ހަބަރު

ހާރިޖީ ސިޔާސަތުގައި ރައީސް ގެންގުޅުއްވި ވިސްނުންވަނީ ބަދަލުވެފައި: އެމްޑީޕީ

ރާއްޖޭގެ ހާރިޖީ ޒިޔާސަތުގެ އެންމެ މުހިއްމު ފަރާތަކީ އިންޑިޔާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމުން، ހާރިޖީ ސިޔާސަތު ބައްޓަން ކުރުމަށް ރައީސް މިހާތަނަށް ގެންގުޅުއްވި ވިސްނުން ބަދަލުވެފައިވާކަން ފާހަގަވާ ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން މިހެން ބުނީ، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޝުޝްމާ ސުވަރާޖްގެ ދަތުރުފުޅާއި ގުޅިގެން އިންޑިއާއިން ނެރުނު ބަޔާނެއްގައި، ރާއްޖެއިން އަމަލު ކުރާނީ "އިންޑިއާ ފަސްޓް" ހާރިޖީ ސިޔާސަތަކަށް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ކަމަށް ބުނެފައިވާ ވާހަކަޔަކާއި ގުޅިގެންނެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނީ، ރައީސް އަބްދުﷲ ޔާމީން ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ގައުމުގެ ހާރިޖީ ސިޔާސަތު ބިނާކުރުމުގައި އެންމެ އިސްކަމެއް ދެއްވީ އިރުމަތީ ގައުމުތަކަށް ކަމަށާއި، އޭގެ ސަބަބުން އިންޑިއާ އޮތީ އަހަރުތަކެއް ވާންދެން ބާކީކޮށްލެވިފައި ކަމަށެވެ. ނަމަވެސް އިހަކަށް ދުވަހު ރާއްޖެ ވަޑައިގަތް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޝުޝްމާ ސުވަރާޖާ އެކު ރައީސް ޔާމީން ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ ހާރިޖީ ސިޔާސަތުގައި އެންމެ ހާއްސަ ކަމެއް ދޭނީ އިންޑިއާއަށް ކަމަށް ވިދާޅުވުމުން، ސަރުކާރުގެ ވިސްނުން މިހާރު ބަދަލުވެފައިވާކަން ފާހަގަވާ ކަމަށެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައިވާ ގޮތުން، ރާއްޖެއާ އިންޑިޔާއާ މެދު އުފެދިފައިވާ ޒަމާންވީ ގާތް ގުޅުމަށް ހީނަރުކަން އަތުވެދާނެ އެއްވެސް ކަމެއް ކުރުމަކީ ރާއްޖެއަށް ލިބޭނެ ނިކަމެތި ކަމެކެވެ. އެހެންކަމުން އިންޑިޔާ ކަނޑުގެ ރައްކާތެރިކަމާ ޞުލްޙައަށް ބުރޫ އަރާނެ އެއްވެސް ކަމެއް ސަރުކާރުން ކޮށްގެން ނުވާނެ އެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ، ޝުޝްމާގެ ދަތުރުފުޅުގައި އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރ އިބްރާހީމް މުހައްމަދު ސޯލިހާ އެކު ބޭއްްވި ބައްދަލުވުމުގައި އދ ގެ ސެކިއުރިޓީ ކައުންސިލްގެ ދާއިމީ ސީޓަށް އިންޑިޔާ ހޮވަން އެޕާޓީން ތާއިދު ކުރަން ނިންމާފައިވާ ކަން އެކަމަނާއާ ހިއްސާކޮށްފައިވާނެ ކަމަށެވެ.