ޔުވެންޓަސް އަތުން ޕޮއިންޓެއް ހޯދައިގެން މެޗުން ނިންމާލެވެން އޮއްވައި، ނަޕޯލީގެ ޑިފެންޑަރު ކަލިޑޫ ކޯލިބަލީ އަތުން ބައިކޮޅަށް ލަނޑު ވަދެ، ޔުވެންޓަސް އަތުން 4-3 ން ނަޕޯލީ ބަލިވެއްޖެ އެވެ.
ޔުވެންޓަސްގެ މިހާރުގެ ކޯޗް މައުރީޒިއޯ ސާރީ ކުރިން ކޯޗް ކޮށްދިން ނަޕޯލީއާ ދެކޮޅަށް، މެޗުގެ ފުރަތަމަ ހާފުގައި ނަޕޯލީއިން މޮޅު ކުޅުމެއް ދެއްކި އެވެ. ދެ ވަނަ ހާފުގައި ނަޕޯލީން ގިނައިރު ބޯޅަ ހިފަހައްޓައި ނަތީޖާ ހަމަހަމަ ކުރި އެވެ. ޔުވެންޓަސްއިން ތިން ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނަޕޯލީން ނަތީޖާ ހަމަހަމަ ކުރީ ފަހަތުން އަރައި ކާމިޔާބު ކުރި ލަނޑުތަކުންނެވެ.
މެޗުގެ ފުރަތަމަ ހަމަލާ އުފެއްދީ ޔުުވެންޓަސްގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މެޗުގެ ފަސް ވަނަ މިނެޓްގައި، ނަޕޯލީގެ އޭރިއާގެ ކަނާ ދިމާލުން ބޯޅަ ހިފައިގެން ވަދެ އޭނާ ބޯޅަ ފޮނުވާލީ ނަޕޯލީގެ ކީޕަރު އެލެކްސް މެރިޓް ހުރި ދިމާލަށެވެ.
ޔުވެންޓަސްއަށް ފުރަތަމަ ލީޑް ނަގައިދިނީ ޑަނިލޯ އެވެ. އޭނާ ލަނޑު ޖެހީ ކުޅެން ނުކުތް ތާ ފުރަތަމަ މިނެޓްގަ އެވެ. މެޗުގެ ކުރީ ކޮޅު ޔުވެންޓަސްގެ މަޓިއާ ޑި ޝީލިއޯ އަށް އަނިޔާވުމުން އޭނާގެ ބަދަލުގައި މެޗުގެ 15 ވަނަ މިނެޓްގައި ޑަނިލޯ ކުޅެން ނުކުތެވެ. ޑަގުލަސް ކޮސްޓާ ތަނަވަސް ކޮށްދިން ފުރުސަތަކުން ޑަނިލޯ ލަނޑު ކާމިޔާބު ކުރީ މެޗުގެ 16 ވަނަ މިނެޓްގަ އެވެ.
އޭގެ ތިން މިނެޓް ފަހުން، ގޮންޒާލޯ ހިގުއައިން ޔުވެންޓަސްގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރި އެވެ. ދެ ލަނޑުގެ ލީޑަކާއެކު ޔުވެންޓަސްއިން ފުރަތަމަ ހާފު ނިންމާލީ އިތުބާރާއެކު އެވެ.
ނަމަވެސް ދެ ވަނަ ހާފުގައި ނަޕޯލީން ކުޅުން ރަނގަޅު ކޮށް ޔުވެންޓަސްގެ ފަހަތަށް ބާރު ބޮޑު ކުރި އެވެ. ނަޕޯލީން ބޯޅަ ހިފަހައްޓައިގެން ކުޅެން މަސައްކަތް ކުރުމުން، ޔުވެންޓަސްއިން މަސައްކަތް ކުރީ ކައުންޓަ އެޓޭކުގައި ހަމަލާ އުފެއްދުމަށެވެ.
ޔުވެންޓަސްގެ ތިން ވަނަ ލަނޑު ރޮނާލްޑޯ ކާމިޔާބު ކުރީ 62 ވަނަ މިނެޓްގައި ޑަގުލަސް ކޯސްޓާ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. އެއީ މި ސީޒަންގައި ރޮނާލްޑޯ ކާމިޔާބު ކުރި ފުރަތަމަ ލަނޑެވެ.
ނަޕޯލީގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ، ކޮސްޓަސް މޮނަލާސް އެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 66 ވަނަ މިނެޓްގަ އެވެ. އޭގެ ދެ މިނެޓް ފަހުން ހާވިން ލޮސާނޯ ވަނީ ނަޕޯލީގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ނަޕޯލީން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ޖިއޮވާނީ ޑި ލޮރެންޒޯ 82 ވަނަ މިނެޓްގައި ކާމިޔާބު ކުރި ލަނޑުންނެވެ.
މެޗުގެ އެންމެ ފަހު ވަގުތުގެ ތެރޭގައި ޔުވެންޓަސް ލިޑް ނެގި ލަނޑު ކޯލިބަލީ އަތުން ބައިކޮޅަށް ވަނީ، ހާފުގެ މެދެހާ ހިސާބުން ޔުވެންޓަސްއިން އޭރިއާ ތެރެއަށް ނެގި ހިލޭ ޖެހުން ދިފާއު ކުރަން އުޅުމުގެ ތެރޭގަ އެވެ. ތަޖުރިކާރު ޑިފެންޑަރު މަސައްކަތް ކުރީ ބޯޅަ ކޯނަރަކަށް ބޭރު ކޮށްލާށެވެ. އެހެން ނަމަވެސް އޭނާގެ ފައިގައި ޖެހިފައި ބޯޅަ ވަނީ ބައި ގޯލަށެވެ.
އޭސީ މިލާން ވަނީ ބްރޭޝާ އާ ދެކޮޅަށް ކުޅުނު މެޗު 1-0 ން ކާމިޔާބު ކޮށްފަ އެވެ. އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ ހާކަން ކާލްހަނޮގުލޫ އެވެ.