ވިޔަފާރި

ގްރީން ޓެކުހަށް ތައްޔާރު! ފައިސާ ހޭދަކުރާނީ ކިހިނެއް؟

  • ގްރީން ޓެކްސް މުހިންމު ކަމަށް އިންޑަސްޓްރީ ގަބޫލުކުރޭ
  • ޓެކްސް ފައިސާ ހޭދަކުރާނެ ގޮތް ނޭނގޭތީ ޓޫރިޒަމް ކަންބޮޑުވޭ
  • ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ހަ ޑޮލަރު

އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖޭގައި މުޅިން އަލަށް "ގްރީން ޓެކްސް" ނަގަން ފަށާނެ އެވެ. މީގެ ބޭނުމެއް ކަމަށް ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމެވެ. އެހެންކަމުން ޓޫރިޒަމް އިންޑަސްޓްރީ ދަނީ މި ޓެކުހަށް ތައްޔާރުވަމުންނެވެ. އާ ޓެކްސް ބޯމަތިވެފައިވާއިރު، މި ޓެކުހުން ނަގާ ފައިސާ ހޭދަކުރާނެ ގޮތެއް އަދި އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ. މި ފައިސާ ހޭދަކުރީ ކޮން ކަމަކަށް ހެއްޔެވެ؟

"ގްރީން ޓެކްސް މި ނަގަނީ ރަނގަޅު މަގުސަދެއްގައި. އެހެންވެ ރަނގަޅު ކަމެއް މިއީ. ކުރިން ބުނެފައި އެ ބައޮތް މީގެ ޕާޕަސް. ނަމަވެސް މިއިން ކުރާނީ ކޮންކަމެއްތޯ ތަފުސީލްކޮށް އެނގެން ޖެހޭ،" ރާއްޖޭގެ ޓްރެވަލް އެޖެންޓުގެ ޖަމިއްޔާ، މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ވިދާޅުވި އެވެ.

ގްރީން ޓެކްސްގެ ގޮތުގައި ނަގަނީ ކޮންމެ ޓޫރިސްޓެއްގެ އަތުން ހަ ޑޮލަރެވެ. މިއީ ކުރިން ސަރުކާރުން ނަގަމުން ދިޔަ އަށް ޑޮލަރުގެ ބެޑް ޓެކްސް އުވާލުމަށްފަހު އަލަށް ތައާރަފުކޮށްފައިވާ ޓެކުހެކެވެ.

ގްރީން ޓެކުހުން ކިހާ އާމްދަނީއެއް ލިބޭނެ؟

  • މި އަހަރު ގްރީން ޓެކުހުން 314 މިލިއަން ރުފިޔާ ލިބޭނެ
  • އަންނަ އަހަރު 1.1 ބިލިއަން ރުފިޔާ ލިބޭނެ
  • 2017 ވަނަ އަހަރު 1.3 ބިލިއަން ރުފިޔާ ލިބޭނެ

ގްރީން ޓެކްސް ނެގުމުގެ ބަހުސް މަޖިލީހުގައި ކުރިއަށް ދިޔައިރު، މަޖިލީހުގެ މެންބަރުން ވަނީ ގްރީން ޓެކްސް ފައިސާ ހޭދަކުރާނެ ގޮތަކާމެދު ސުވާލު އުފައްދާފަ އެވެ. ގްރީން ޓެކްސްގެ ފައިސާ ހޭދަކުރާނީ ބަނދަރު ހަދަން ހެއްޔެވެ؟ ނޫނީ މަގު ހަދަން ހެއްޔެވެ؟ ނޫނީ ސަރުކާރުގެ ހަރަދުތައް ފޫބައްދަން ހެއްޔެވެ؟

ކޮންމެއަކަސް ގްރީން ޓެކުހަކީ ތިމާވެށި ހިމާޔަތް ކުރުމަށް ނަގާ ޓެކުހެ އެކެވެ. އެހެން ގައުމުތަކުގައި ވެސް މިކަން އޮތީ މިގޮތަށެވެ. މިއީ ރާއްޖެއަށް މުހިންމު ޓެކުހެ އެކެވެ. ރާއްޖެއަށް މި ޓެކްސް މުހިންމު ވަނީ ކީއްވެގެން ހެއްޔެވެ؟ މީގެ ސަބަބުތައް ގިނަ އެވެ. އެއް ސަބަބަކީ ތިލަފުށި ފަދަ ތަންތަނުންގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ލިބޭ ހުތުރުނަމުން ސަލާމްވުމެވެ. ދޭތެރެދޭތެރެއިން ތިލަފުށީގެ ވާހަކަ ބޭރުގެ މީޑިޔާތަކަށް އާދެ އެވެ. (ތިރީގައި ތިލަފުށީގެ ފޮޓޯތަކެއް ހަފިންޓަން ޕޯސްޓްގައި) މި ފަދަ ކޮންމެ ފަހަރަކު ދިވެހިންނަށް މަލާމަތް ލިބެ އެވެ.

ރާއްޖެއަކީ ރީތި ކަމަށް ދުނިޔެމަތީ ސުވަރުގެކަމުގައި ދެއްކި ނަމަވެސް ތިލަފުުށި ވެގެން ގޮސްފައިވަނީ ރާއްޖެމަތީގައި އުފެދިފައިވާ ކަޅު ވިލާގަނޑެއް ފަދަ ރަށަކަށެވެ. މީގެ އިތުރުން ރާއްޖޭގައި ކުނި ނައްތާލުމުގެ އާދަކާދަ ހުރި ގޮތުން ކުނީގެ މައްސަލަ ބޮޑުވުމަކީވެސް މި ޓެކްސް ނެގުމުގެ ބޭނުމެކެވެ. ނަމަވެސް ޓެކްސްގެ ފައިސާ ހޭދަކުރާނެ ސީދާ ގޮތެއް ސަރުކާރަކުން ނުބުނެ އެވެ. އަދި އެ ކަންކުރާނެ ގޮތުގެ އޮނިގަނޑެއް ވެސް ހާމަކޮށްފައެއް ނުވެ އެވެ. މިކަމުގެ ސަބަބުން ބައެއް ފަރާތްތަކުގެ ކަންބޮޑުވުން އެބަ އޮތެވެ.

ނަމަވެސް، ގްރީން ޓެކްސްގެ ބަހުސް ރައްޔިތުން މަޖިލީހުގައި ކުރިއަށް ދިޔަ ދުވަސްވަރު، ސަރުކާރަށް ތާއީދުކުރާ ބައެއް މެންބަރު ބުނެފައިވަނީ މި ޓެކުހުގެ ފައިސާ ޖަމާވެގެން ދާނީ މުޅިން ވަކި އެކައުންޓަކަށް ކަމަށެވެ. ނަމަވެސް މީގެ ތަފުސީލެއް އެއްވެސް ވުޒާރާއަކުން ހާމަކޮށްފައެއް ނުކުރެ އެވެ.

މި ޓެކްސް ނަގަނީ ރިސޯޓުތަކުންނާއި ހޮޓާ އަދި ސަފާރީ އުޅަނދު ފަހަރުންނެވެ. މީގައި ގެސްޓް ހައުސްތައް ވަނީ އިސްތިސްނާ ކޮށްފަ އެވެ. މި ޓެކްސް ނަގަނީ ކޮންމެ ޓޫރިސްޓަކަށް ހަ ޑޮލަރެވެ.

ރާއްޖޭގެ ސަފާރީއެއް ކަމަށްވާ "ސޮލައިލް" ގެ ވެރިޔާ އިބްރާހިމް ޝާހިދު (ޝާޑް) ވިދާޅުވީ ގްރީން ޓެކްސް ނެގުމަށްފަހު އެ ފައިސާ ހޭދަކުރާނެ ގޮތެއް ނެތުމަކީ މައްސަލައެއް ކަމަށެވެ.

"ޓޫރިސްޓުން ބުނާނީ ގްރީން ޓެކްސް ދެއްކީމަ އިން-ރިޓާން އެ މީހުންނަށް ލިބޭނީ ކޮންކަމެއްތޯ؟ އެއީ ގްރީން ޓެކްސްގެ ވާހަކަ ދައްކާތީ. މި ޓެކްސް ނެގުމުން ޑައިވް ސައިޓްތައް ފުރިހަމައަށް ބެލެހެއްޓޭނެ ތޯ؟ އެކަން ކުރާނީ ކިނެއް ތޯ؟ ކުނި ނައްތާލުމުގެ މެކޭނިޒަމެއް ނެތުމަކީ ކޮމްޕްލެއިން އަންނާނެ ކަމެއް،" ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަފާރީ ފަދަ އުޅަނދު ފަހަރަށް ޖަމާވާ ކުނިބުނި އުކާލުމަށް އެކަށީގެންވާ ސިސްޓަމެއް ނެތުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

"ވަރަށް އުނދަގޫވާނެ މިކަން ކޮންވީންސް ކޮށްދޭން ބޭރު މީހުންނަށް. މިސާލަކަށް ގްރީން ޓެކްސް ނަގައިގެން ސްކޫލްތަކޭ އަޅަނީ. މިހެން ވެސް ބުނެވޭކަށް ނޯންނާނެ. އެހެން ބުނީމަ ގަބޫލެއް ނުކުރާނެ،" ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގްރީން ޓެކްސް ނެގުމަށްވުރެ، މި ޓެކްސްގެ ފައިސާ އިން ތިމާވެއްޓަށް ކުރާނެ ކަމެއް ނޭނގުމަކީ ކަންބޮޑުވާނެ ކަމެއް ކަމަށެވެ.

"މި ޓެކްސް ނަގައިގެން މޫދަށް އަޅާ ކުނި ނައްތާލަން މިވެނި ތަނެއްގައި ނިޒާމެއް ގާއިމް ކުރާނަމޭ. ނަމަވެސް މި ކަހަލަ އެއްވެސް ކަމެއް ނެތް،" ޝާހިދު ވިދާޅުވި އެވެ.

ދެން އޮތް ސުވާލަކީ މި ޓެކްސްއަށް ޓޫރިޒަމް އިންޑަސްޓްރީ އޮތީ ތައްޔާރު ބާ އެވެ؟ މިކަމަށް އިންޑަސްޓްރީ ތައްޔާރު ކުރުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މި ޓެކްސް މި ނެގިގެން ދަނީ ތައްޔާރު ވާން އަހަރެއްހާ ދުވަސް ދިނުމަށްފަހު އެވެ. ނަމަވެސް ގެސްޓް ހައުސްތަކުން މި ޓެކްސް ނުނަގާފައި، ސަފާރީތަކުން ނެގުމާ މެދު ގިނަ ކަންބޮޑުވުން ތަކެއް އެބަހުއްޓެވެ.

ރާއްޖޭގެ މަޝްހޫރު ޓްރެވަލް ކުންފުންޏެއް ކަމަށްވާ ލެޓްސްގޯގެ ވެރިޔާ މުހައްމަދު ރިޔާޒު ވިދާޅުވީ މި ޓެކްސް އަށް ޓޫރިޒަމް އިންޑަސްޓްރީ ތައްޔާރުވެފައިވާ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

ސަފާރީ އޮޕަރޭޓަރުންގެ ނަޒަރުގައި ގެސްޓް ހައުސްތަކުން ހަ ޑޮލަރުގެ ޓެކުހެއް ނުނަގާފައި، ސަފާރީތަކަށް އަންނަ ޓޫރިސްޓުންގެ އަތުން ނެގުމަކީ އިންސާފެއް ނޫނެވެ.

ނަން ހާމަ ނުކުރުމަށް އެދި "އަވަސް" އަށް ވާހަކަ ދެއްކި ސަފާރީ އޮޕަރޭޓަރެއް ބުނީ ގެސްޓް ހައުސްތަކެކޭ އެއްގޮތަށް ސަފާރީ އިންޑަސްޓްރީއަކީ ވެސް ނާޒުކު ދާއިރާއެއް ކަމަށެވެ.

"މި އިންޑަސްޓްރީއަކީ ވަރަށް ނާޒުކު ދާއިރާއެއް. ބޯޓު އޯނަރުންގެ އަތުން ޓެކްސް ނެގުމަށްވުރެ ފަސޭހަވާނެ އިމިގްރޭޝަންގައި ޑެކްސްއެއް ބަހައްޓައިގެން ގްރީން ޓެކްސް ނެގުން. މިހާރު ޓޫރިސްޓު ވިސާގައި އެތައް ބަޔަކު އާދެ. އެގޮތަށް ނެގީމަ ދައުލަތައް މާ ފައިދާވާނެ،" ސަފާރީއެއް ދުއްވާ މީހަކު ބުންޏެވެ.

ކުރިން ވާހަކަ ދެއްކި، ސޮލައިލް ސަފާރީގެ ވެރިޔާ ޝާހިދު ވިދާޅުވީ މާ ކައިރި ކައިރީގައި ޓެކްސް އައުމަކީ މައްސަލައެއް ކަމަށެވެ.

"މީގައި ގެސްޓުނަށް ވުރެ ބޮޑަށް މައްސަަލަ ޖެހޭނީ ޓުއާ އޮޕަރޭޓަރުންގެ ފަރާތުން. އެ މީހުން ބުނޭ އިހަށްދުވަހު ނޫންހޭ 12 ޕަސެންޓަށް ޖީއެސްޓީ ބޮޑުކުރީ. މިހެން ވެ މައްސަލަ ޖައްސާ،" ޝާހިދު ވިދާޅުވި އެވެ.

"މީގައި ބޭނުންވަނީ ވަކި މިންގަނޑެއް ކަނޑައަޅަން. މިސާލަކަށް ޕަލާއޫގައި ހުރޭ ވަކި ތަންތަނަށް ދަންޏާ ވަކި ޓެކްސްއެއް ނަގާ. އެ ތަނަށް ނުދާ މީހަކު އަތަކުން ޓެކްސްއެއް ނުނަގާނެ."

ކޮންމެއަކަށް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ގްރީން ޓެކްސް ނަގަން ފަށާނެ އެވެ. އަހަރެމެން ބޭނުންވަނީ މި ފައިސާ އިން ތިމާވެށީގެ މައްސަލަތައް ހައްލުވުމެވެ. ނަމަވެސް މި ފައިސާ ހޭދަކުރާނެ ގޮތުގައި މާބޮޑު ތަފުސީލެއް އަދި ނެތެވެ. ހަމައެކަނި ކުރެވެނީ ސުވާލެކެވެ.