ނަޕޯލީ

މެޗަށް ހާޒިރުނުވި ނަޕޯލީ ބަލިވިކަމަށް ނިންމައިފި

މިމަހުގެ ހަތަރު ވަނަ ދުވަހު ޔުވެންޓަސް އާ ދެކޮޅަށް ކުޅެން ހަމަޖެހިފައި އޮތް މެޗަށް ނަޕޯލީ ހާޒިރު ނުވުމުން، އެ މެޗުން 3-0 ން އެ ޓީމު ބަލި ކަމަށް ނިންމައި އެއް ޕޮއިންޓް އުނި ކޮށްފި އެވެ.

ކޮވިޑް-19 ނަޕޯލީގެ ޓީމުން ފެނުމުން އެ ޓީމު ޓުރިންއަށް ދަތުރު ނުކުރުމަށް، ނަޕޯލީ ނިސްބަތްވާ ނޭޕަލްސްގެ ސިއްހީ އިދާރާއިން އަންގާފައިވާ ކަމަށް ޚަބަރު ފެތުރު ނަމަވެސް ސެރީ އާ އިން ނިންމީ މެޗު ކެންސަލް ނުކުރުމަށެވެ. ޔުވެންޓަސްގެ އެލިއަންޒް ސްޓޭޑިއަމްގައި ކުޅެން ހަމަޖެހިފައި އޮތް މެޗަށް ޔުވެންޓަސްގެ ކޯޗް އެންޑްރެއާ ޕިރްލޯ، އޭނާގެ ޓީމުގެ ފުރަތަމަ 11 އިއުލާންކޮށް އެ ޓީމު ދަނޑަށް ވެސް ނެރުނެވެ.

އެ މެޗުން ޔުވެންޓަސް މޮޅުވި ކަމަށް ނިންމުމުން، އެ ޓީމަށް ވަނީ ތިން މެޗުން ހަތް ޕޮއިންޓް ލިބިފަ އެވެ. ނަޕޮލީއަށް ޕޮއިންޓެއް އުނި ކުރުމުން އެ ޓީމަށް ތިން މެޗުން ލިބުނީ ފަސް ޕޮއިންޓެވެ.

ޖެނާރޯ ގަޓޫސޯގެ ޓީމު ޓްރިންއަށް ދަތުރު ނުކުރީ އެ ޓީމުގެ ތިން މީހަކަށް ކޮވިޑްގެ ބަލި ޖެހުމުންނެވެ. މެޗު ކެންސަލް ނުކުރަން ސެރީ އާ ނިންމީ ޔޫއެފާ ޕްރޮޓަކޯލްއަށް ފެއްތުމަށެވެ. ޔޫއެފާ ޕްރޮޓަކޯލްގައި ބުނެފައި ވަނީ ގޯލްކީޕަރާއެކު 13 ކުޅުންތެރިން ތިބެއްޖެނަމަ މެޗު ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ނަޕޯލީން ބުނީ، އެ ޓީމާ ދެކޮޅަށް އެޅި ފިޔަވަޅު އިސްތިއުނާފް ކުރަން ހުށަހަޅާނެ ކަމަށެވެ.

ޔުވެންޓަސްގެ ޓީމުގެ ދެ ކުޅުންތެރިން މި ހަފުތާގައި ވަނީ ޕޮޒިޓިވް ވެފަ އެވެ. ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ވެސްޓަން މެކެނީ ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. ރޮނާލްޑޯ ވަނީ މިހާރު އެނބުރި ޓްރިން އަށް ގޮސް އަމިއްލަ ގޭގައި އެކެހެރިވެފަ އެވެ. އަދި ޔުވެންޓަސްގް ޓީމުންވެސް ވަނީ މިހާރު އެކަހެރި ވެފަ އެވެ.