ފިނިޕޭޖް

ޕްރިޔަންކާގެ "އަންފިނިޝްޑް"ގެ ކަވަރު ދައްކާލައިފި

ޕްރިޔަންކާ ޗޯޕްޅާ ޖޯނަސް އަކީ ބަތަލާ އެކެވެ. ވިޔަފާރިވެރިއެކެވެ. އިންސާނިއްޔަތަށް ޚިދުމަތްކުރާ މީހެކެވެ. އަންހެންދަރިއެކެވެ. ދައްތަ އެކެވެ. އަންބެކެވެ. އަދި މި ނޫނަސް އޭނާއަށް ދޭނެ ވަރަށް ގިނަ ނަންތައް އެބަހުއްޓެވެ. ޕްރިޔަންކާގެ ހަޔާތުގެ އެކި ދައުރުގައި ވަރަށް ތަފާތު ގިނަ ކުލަތައް ޖެހިފައި ވެއެވެ.

ޕްރިޔަންކާގެ ހުނަރު ދައްކާލާފައި ވަނީ ހަމައެކަނި އިންޑިޔާއަކު ނޫނެވެ. މިހާރު ދުނިޔޭގެ އެންމެން ވެސް އޭނާގެ ކުލަދާނަކަން ބަލައިގެންފި އެވެ.

ހުކުރު ދުވަހު ޕްރިޔަންކާ ވަނީ އޭނާ އަމިއްލައަށް ލިޔެފައިވާ ހަނދާންތައް ހިމެނޭ އޮޓޮބަޔޮގްރަފީ ނުވަތަ އޭނާގެ ހަޔާތުގެ ވާހަކަ "އަންފިނިޝްޑް" ގެ ބޭރުގަނޑު ސޯޝަލް މިޑިއާގައި ޝެއާ ކޮށްފަ އެވެ. މި ކަވަރުގައި އޭނާ ވަރަށް ތަފާތު ތިން ކެޕްޝަނެއް ލިޔެފައި ވެއެވެ.

މި ކެޕްޝަންގައި ޕްރިޔަންކާ ލިޔެފައިވާ ގޮތުގައި އޭނާގެ ހަޔާތުގެ ހުރިހާ ހިސާބެއްވެސް ދިމާވެފައިވާ އެންމެ އާއްމު އެއް ކަމަކީ ކަންތައްތައް ފުރިހަމަ ނުކޮށް ދޫކޮށްލުމެވެ. ހަޔާތުގައި އަބަދުވެސް ކުރިޔަށް ދިއުމަށް އޭނާ އިސްކަން ދިން ކަމަށާއި އެއީ އެ އިރަކު އެ ކުރަމުންދިޔަ ކަމެއް ފުރިހަމަ ނުކޮށް ވިޔަސް މައްސަލައަކަށް ނުވާ ކަމަށް އޭނާ ބުނެފައި ވެއެވެ. ފުރަތަމަ ކެޕްޝަންގައި ޕްރިޔަންކާ ލިޔެފައިވަނީ އޭނާގެ ހަޔާތުގެ އަމިއމްލަ ތަޖުރިބާ ތަކެވެ.

"އަހަރެން މިފޮތަށް 'މެމޮއާ' މި ނަން ދިނީ ފޮތް ލިޔަން ފެށުމުގެ މާ ކުރިން. އާއްމުން ދަންނަ މީހެއްގެ ގޮތުގައި 20 އަހަރު އަހަރެން ހޭދަކޮށްފައިވާއިރު އަދި ކުރިޔަށް ވެސް ވަރަށް ދިގު ހަޔާތެއް އޮތް ކަމަށް ދެކެން. އަދި ފާއިތުވީ ދިޔަ ތަނުގައި ވެސް ޒާތީ ދިރިއުޅުމުގައި ވެސް އަދި ޕްރޮފެޝަނަލް ގޮތުން ވެސް ވަރަށް ގިނަ ކަންތައްތަކެއް ކުރެވި އަދި ނުނިންމާ ވެސް ދޫކޮށްލެވިއްޖެ. ނަމަވެސް މެމޮއާ އެއް ލިޔާއިރު އެންމެ މަޖާ ކަމަކަށް އަހަންނަށް އިހްސާސް ވަނީ ވެދިޔަ ކަންތައްތަކާ މެދު އަލުން ވިސްނާލާ އަދި ތަފާތު ނަޒަރަކުން އެ ކަންކަމާ މެދު ބަލާލަން މަޖްބޫރުވާކަން. ހަނދާން ނައްތާލާފައިވާ ވަރަށް ގިނަ ކަންތައްތައް އަލުން ހަނދާންކޮށް އެ ކަންތައްތައް އިސްލާހުކުރަން ފުރުސަތު ލިބޭކަން،" ޕްރިޔަންކާ ލިޔެފައި ވެއެވެ.

ދެ ވަނަ ކެޕްޝަން ޚާއްސަކުރީ މައިންބަފައިންނަށެވެ. އެމީހުން އޭނާއަށް ދިން ހިތްވަރާއި ވެދިން އެހީތެރިކަމަށެވެ. އެމީހުންގެ ހިތްވަރުދިނުމާއެކު ކުރި ބައެއް ކަންތައްތައް ކާމިޔާބުވެ އަނެއްބައި ކަންތައްތައް ފެއިލް ވިޔަސް ޝަކުވާއެއް ނެތް ކަމަށް ޕްރިޔަންކާ ބުނެފައި ވެއެވެ. އޭނާގެ ތިން ވަނަ ކެޕްޝަން ބިނާ ކޮށްފައި އޮތީ ކުރިމަގުގެ ނަޒަރިއްޔާތަށެވެ. ހަޔާތުގައި ދެން ކުރިޔަށް އޮތް ދާން މަގާ މެދު ވިސްނާ ގޮތުގެ ވާހަކަތަކެވެ.