ފޮރިން މިނިސްޓްރީ

ހުރިހާ ގައުމަކުން ނިއުކްލިއާ މުއާހަދާގައި ބައިވެރިވާން ގޮވާލައިފި

ނިއުކްލިއާ ހަތިޔާރު މަނާކުރުމާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާ ތަންފީޒު ނުކޮށް ހުރި ގައުމުތަކުން ވީއެންމެ އަވަހަކަށް އެ މުއާހަދާގައި ބައިވެރިވުމަށް ރާއްޖެއިން ގޮވާލައިފި އެވެ.

ރާއްޖެއިން މިކަމަަށް ގޮވާލީ ދުނިޔެއިން ނިއުކްލިއާ ހަތިޔާރުތައް އެއްކޮށް ނައްތާލުމަށް ބާރުއެޅުމަށް ފާހަގަކުރާ ބައިނަލްއަގްވާމީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން، އދގެ އާއްމު މަޖިލީހުގެ ހަވާސާގައި ބޭއްވި ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ތަގްރީރު ކުރައްވަމުންނެވެ.

މި ބައްދަލުވުމަށް ޝާހިދު ފޮނުއްވި ވީޑިއޯ މެސެޖްގައި ދުނިޔެއިން ނިއުކްލިއާ ހަތިޔާރާއި ބޮޑެތި ގެއްލުން ދެނިވި ހަތިޔާރު ނައްތާލުމުގައި އދ އަދާކުރަމުންދާ ދައުރު ފާހަގަކުރެއްވިއެވެ. އަދި މިހާރުވެސް ދުނިޔޭގެ އެކި ގައުމުތަކުގައި ނިއުކްލިއާ ހަތިޔާރު ހުރިކަމަށް ވިދާޅުވިއެވެ. މިނިސްޓަރު ވަނީ ނިއުކްލިއާ ހަތިޔާރު މަނާކުރުމާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާ ތަންފީޒު ނުކޮށް ހުރި ގައުމުތަކުން ވީ އެންމެ އަވަހަކަށް އެ މުއާހަދާގައި ބައިވެރިވުމަށް ގޮވާލައްވާފައެވެ.

އަދި ބޮޑެތި ގެއްލުން ދެނިވި ހަތިޔާރުތައް ނައްތާލުމަކީ ބައިނަލްއަގްވާމީ ސުލްހަ އާއި ސަލާމަތްތެރިކަން ކަށަވަރު ކުރުމަށާއި 2030 އެޖެންޑާގެ 16 ވަނަ ލަނޑުދަނޑި ހާސިލް ކުރުމަށް މުހިއްމު ކަމެއްކަމަށް ވެސް ވިދާޅުވިއެވެ. ރާއްޖެއަކީ މިހާރުވެސް އަދި ކުރިއަށް އޮތްތަނުގައިވެސް ހަތިޔާރު އުފައްދާނެ ގައުމަށް ނޫންކަމަށް ވިދާޅުވެ، ޓްރީޓީ އޮން ނަން-ޕްރޮލިފަރޭޝަން އޮފް ނިއުކްލިއާ ވެޕަންސް މުއާހަދާގައި އެންމެ ފުރަތަމަ ސޮއިކުރި އެއް ގައުމަކީ ދިވެހިރާއްޖެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ސަރަހައްދީ ސަލާމާއި ރައްކާތެރި ކަމަށްޓަކައި ރާއްޖެއިން އަދާކުރަން ޖެހޭ ބައިނަލްއަގްވާމީ ޒިންމާތައް އަދާކުރަމުންދާ ކަމަށާ ރާއްޖެއިން އާމްސް ޓްރޭޑް ޓްރީޓީ، ކްލަސްޓާ މިއުނިޝަން ކޮންވެންޝަން އަދި ނިއުކްލިއާ ޕްރޮހިބިޝަން ޓްރީޓީ ގައިވެސް ބައިވެރިވެފައިވާ ކަމަށް މިނިސްޓަރި ވިދާޅުވިއެވެ.

ދުނިޔެއިން ނިއުކްލިއާ ހަތިޔާރުތައް އެއްކޮށް ނައްތާލުމަށް ބާރުއެޅުމަށް ފާހަގަކުރާ ބައިނަލްއަގްވާމީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. މި އަހަރުގެ ބައްދަލުވުމުގައި ދުނިޔޭގެ 100 އަށްވުރެ ގިނަ ގައުމުތަކުން މަންދޫބުން ބައިވެރިވިއެވެ.