ކުޅިވަރު

ނަޕޯލީއާމެދު ސުވާލު އުފެދުނަސް މެޗު ކެންސަލް ނުކުރާނެ

ކޮވިޑް-19 ގެ ބިރުވެރިކަން ކުރިމަތި ވެފައިވާ ނަޕޯލީގެ ޓީމު ދަތުރު ކުރުން ސިއްހީ އިދާރާއިން މަނާކޮށްފައިވާ ކަމަށް އަޑުފެތުރިފައި ވީނަމަވެސް މިރޭ ކުޅެން ހަމަޖެހިފައިވާ ޔުވެންޓަސް އާއި ނަޕޯލީގެ މެޗު ކެންސަލް ނުކުރަން ސެރީ އާ އިން ނިންމައިފި އެވެ.

އިޓަލީގެ މީޑިއާތަކުގައި އިިއްޔަ ޚަބަރު ފެތުރިފައި ވަނީ، ޓުރިން އަށް ދަތުރު ނުކުރުމަށް ނޭޕަލްސްގެ ސިއްހީ އިދާރާއިން އަންގާފައިވާ ކަމަށެވެ. ފަހުން ވަނީ އެކަން އަންގާފައިވާ ކަމަށް ބުނާ ލިޔުމެއްވެސް ސޯޝަލް މީޑިއާގައި ދައުރު ކޮށްފަ އެވެ. އެހެންނަމަވެސް ޓީމު ދަތުރު ނުކުރުމަށް ސާފުކޮށް އެ ސިޓީގައި އަންގާފައެއް ނުވެ އެވެ. އެ ލިޔުމުގައި އަންގާފައި ވަނީ ކޮވިޑަށް ޕޮޒިޓިވްވި ނަޕޯލީގެ ޕިއޮޓާ ޒިއޮލިންސިކީ އާ ކޮންޓެކްޓްވި ޓީމުގެ ބައެއް ސްޓާފުން އެކަހެރިވުމަށެވެ.

އެކަމާ ބެހޭގޮތުން ނަޕޯލީން އެއްވެސް އެއްޗެއް ބުނެފަ އެއް ނުވެ އެވެ. ޔުވެންޓަސްގެ ދެ މުވައްޒަފަކަށްވެސް ވަނީި އެކަހެރިވުމަށް އަންގާފަ އެވެ. އެހެން ޓީމުތަކުންވެސް ވަނީ ކޮވިޑް ފެނިފަ އެވެ. އޭގެ ތެރޭގައި އެސީ މިލާން، އެޓަލާންޓާ އަދި ޓޮރިނޯ ހިމެނެ އެވެ. ނަމަވެސް އެއިން އެއްވެސް ޓީމަކަށް ދަތުރު ނުކުރަން އަންގާފައެއް ނުވެއެވެ.

ސެރީ އާ އާއި ޔޫއެފާގެ ޕްރަޓަކޯލްގައި ބުނެފައި ވަނީ، ގޯލްކީޕަރާއެކު 13 ކުޅުންތެރިން ތިބެއްޖެނަމަ މެޗު ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެތުލީޓުންނަށް ޓެސްޓް ހެދޭނެ ފަސޭހަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފަ އެވެ. އެގޮތުން މެޗު ފެށުމުގެ ހަތަރު ގަޑިއިރު ކުރިން ޓެސްޓް ހެދޭނެ އެވެ. ޕޮޒިޓްވް ވާ ކުޅުންތެރިން އެކަހެރިވެ ނެގެޓިވް ކުޅުންތެރިންނާއެކު މެޗު ކުރިއަށް ގެންދާނެ އެވެ. އިއްޔަ ޖެނާއޯ އާއި ޓްރިނޯ ކުޅެން ހަމަޖެހިފައިވާ މެޗު ކެންސަލް ކުރީ ޖެނޯއާގެ 22 މީހަކު ޕޮޒިޓިވް ވުމުންނެވެ. އޭގެ ތެރޭގައި 17 ކުޅުންތެރިން ހިމެނެ އެވެ.

ރާއްޖެގަޑިން މިރޭ 11:45 ގައި ކުޅޭ މެޗަށް ނަޕޯލީގެ ޓީމު މިއަދު ޓުރިންއަށް ދާނެ އެވެ. މެޗަށް ހާޒިރު ނުވެއްޖެނަމަ ޔުވެންޓަސް މެޗުން މޮޅުވިކަމަށް ނިންމާނެ އެވެ.