(ފަސްވަނަ ބައި)
"ކިހިނެއްވީ؟" ފަސީހާ ތެދުވެ ހިނގައިގަތީ ސާޔާއާ ދިމާއަށެވެ.
"ބޮލުގަ." ސާޔާ ބޮލުގައި ދެ އަތުން ހިފަހައްޓައިލިއެވެ.
އޭނާ އެނބުރޭގޮތްވަމުން ދިޔައެވެ. އޭނާއަށް މަންޒަރު ފެންނަމުން ދިޔައީ ފުސްކޮށެވެ. މުޅި މަންޒަރު ވެސް ވަށައިގެން އެނބުރޭހެން ހީވަމުން ދިޔައެވެ. ސާޔާއާ ހަމައަށް ފަސީހާއަށް ދެވުނީ ހަމަ ކިރިޔާއެވެ. ސާޔާގެ ޚަބަރު ހުސްވެގެން ވެއްޓެނިކޮށް ފަސީހާއަށް ހިފުނީ ސާޔާގެ ދެ އަތުގައެވެ. ސާޔާގެ ނަމުން ބާރުބާރަށް ފަސީހާ ގޮވާލިއެވެ. އެއާއެކު އޮފީހުގައި އެވަގުތު ތިބި ހަސީނާއާއި މުރާދު ދުވެފައި ކަހަލަ ގޮތަކަށް އެދީމާއަށް ދިޔައެވެ.
"ކޮބައިތަ އަސްލު މައްސަލައަކީ؟" ޑޮކުޓަރު ސުވާލުކުރީ ފަސީހާ އަށެވެ.
ފަސީހާ ބަލައިލީ ޑޮކުޓަރުގެ މޫނަށެވެ. ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގައިލިއެވެ. ޑޮކުޓަރަށް އެކަން ދެނެގަނެވުނެވެ. ޑޮކުޓަރު ބަލައިލި ގޮތުން ފަސީހާ ބޯޖަހައިލިއެވެ. ޑޮކުޓަރު ބަލައިލީ އެނދުމަތީގައި އޮތް ސާޔާ އަށެވެ. އޭނާގެ ގާތުގައި ތިބި ހަސީނާއާއި މުރާދަށެވެ.
"ހިންގަވާ." ޑޮކުޓަރު އިޝާރާތްކުރީ ފަސީހާ އަށެވެ.
ފަސީހާ ވެސް ޑޮކުޓަރުގެ ފަހަތުން ހިނގައިގަތެވެ. ބަލިމީހުން ބަލާ ކޮޓަރިއަށް ވަދެ ޑޮކުޓަރު ފުން ނޭވާއެއް ދޫކޮށްލިއެވެ. ފަސީހާ ވެސް ޑޮކުޓަރުގެ މޭޒު ކައިރީގައި ހުރި ގޮނޑީގައި އިށީނެވެ.
"ހަމައެކަނި އެއް އޮފީހެއްގައި މަސައްކަތް ކުރައްވަނީތޯ؟" ޑޮކުޓަރު ސުވާލުކޮށްލިއެވެ.
"ތި ވިދާޅުވީ؟" ފަސީހާއަށް ދޭހަ ނުވުމުން އަހައިލިއެވެ.
"ޕޭޝަންޓާ ގުޅޭ އެއްވެސް އިތުރު މައުލޫމާތެއް އެނގިލައްވާތޯއޭ؟" ޑޮކުޓަރު ހިނިތުންވެލަމުން ސުވާލުކޮށްލެއްވިއެވެ.
"އެކަމަކު އެއީ ސިއްރެއް." ފަސީހާ އިސްޖަހައިލިއެވެ.
"ފުރާނައަށް ނުރައްކާވުން، ދިރިހުރުމަށް ދަތިވުން، މީހާގެ ހަމަބުއްދި ފިލައިދިޔުން ފަދަ ކަންކަން ކުރިމަތިވަނީ ސިއްރެއްގެ ސަބަބުން ކަމަށް ވާނަމަ އެއީ ޑޮކުޓަރުންނަށް ނޫނީ ކަމާ ބެހޭ ފަރާތްތަކަށް ކޮންމެހެން ވެސް މުހިއްމު މައުލޫމާތަށްވާނެ. އެފަދަ މައުލޫމާތެއް ސިއްރުކޮށްގެން ހުއްޓާ ބަލިމީހާގެ ހާލަތު ގޯސްވުން ނުވަތަ ފުރާނައަށް ނުރައްކާ ފަދަ ކަމެއް މެދުވެރިވެއްޖެ ނަމަ އެ ސިއްރެއް ފޮރުވައިގެން އުޅުމަކީ މިހާރު ކުށެއް." ޑޮކުޓަރު ލަސްލަހުން ކިޔައިދެއްވިއެވެ.
ފަސީހާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އޭނާގެ ހަށިގަނޑުގައި ނޭނގޭ ގޮތަކަށް ވިންދުތައް ޖަހަންފެށިއެވެ. އެކި ފަހަރު އެކި ގޮތަށެވެ. އެކި ތަންތަނުންނެވެ. އޭނާގެ ލޮލަށް ކަރުނަތައް ގިނަވެ އެސްފިޔަތައް ބަރު ޖެހެމުން ދިޔައެވެ.
"އަޅުގަނޑަކަށް ނޭނގެ މި ވާހަކަ ފަށަންވީ ހިސާބެއް ވެސް. މިއީ ވަރަށް ބޮޑެތި ވަރަށް ގިނަ ވާހަކަތަކެއް،" ފަސީހާގެ އަޑުގައި ތުރުތުރުލުމެއް ދުވެލިއެވެ. "ސާޔާއަށް ވަރަށް ގިނަ ކަންކަން އެއްފަހަރާ ދިމާވަމުންދަނީ، ގޭތެރެއިން ވެސް، އޭނާގެ ފިރިމީހާގެ ފަރާތުން ވެސް، އޮފީހުން ވެސް."
ޑޮކުޓަރު ފުން ނޭވާއެއް ދޫކޮށްލެއްވިއެވެ. ފުން ނަޒަރަކުން ފަސީހާގެ މޫނަށް ބަލައިލިއެވެ.
"އެންމެ ބޮޑު މައްސަލައަކަށް ދިމާވާނެ ކަމަކީ ކޮބައި؟ އެހައި ހިސާބުން ފަށާ."
"އޮފީސް! އަޅުގަނޑުމެން މަސައްކަތް ކުރަނީ އަމިއްލަ މީހެއްގެ އޮފީހެއްގަ. އެތަނުގައި އެންމެ އިސްކޮށް ހުންނަވަނީ ޔާސިރު. ސާޔާ އޮފީހަށް ވަނީ މިދިޔަ އަހަރު ޖަނަވަރީމަހު. އޭނާ މިރަށަށް ދިރިއުޅުން ބަދަލުކުރީ ވެސް މިދިޔަ އަހަރު. އޭނާއަށް ވަޒީފާއެއް ނުލިބިގެން އުޅެނިކޮށް އަޅުގަނޑު މެދުވެރިވެގެން ވަޒީފާ ހަމަޖެހުނީ ވެސް. ޔާސިރަކީ ކޮންކަހަލަ މީހެއްކަން އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭ. ނަސީބަކުން އޭނާ އަޅުގަނޑާ ވަރަށް ދުރު، އެކަމަކު އެހެން އަންހެން ކުދީންނާ އެކި ކަހަލަ އުނދަގޫތައް އޭނާގެ ފަރާތުން ކުރިމަތިވޭ. އެހެންވެ އަޅުގަނޑުމެން އޮފީހުގައި އަންހެން މުވައްޒަފުން ވަރަށް ހަރުނުލާ، އަބަދު އާވާނެ."
ޑޮކުޓަރު ބަލަން އިނީ ފާރާ ދިމާއަށެވެ. ފަސީހާ ބަލައިލީ ސީދާ ޑޮކުޓަރުގެ މޫނަށެވެ. ފަސީހާގެ ވާހަކަ މެދު ކަނޑައިލުމުން ޑޮކުޓަރު ވެސް ބަލައިލީ ފަސީހާގެ މޫނަށެވެ. ފަސީހާ ގަދަކަމުން ކަހަލަ ގޮތަކަށް ހިންދިރުވާލިއެވެ.
"އަސްލު!" ފަސީހާގެ އަޑު ބެދުނެވެ.
ޑޮކުޓަރު އިނީއެވެ. ފަސީހާއަށް ފުރުސަތު ދީގެންނެވެ.
"އަސްލު ވަރަށް އުނދަގޫ މި ވާހަކަ ބުނެދޭން ވެސް." ފަސީހާ ހުއްޓުނެވެ. "ޔާސިރު... ޔާސިރު އޮފީހުގައި ސާޔާއާ... އޭނާލައްވާ ގަދަކަމުން... ނުގަބޫލުގައި... އޮފީހުގަ... ކެބިންގަ..."
ޑޮކުޓަރު ފުން ނޭވާއެއް ދޫކޮށްލިއެވެ.
"މިއިން ވާހަކައެއް ބޭރުތެރެއަށް ލީކުވެއްޖެ ނަމަ ވަޒީފާ ގެއްލޭނެ ކަމާއި ޔާސިރު ނުބެދޭނެ ކަމަށް ބުނެ އޭނާ ހުންނަނީ ސާޔާ ބުލެކްމެއިލް ކޮށްފަ،" ފަސީހާ ހުއްޓަމުން ހުއްޓަމުން ކިޔައިދިނެވެ. "އަދި އޭނާގެ ފިރިމީހާއަށް ވެސް ގެއްލުން ދޭނެ ކަމަށާއި ހުރިހާ ކަމެއް ފަޅާއަރުވާލާނެ ކަމަށް ވެސް އޮންނަނީ ބުނެފަ. ދެން ސާޔާ ލައްވާ ގަދަކަމުން ކުރުވި ކަންކަމުގެ ވީޑިއޯ ކުލިޕެއް ޔާސިރު ގެންގުޅޭ. މީހަކު ގާތު މި ވާހަކަ ކިޔައިދީފިކަން އެނގިއްޖެ ނަމަ އެ ވީޑިއޯ ލީކުކޮށްލާނެ ކަމަށް ބުނެ އިންޒާރު ވެސް ދީފަ އޮންނަނީ."
"ކޮބާ ގޭތެރޭގެ މައްސަލައަކީ؟" ޑޮކުޓަރު އަހައިލެއްވިއެވެ.
"ސާޔާގެ ފިރިމީހާގެ ފެމެލީއަކީ ވަރަށް ތަފާތުކޮށް ވިސްނާ ފެމެލީއެއް. އޭނާގެ ފެމެލީގައި ހުންނާނީ ދޮންބެއެއް އެކަނި. ދޮންބެއަކީ ވެސް، ސާޔާ ފިރިމީހާއަކީ ވެސް މަސްތުވާތަކެތި ބޭނުންކުރާ ދެ މީހުން. ދެން ބައްޕަ އޮންނަނީ ބަލިވެފަ. މަންމައަކީ ވަރަށް މުސްކުޅި މީހެއް. އެހެންވީމަ އާއިލާގެ ހުރިހާ ކަމެއް ބަލަހައްޓަނީ ސާޔާއަށް ލިބޭ އެއްޗަކުން."
"ފިރިމީހާ ވެސް؟" ޑޮކުޓަރު ސުވާލުކޮށްލެއްވިއެވެ.
"އެ ވަރަށް ދިގު ވާހަކައެއް. އެމީހުން ކާވެނިކުރި ފަހުން ހުރިހާ ކަމެއް ބަދަލުވީ. ސާޔާގެ ފިރިމީހާ ނަވީން މަސްތުވާ ތަކެއްޗާ ދިމާއަށް ދިޔައީ. އޭގެ ފަހުން އެ ދެމީހުން އަބަދު އުޅެނީ މައްސަލަ ޖެހިގެން. ނަވީން އަބަދުވެސް ބޭނުންވާނީ..." ފަސީހާ ފުން ނޭވާއެއް ދޫކޮށްލިއެވެ. "މެރިޓަލް ރޭޕް ކޭސްތަކުގެ ގޮތުގައި ގުނޭނެ އެތައް ކަމެއް ނަވީން ކޮށްފަ ހުރީ. އެހެންވެ ސާޔާ ހުންނަނީ ނަފުސާނީ ގޮތުން ވަރަށް ބޮޑަށް، ވަރަށް ބޮޑަށް ބަލިވެފަ. އޭނާ ހުރިހާ ވާހަކައެއް ހިއްސާ ކުރާނީ އަޅުގަނޑަށް. ދެ ދުވަހުން އެއްދުވަހު ނަވީން ކޮންމެވެސް އަނިޔާއެއް ސާޔާއަށް ކުރާނެ. ގައިގެ އެތަން މިތަން ވެސް ހުންނާނީ ނޫފައިގެންފަ."
އަނެއްކާ ވެސް ޑޮކުޓަރު ބަލައިލީ ފަސީހާގެ މޫނަށެވެ. އޭނާ ލަސްލަހުން ވާހަކަ ކުރިއަށް ގެންދިޔައެވެ.
"އަޅުގަނޑު ވަރަށް ނަސޭހަތްދެން، ހިތްވަރުދެން. ނަވީންއާ ދުރުވަން ވެސް ބުނެދޭން. އެކަމަކު ސާޔާ ނަވީން ދެކެ ވަރަށް ލޯބިވޭ. އެހެންވެ އޭނާ ބަލަނީ ނަވީން އަދި އިސްލާހުވާނެކަމަށް. އެހެންވެ އޭނާ މަޑުކުރަނީ."
***
"ޚިޔާލު ތަފާތުވާއިރަށް މިހާރު އަބަދުވެސް އެއްޗެހި ކިޔަނީ. އަޑުގަދަ ވެސް ކުރަނީ." ސާދާ ދެ ލޯ ފޮހެލަމުން ބުނެލިއެވެ.
އޭނާގެ ވާހަކަތަކުން ރީޝާގެ ހިތުގެ ވިންދު އަވަސްވަމުން ދިޔައެވެ. ރީޝާ ހިފައިލީ ސާދާގެ ކޮނޑުގައެވެ.
"އަބަދު ކަމަކަށް އޮންނާނީ ލާރި ޚަރަދުވާ ވާހަކަ ދެއްކުން. ދުވަހަކު ވެސް އަހަންނަށް ރަނގަޅަކަށް ކަމެއް ނުކުރެވޭ،" ސާދާ ރޯން ފެށިއެވެ. "އަހަރެން ރީތިވެ ނަލަވެގެން ހުރުން ވެސް އޭނާއަށް ކަމު ނުގޮސްފާނެ. ގެއަށް ވަންނަ އިރު ބަދިގޭގައި ހުރުން ކަމު ނުގޮސްފާނެ. ދެން ނޭނގެ. އަހަރެން މިހާރު މި ދިރިއުޅުން މަތިން ފޫހިވެއްޖެ."
"އޭނާ އަހަރެންގެ ގަޔަށް އަތްލާން ފެށީ. އަހަރެން ސަލާމަތްވާ އުޅުނީ. ދެން ބަދިގެ ތެރޭގައި ހުރި ގުޑުގުޑާގެ ސިލުނބު ފަޔަށް އެޅުނީ،" ސާރާ ވާހަކަދައްކަމުން ދިޔައީ ފޯނު ކަންފަތުގައި ޖަހައިގެންނެވެ. "މަންމާ! އަހަންނަށް މި ނޫން ގޮތެއް ނެތީތަ؟ މީ އަހަންނަށް ހުރި ގޮތްތަ؟"
ނަފީސާގެ ދެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ކޯތާފަތް މައްޗަށް އޮހެމުން ދިޔައެވެ. އޭނާ ހިތްވަރުކޮށްފައި ސާރާގެ ވާހަކަތައް އަޑުއަހަން ހުރީއެވެ. ކަންފަތުގައި ފޯނު ޖައްސާގެންނެވެ.
"އަހަރެން ވަރަށް، ވަރަށް ކެތްކޮށްފިން މަންމާ! ވަހީދު ފުރައިގެން ދިޔަ ފަހުން އަހަންނަށް ހަމަ ނޭވާ ވެސް ނުލެވޭ. ވަރުބަލިވެގެން ނިދޭއިރަށް ކޮންމެ ވެސް އެކަކު އަހަންނަށް އުނދަގޫ ކުރޭ. ދެބަފައިން ވެސް ތިބީ އެއް ހާލެއްގަ. ހީވަނީ ޑިއުޓީ ބަހައިގެން އުޅޭހެން. މިއިން ވާހަކައެއް ބޭރަށް އިވިއްޖެ ނަމަ ދަރީގެ ކަރުގައި ހިފައި މަރާލައިފަ، އެކަން އަހަރެން ބޮލުގައި އަޅުވާނެ ކަމަށް ދެ މީހުން ވެސް ބުނަނީ. އެމީހުން އޮންނަނީ އަހަންނަށް ބިރުދައްކާފަ. އަހަރެންގެ ދަރިދެކެ އެމީހުން ކުޑަ ވެސް ލޯތްބެއް ނުވޭ. އެއީ އެމީހުންނަށް ފަކުރެއް. ނަޖިހެއް. ބޭކާރު ކުއްޖެއް. އާއިލާއަށްހުރި ބަދުނަސީބެއް."
"ދަރިފުޅާ!" ނަފީސާ ކެތްތެރިކަން ކޮޅުންލިއެވެ.
"މަންމާ! އަހަރެން މިހާރު ބިރު ވެސް ގަނޭ. އަދި އެ ކުއްޖާ ފަކީރަށް މިއުޅެނީ އަހަރެއް ވެސް ނުވެގެން. އަހަންނަށް ޖެހެނީ ގޭތެރޭގެ ހުރިހާ މަސައްކަތެއް ވެސް ކުރަން އެ ކުއްޖާ ކުނާ ގަނޑެއް ނޫނީ ފަތްޖެހި އެނދެއް މަތީގައި ބައިންދައިފަ. ގަޑިން ގަޑިއަށް ކަންކަން ނުވެއްޖެ ނަމަ ދަލޭކަ ހުންނާނީ ހަޅޭއްލަވަން ތަންވަޅެއް ނުލިބިފަ،" ސާރާ ގިސްލަމުން ރޮމުން ބުނެލިއެވެ. "މީ މަންމަގެ ބަސް ނޭހުމުގެ ހިތި ނަތީޖާ. މަންމަ ބުނި ދުވަސް މީ. ތަނަކުން މީހަކު ފެންނައިރަށް ލޯބި ވުމުން ލިބޭ ހިތި މީ. ގޮތް ނޭނގޭ ރަށަކަށް އާދެވުނީމަ ވީގޮތް މިއީ. އަހަރެން އަދިވެސް ހަނދާން އެބަހުރި ބައްޕަ އެ ދުވަހު ބުނެދިން ވާހަކަތައް."
"ދަރިފުޅާ ދެން ވަގުތު ފާއިތު ނުވަނީސް މަންމަ މި ބުނާގޮތް ހަދާ!" ނަފީސާ ނޭފަތް ދަމައިލިއެވެ.
"ވަގުތު ފާއިތުވަމުން މިދަނީ. އަޅުގަނޑު ވަރަށް ދެރަވެއްޖައިން އިސްމާއިލަށް ސާޔާގެ ޚަބަރުތައް ނޭނގުނީމަ."
ކަންފަތުގައި ފޯނު ޖައްސައިގެން އިނދެ ޑޮކުޓަރު މުނީރު ދެއްކި ވާހަކަތައް އަޑުއަހަން އިސްމާއިލް އިނީ ފެންކަޅިވެފައެވެ. މުނީރުގެ ވާހަކަތައް ނިމުމުން އިސްމާއިލް ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި މައްޗަށް ބަލައިލިއެވެ. ދެ ލޮލަށް ޖަމާވެފައިވާ ކަރުނަތައް ކޯތާފަތް މައްޗަށް އޮހިގަތެވެ.
"މުނީރޫ، އަޅުގަނޑު އުއްމީދުކޮށްގެން، އަދި ގަބޫލުކޮށްގެން މި ހުންނަނީ ސާޔާ އުޅެނީ ވަރަށް އުފަލުގައި ކަމަށް. ގުޅައިލާ ހާލު އަހުވާލު އަހައިލާއިރު ވެސް ދުވަހަކު ވެސް ތިޔަ ޒާތުގެ ވާހަކައެއް ސާޔާ ވެސް ނުބުނޭ." އިސްމާއިލް ފޯނު އަނެއް ކަންފަތަށް ބަދަލުކޮށްލިއެވެ.
"އަޅުގަނޑު ދެރަ މިވަނީ އިސްމާއިލްގެ ދަރިން ތަރުބިއްޔަތު ކުރި ގޮތާއި، އިސްމާއިލްގެ ވިސްނުން ހުރި ގޮތާއި، އެ ކުދިންގެ އަހްލާގާއި ހުރިހާ ކަމެއް ދަންނަ މީހަކަށްވާތީ،" މުނީރު ލަސްލަހުން ބުނެލިއެވެ. "ސާޔާ އެ އޮތީ ވަރަށް ނާޒުކު ހާލަތެއްގަ. އޭނާއަށް އެ މަޅިން މިންޖު ކޮށްގެން އަވަސްވީ ގޮތަކަށް މާލެ ގެންދޭ. އަހަރެން ވާނީ ރަސްމީ ހައިސިއްޔަތުން އަންގަން ޖެހޭ ހުރިހާ ތަނަކަށް މި ކަމުގެ މައުލޫމާތު އަންގައިފަ. އެކަން ހިއްސާކޮށްފަ."
"ވަރަށް ރަނގަޅު. ސާޔާއަށް ތިފަދަ ހިތްދަތި ކަމެއް ކުރިމަތިވި ވަގުތު އެހީތެރިވާން މުނީރު އެތަނަށް މެދުވެރި ކުރެއްވިކަން އެއީ އަހަރެންގެ ނަސީބު،" އިސްމާއިލް ހިތްވަރުކޮށްފައި ބުނެލިއެވެ. "ސާޔާ މާލެ އާދެވޭނެ ގޮތްތައް ހެދޭތޯ އަހަރެން މަސައްކަތް މި ފަށަނީ. މުނީރު މިކަމުގައި އެހީތެރިކަން ފޯރުކޮށްލަދީ."
"އިރާދަކުރެއްވިއްޔާ އަހަރެން މާދަމާ ސާޔާ ގޮވައިގެން މާލެ ދާނަން،" މުނީރު އަސަރުން ފުރިގެންވާ ގޮތެއްގައި ބުނެލިއެވެ. "އަހަރެން އަދިވެސް ހަނދާން އެބަހުރި އަހަރެން އެންމެ ހާލުގައި ޖެހުނު ދުވަހު އިސްމާއިލްގެ ދެމަފިރިން އަހަންނަށްވީ އެހީ. އޯގާތެރިކަމާއެކު ވެދިން މަދަދު."
އިސްމާއިލް ގޭގެ ދޮރު ލައްޕާލަމުން މައިގެ ތެރެއަށް ބަލައިލިއެވެ. މުޅި ތަނަށްވަނީ ހިމޭންކަން ވެރިވެފައެވެ. މީހެއްގެ ހިލަމެއް ނުވެއެވެ. އިސްމާއިލް ބަލައިލީ އެމީހުންގެ ކޮޓަރީގެ ދޮރާ ދިމާއަށެވެ. ދޮރުހުރީ ފޫޓެއްހާ ވަރަށް ހުޅުވިފައެވެ. އޭނާގެ ކަންފަތުގައި ޖެހުނީ ވޭނީ ގިސްލުމެއްގެ އަޑެވެ. އިސްމާއިލްގެ ނޭވާ އަވަސްވިއެވެ. އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. ތަރުތީބެއް ނެތް ރޫތައް ހުރި އެ މޫނުމަތިން ފާޅުވަމުން ދިޔަ ނުތަނަވަސްކަން އިތުރުވި ކަހަލައެވެ. ހިނގުމުގައި އުނދަގޫ ގޮތެއް ހުއްޓަސް އޭނާ ފިޔަވަޅުތައް އަވަހެވެ.
އިސްމާއިލް ކޮޓަރީގެ ދޮރާ ހަމައަށް ގޮސް ހުއްޓުނެވެ. އޭނާއަށް ޔަގީންވީއެވެ. އެއީ ނަފީސާގެ ވޭނީ ގިސްލުމުގެ އަޑުކަމެވެ. އިސްމާއިލް ބަލައިލީ ކޮޓަރިއަށެވެ. އޭރު ނަފީސާ ފޯނު ކަންފަތުގައި ޖައްސާގެން އިނދެ ރޮނީއެވެ. އަޑުން އަޑުނަގައެވެ. (ނުނިމޭ)