމެރާ އަކަށް ވަރަށް ރަނގަޅަށް މި މަންޒަރު ރެކޯޑް ކުރެވިފައި ވެއެވެ. މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މި ވީޑިއޯ ބަލާފައި ވަރަށް ގިނަ މީހުން މިކުޑަ ކުއްޖާއަށް ތައުރީފުކޮށްފައި ވެއެވެ. އަދި ބައެއް މީހުން މިކުއްޖާއަށް ތަރުހީބުގެ ހޫނު އަތްތިލަބަޑިއަކުން މަރުހަބާ ކިޔާފައި ވެއެވެ.

އިންޑިޔާގެ ނިއުސް އެޖެންސީ އޭއެންއައި އިން ބުނި ގޮތުގައި މެހެންދުރަގަޅް ކިޔާ އަވަށެއްގައި ދިރިއުޅޭ ވަރަށް ދުވަސްވީ މާމައަކު މަގުމަތިން ހިނގާފައިވަނިކޮށް ކުއްލިއަކަށް މި މީގޮނު އައިސް މާމައަށް ހަމަލާ ދިނީ އެވެ. މީގޮނުގެ ހަމަލާއިގައި މާމަ ވިއްސައިގެން ގޮސް މާ ދުރަށް ވެއްޓެ އެވެ.

އެ އަންހެންމީހާގެ މާމަ ކުއްޖަކަށް މި މަންޒަރު ފެނުމާއެކު ދުވެފައި މާމައަށް އެހީވާން އާދެ އެވެ. އަމިއްލަ ފުރާނަ އަށް ވެސް ބެލުމެއް ނެތި އެވެ. ނަމަވެސް މާމައަށް އެހީވެދެވޭ ވަރު ނުވަނީސް އެ މީގޮނު ވަނީ ކުއްޖާއަށް ހަމަލަދީ އޭނާވެސް ވައްޓާލާފަ އެވެ. އެވަރުން ވެސް އެ ކުއްޖާ ދުލެއް ނުކުރެ އެވެ. ތެދުވެގެން ގޮސް މާމައަށް އެހީތެރިވެދެ އެވެ. އަދި މާމަ ގޮވައިގެން ހިނގައިގަތުމާއެކު މީގޮނު އަނެއްކާވެސް މި ދެ ދެމީހުންނަށް ހަމަލާދީ ބިންމައްޗަށް ވައްޓާލަ އެވެ.

އެހާތަނުން އެ ހިސާބުގަނޑުގެ ގެތަކުގައި ދިރިއުޅޭ ބައެއް މީހުން ނުކުމެ މީގޮނުގެ ގައިގައި ދަނޑިބުރިން ތަޅާ ހަދަން ފަށާތަން ވީޑިއޯއިން ފެނެ އެވެ. މީގޮނުގެ ހަމަލައިން މާމަ އާއި މާމަދަރިފުޅު ސަލާމަތްވީ ހިސާބުގަނޑުގެ މީހުންގެ އެހީތެރިކަމާ އެކުގަ އެވެ. ނޫންނަމަ މީގޮނު މި ދެ މާމައިންނަށް އިތުރަށް ހަމަލަ ދޭނެ ކަމަށް ބެލެވެ އެވެ.

ސެޕްޓެމްބަރު 28 ވަނަ ދުވަހު ހިނގި މި ހާދިސާގައި ތިން މީހަކަށް އަނިޔާވެފައިވާ ކަމަށް އިންޑިއާގެ މީޑިއާ އިން ވަނީ ބުނެފަ އެވެ.
މި ވީޑިއޯ ބެލި އެންމެން ވެސް މި ކުޑަކުއްޖާގެ ހިތްވަރަށް ތައުރީފުކޮށް އޭނާއަށް ހެޔޮ ދުއާ ކޮށްފައި ވެއެވެ. އަދި އެވަގުތު އެ ކުއްޖާ ފުރާނަ އަށް ބެލުމެއް ނެތި މާމަ ސަލާމަތް ކުރަން ނައިނަމަ މީގޮނުގެ ހަމަލައިގައި މާމަގެ ފުރާނަ ސަލާމަތް ނުވުން އެކަށީގެންވާ ކަމަށް އެންމެން ވެސް ގަބޫލު ކުރެ އެވެ.