ޑރ. މުހައްމަދު ޖަމީލް އަހުމަދު

"ސަރުކާރު ކިލަނބުވެފައިވާ ވަރު ފެނޭ"

Oct 3, 2020
3

ރައީސް އަބްދުﷲ ޔާމީންގެ ދެވަނަ ނައިބު ރައީސް އަހުމަދު އަދީބު ގެއަށް ބަދަލު ކުރުމުން ސަރުކާރަށް ފާޑު ވިދާޅުވެ، އަދީބު ނުރައްކަލެއް މުޖުތަމައަށް ނެތީތޯ ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް އަދި އެ މަނިކުފާނުގެ ގާނޫނީ ވަކީލު ސުވާލު ކުރައްވައިފި އެވެ.

ޑރ. މުހައްމަދު ޖަމީލް މިއަދު ފުރަތަމަ އެއްސެވީ 800 އަހަރުގެ ހުކުމް އަންނަން އޮތް މީހާގެ ނުރައްކަލެއް މުޖުތަމައަށް މިހާރު ނެތީތޯ އެވެ؟ ދެން އެއްސްވީ އަދީބު ހެއްކަށް ނުފޫޒު ފޯރުވުމާއި ފިލުމުގެ ބިރު ނެތީ ތޯ އެވެ؟

"ރައީސް ޔާމީނަށް އަނިޔާކުރަން އަދީބު ހަތިޔާރަކަށް ބޭނުންކުރުމުގެ މިއަށްވުރެ ބޮޑު ދަލީލެއް ނެތް. އިންސާފުގެ ފުޅިމަދު އުނގުރިބާ؟ ސަރުކާރު ކިލަނބުވެފައިވާ ވަރު ފެނޭ" ޖަމީލް މިއަދު ވިދާޅުވެފައި ވެއެވެ.

ސަރުކާރުން މިއަދު ވަނީ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދު ކޮށްފައިވާ އަދީބު ގެއަށް ބަދަލު ކޮށްދީފަ އެވެ. ނަމަވެސް ކަރެކްޝަން ސާވިސްއިން މިއަދު ބުނީ އަދީބު ގެއަށް ބަދަލުކޮށްފައި ވަނީ އޭނާގެ ބަލި ހާލަތު ހުރި ގޮތުން ކަމަށެވެ. އޭނާ ބަންދު ކުރީ ވެސް އޭނާގެ ބަލިހާލަތު ގޯސް ކަމާއި އޭނާ އާއި އާއިލާއިން ބުނަމުން ދަނިކޮށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގަށް އެއްބާރުލުން ދެމުންދިއަ އަދީބު މީގެ ކުރިން ވެސް ގެއަށް ބަދަލުކޮށްފައިވަނިކޮށް، ޓަގް ބޯޓެއްގައި ރާއްޖޭން ފިލައިގެން އިންޑިއާ އިން އެތެރެވާން އުޅެނިކޮށް ވަނީ އަތުލައިގެންފަ އެވެ. އަދީބު މިފަހަރު ގެއަށް ބަދަލުކޮށްފައިވަނީ ބޮޑު ހިޔާނާތާ ގުޅިގެން އުފުލާފައިވާ ހަތް ދައުވާއަށް އޭނާ ކްރިމިނަލް ކޯޓުގައި އިއިތިރާފު ވެފައި ވަނިކޮށެވެ.

އަދީބު ވިދާޅުވެފައިވަނީ މި މައްސަލަތަކާއި ގުޅިގެން ފަސް އަހަރެއްހާ ދުވަހު ޖަލުގައި ހޭދަ ކުރެއްވިއްޖެ ކަމަށާއި ހެއްދެވިފައިވާ ގޯސްތަކާމެދު ހިތާމަކުރައްވާ ކަމަށެވެ. އަދި އެކަންކަމަށް ތައުބާވެފައިވާ ކަމަށް ޝަރީއަތުގައި ވިދާޅުވިއެވެ.