ހަބަރު

މާއެނބޫދޫ އާއި ހުޅުދެލި މެޗަށްފަހު ހަމަނުޖެހުން ހިންގައި ބަޔަކު ޒަހަމްވެއްޖެ

ދ. މާއެބޫދޫގައި މިއަދު ކުޅުނު މިނިވަން 50 ފުޓްބޯޅަ މުބާރާތުގައި އެ ރަށު ޓީމާއި އެ އަތޮޅު ހުޅުދެލީ ޓީމް ބައްދަލު ކުރި މެޗަށް ފަހު ހިނގި ހަމަނުޖެހުމުގައި ފުލުުހުންނާއި އާންމުންނަށް އެކި ވަރުގެ އަނިޔާތައް ވެއްޖެ އެވެ.

މާއެބޫދޫ މޮޅުވި އެ މެޗަށް ފަހު ހިނގި ހަމަނުޖެހުންތަކާ ގުޅޭ ގޮތުން ހުޅުދެލީ ކައުންސިލްގެ މެންބަރަކު މިރޭ ވިދާޅުވީ މެޗްބަލަށް މާއެބޫދޫއަށް އައި ހުޅުދެލީގެ 500 ވަރަކަށް މީހުންނާއި މާއެބޫދޫގެ ރައްޔިތުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގައި އަނިޔާވާން ޖެހުނީ މެޗް ނިންމާލުމަށް ފަހު ހުޅުދެލީ ޓީމް އެނބުރި ރަށަށް ދިޔުމަށް ޖެޓީ ސަރަހައްދަށް ނިކުތް ވަގުތު މާއެބޫދޫ ބަޔަކު އެ މީހުންނާ ދިމާކޮށް އަވަގުރާނަ ގޮވާ ހެދުމުން އެ މައްސަލަ ހޫނު ވެގެން ކަމަށެވެ. އަދި އެ ކުރިމަތިލުމުގައި އެކި ފަރާތްތަކަށް އަނިޔާވި ކަމަށް ކައުންސިލް މެންބަރު ވިދާޅުވި އެވެ.

ފުލުހުން ބުނީ އެ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމުގައި ފުލުހުން ބާރުގެ ބޭނުން ކުރަން ޖެހުނު ކަމަށެވެ. އެގޮތުން ޕެޕާ ސްޕްރޭވެސް ފުލުހުން ބޭނުން ކުރި އެވެ. އޮފިޝަލް ވިދާޅުވީ ހަމަނުޖެހުން ކޮންޓްރޯލް ކުރަން އުޅުމުގެ ތެރޭގައި ފުލުހުންނާއި އާންމުނަށް ވެސް އެކި ވަރުގެ ހާނިކަވި އެވެ. އެހެން ނަމަވެސް ސީރިއަސް އަނިޔާއެއް ނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވޭ. މިހާރު މާ އެބޫދޫގައި ފަރުވާދިނުމަށް ފަހު ހުޅުދެލީ އެންމެން ވަނީ އެ ރަށަށް ފޮނުވާލާފައި،" އޮފިޝަލް ވިދާޅުވި އެވެ.