ކުޅިވަރު

ޔުވެންޓަސްގެ މެޗަށް ނަޕޯލީ ހާޒިރެއް ނުވި

ޖޯޒީ އަޅައިގެން ޔުވެންޓަސް ޓީމު ދަނޑަށް ނުކުތް ނަމަވެސް، ނަޕޯލީގެ ޓީމު މެޗަށް ހާޒިރު ނުވި އެވެ.

ކޮވިޑް-19 ނަޕޯލީގެ ޓީމުން ފެނުމުން އެ ޓީމު ޓުރިންއަށް ދަތުރު ނުކުރުމަށް، ނަޕޯލީ ނިސްބަތްވާ ނޭޕަލްސްގެ ސިއްހީ އިދާރާއިން އަންގާފައިވާ ކަމަށް ޚަބަރު ފެތުރު ނަމަވެސް ސެރީ އާ ނިންމީ މެޗު ކެންސަލް ނުކުރުމަށެވެ.

ޔުވެންޓަސްގެ ކޯޗް އެންޑްރެއާ ޕިރްލޯ ވަނީ އޭނާގެ ޓީމުގެ ފުރަތަމަ 11 އިއުލާންކޮށް އެ ޓީމު ދަނޑަށް ވެސް ނެރެފަ އެވެ.

ނަޕޯލީގެ ދެ ކުޅުންތެރިޔަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. ސިއްހީ އިދާރާއިން އަންގާފައި ވަނީ އެ ދެ ކުޅުންތެރިންނާ ކޮންޓެކްޓްވި އެހެން ފަރާތްތައް އެކަހެރި ވުމަށެވެ. އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނެފައި ވަނީ ދަތުރު މުޅި ޓީމު ދަތުރު ނުކުރުމަށް ސިއްހީ އިދާރާއިން ސާފުކޮށް އަންގާފައި ނުވާ ކަމަށެވެ.

ސެރީ އާ އިން މެޗު ކެންސަލް ނުކުރީ، ޔޫއެފާ ޕްރޮޓަކޯލްއަށް ފެއްތުމަށެވެ. ޔޫއެފާ ޕްރޮޓަކޯލްގައި ބުނެފައި ވަނީ ގޯލްކީޕަރާއެކު 13 ކުޅުންތެރިން ތިބެއްޖެނަމަ މެޗު ކުރިއަށް ގެންދެވޭނެ ކަމަށެވެ.

މެޗަށް ނަޕޯލީ ހާޒިރު ވާނެ ކަމަށް 45 މިނެޓް ވަންދެން މެޗުގެ އޮފިޝަލުން ބެލި އެވެ. އެހެން ނަމަވެސް ނަޕޯލީ ހާޒިރު ނުވުމުން މެޗު ކުރިއަށް ގެންދެވޭނެ ގޮތެއް ނުވި އެވެ. އެއަށްފަހު ސެރީ އާ ވެބްސައިޓް އަޕްޑޭޓް ކޮށްފައި ވަނީ މެޗު ނުކުޅޭ ކަމަށެވެ.

ބެލެވޭ ގޮތުގައި ޔުވެންޓަސް މެޗުން މޮޅުވި ކަމަށް ސެރީ އާއިން ނިންމާނެ އެވެ. ނަޕޯލީގެ ތަރުޖަމާން ބުނީ، މެޗުން ނަޕޯލީ ބަލިވެއްޖެ ކަމަށް ނިންމައިފިނަމަ އެކަން އިސްތިއުނާފަށް ހުށަހަޅާނެ ކަމަށެވެ. ސިއްހީ އިދާރާއިން ނަޕޯލީގެ ޓީމު އެކަހެރި ކޮށްފައިވާ ކަމަށް ވެސް ތަރުޖަމާން ރޭ ބުނެފައި ވެއެވެ.