ދުނިޔެ

ނާސާއިން އުފެއްދި 23 މިލިއަން ޑޮލަރުގެ ފާޚާނާތަށި

ބޮޑުކަމުދާއިރު ބޭރުވާ ނަޖިސް ސީދާ ފާޚާނާ ތައްޓަށް ދިއުމުގެ ބަދަލުގައި މައްޗަށް އަރައިގެން ގޮސް މުޅި ފާޚާނާ ތެރޭގައި އެނބުރެން ފަށައިފިނަމަ އެމީހަކަށް ކުރެވޭނެ އިހްސާސް ވިސްނާލާށެވެ. ނަޖިސް ފާޚާނާ ތަށި ތެރެއަށް ފައިބަނީ ގްރެވިޓީގެ ސަބަބުންނެވެ.
ހަމަ ލޮލަށް ނުފެނުނު ނަމަވެސް ޒީރޯ-ގްރެވިޓީގައި ސްޕޭސްކްރާފްޓް ތެރޭގައި އެސްޓްރޮނޯޓުން މިގޮތަށް ވައިގެ ތެރޭގައި ފްލޯޓްކުރާ މަންޒަރުތައް ހަމަ ގައިމުވެސް ސައިންސް ފިކްޝަން ފިލްމުތަކުން ހުންނާނީ ފެނިފަ އެވެ. ވީމާ ދުނިޔޭގެ ބިމުގައި ހުންނައިރު ހަމަ ގައިމުވެސް މިގޮތަށް ނަޖިސްތައް ފްލޯޓް ވާތަނެއް ނުފެންނާނެތާ އެވެ.

ނަމަވެސް ޖައްވަށް ދާ އެސްޓްރޮނޯޓުންނަށް މި މައްސަލަ ދިމާވެ އެވެ. އެމީހުންނަށް ބޮޑުކަމު ދިއުމަކީ އަދި ނަޖިސްތައް ފާޚާނާ ތައްޓަށް ލެވޭ ގޮތް ހެދުމަކީ ވެސް ވަރަށް ބޮޑު މަސައްކަތެކެވެ.

އަނެއްކާ ޖައްވަށް ދަތުރުކުރާ ސްޕޭސްކްރާފްޓްތަކުގައި ފާޚާނާ ހުރޭ ބާއެވެ؟ ހުންނަނަމަ ޒީރޯ ގްރެވިޓީގައި މި ފާޚާނާތައް މަސައްކަތް ކުރަނީ ކިހިނެއް ބާއެވެ؟

ޖައްވަށްދާ ސްޕޭސްކްރާފްޓްތަކުގައި ވެސް ފާޚާނާ ހުރެ އެވެ. އަދި އެއީ އަހަރެމެންގެ ގޭގޭގައި ހުންނަ ފާޚާނާތަށި ތަކަށް ވުރެ މާ އަގު ބޮޑު ފާޚާނާ ތަށި ތަކެކެވެ. އަދި އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގައި މިހާރު ބަހައްޓަން ތައްޔާރުވަމުންދާ ފާޚާނާ ތަށީގެ އަގު މާ ބޮޑެވެ. މި ފާޚާނާ ތަށިތައް ހަރު ކުރުމާއެކު މިއީ މުޅި ދުނިޔޭގައި ވެސް ނެތް ފަދަ އަގު ބޮޑު ތައްޓަކަށް މި ތަށި ވެގެން ދާނެ އެވެ.

މި ފާޚާނާ ތަށީގެ އަގަކީ 23 މިލިއަން ޑޮލަރެވެ. މުޅިން އަލަށް ތައްޔާރު ކޮށްފައިވާ ވަރަށް ޒަމާނީ މި ފާޚާނާތަށި ހިފައިގެން ދާ ސްޕޭސް އެއާކްރާފްޓް ފުރުވާލަން ނާސާއިން ކުރިން ހަމަޖައްސާފައި އޮތީ މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ. ނަމަވެސް ދިމާވި ބައެއް މައްސަލަ ތަކާ ހުރެ މި ދަތުރުވަނީ ލަސްވެފަ އެވެ.

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ތަކެތި ހިފައިގެންދާ މި ރޮކެޓު އުދުއްސާލުން ނާސާއިން ކެންސަލް ކުރީ ރޮކެޓް ނައްޓާލަން އެންމެ ދެ މިނިޓް 40 ސިކުންތު އޮއްވަ އެވެ. ކޮންމެވެސް މައްސަލައެއް އުޅޭކަމަށް ޔަގީން ކުރެވިގެންނެވެ. އަލުން މި ރޮކެޓް އުދުއްސާލުމަށް ހަމަޖެހިފައި އޮތީ ރޭގެ ވަގުތެއްގަ އެވެ. މި ފަހަރު އުދުއްސާލާ ރޮކެޓަށް ނަން ދީފައިވަނީ އިންޑިޔާ ނަސްލުގެ އެސްޓްރޮނޯޓެއް ކަމަށްވާ ކަލްޕަނާ ޗައުލާގެ ނަމުންނެވެ.

ފާއިތުވީ ހަތަރު 40 ވަރަކަށް އަހަރު ސްޕޭސް ސްޓޭޝަނުގައި ބޭނުންކޮށްފައި ވަނީ ރަޝިޔާގައި އުފައްދާފައިވާ ފާޚާނާ ތަށި ތަކެކެވެ. މި ތަށިތައް އަދިވެސް ބަރާބަރަށް މަސައްކަތް ކުރެ އެވެ. ނަމަވެސް މި ތަށިތައް ބޭނުން ކުރުމުގައި ހުރި ބައެއް ކަހަލަ އުނދަގޫތަކުގެ ވާހަކަ އަބަދުވެސް އެސްޓްރޮނޯޓުން ދައްކަ އެވެ. ޚާއްސަކޮށް އަންހެން އެސްޓްރޮނޯޓުންނަށް މި ތަށިތައް ބޭނުންކުރަން އެހާ ފަސޭހައެއް ނޫނެވެ.
މިހާރު ހުރި ތަށިތައް ބަރުވެފައި ވަރަށް ގިނަ ސްޕޭސް ބޭނުންވެ އެވެ. އަދި ޖައްވަށް ފޮނުވާ އެސްޓްރޮނޯޓުންގެ އަދަދު އިތުރުކުރަން މަސައްކަތް ކުރަމުންދާތީ އާއި ސްޕޭސް ޓްރަވެލް ޓޫރިޒަމް ފަށަން މަސައްކަތް ކުރާތީ ފާޚާނާތަށިތައް ޒަމާނީކުރަން ނާސާ އަށް ޖެހުނީ އެވެ.
މިހާރު އުފައްދާފައިވާ ފާޚާނާ ތަށި ތަކަކީ ޒީރޯ ގްރެވިޓީގައި ވަރަށް ބަރާބަރުކަމާއެކު މަސައްކަތް ކުރާ އެއްޗެކެވެ. އެހެންވެ މި ތަށިތައް ސްޕޭސް ސްޓޭޝަންގައި ނޫނަސް ޖައްވަށްދާ އެހެނިހެން އުޅަނދުތަކުގައި ވެސް ފަސޭހަކަމާއެކު ބެހެއްޓޭނެ އެވެ.

ޖައްވުގައި ބޭނުންކުރަން ރަޝިޔާއިން އުފައްދާފައިވާ ފާޚާނާ ތައްޓަށް ވުރެ ނާސާއިން އުފެއްދި ތަށި 65 ޕަސެންޓް ކުޑަ އެވެ. އަދި 40 ޕަސެންޓް ލުޔެވެ. މި ތަށީގެ ބަރުދަނުގައި މިހާރު ހުންނަނީ 45 ކިލޯގްރާމެވެ. އަދި ދިގުމިނަކީ 28 އިންޗި އެވެ. ތަށީގެ ސައިޒު ކުޑަވެފައި ބަރުދަން ލުއިވުމުން ކުރިމަގުގައި ސްޕޭސް ސްޓޭޝަންގައި ތިބޭ މީހުންނަށް ފައިދާ ކުރާނެ އެވެ. ސަބަބަކީ މި ތަށި ބަހައްޓަން ހިފާ ޖާގަ ކުޑަވުމާއި އެ ލުއިކަމުން ސްޕޭސް ކްރާފްޓަށް ލުއިވުމެވެ.

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގައި ލިބެން ހުންނަ ވަސީލަތްތައް ވަރަށް މަދެވެ. ބިންމަތީގައި އުޅޭ މީހުން ބަދިގޭގައި ކާ އެއްޗެތި ސްޓޮކް ކުރާ ގޮތަކަށް ސްޕޭސް ސްޓޭޝަންގައި ތިބޭ މީހުންނަކަށް ކާ އެއްޗެތި ސްޓޮކެއް ނުކުރެވެ އެވެ. އެހެންކަމުން އުކާލަން ޖެހޭ ބައި ވެސް ރިސައިކްލް ކުރަން މަޖްބޫރުވެ އެވެ. އެންމެ ކުޑަމިނުން ވެއްޓޭ ފެންތިކި ވެސް އަލުން ނަގާ ރިސައިކަލް ކުރަން ޖެހެ އެވެ.
އެސްޓްރޮނޯޓުންގެ ކުޑަކަމުދާ އެއްޗެތި މިހާރުވެސް ރިސައިކަލް ކޮށްގެން ސްޕޭސް ސްޓޭޝަންގައި ބޭނުންކުރެ އެވެ. ފިލްޓާކޮށް ޕްރޮސެސްކޮށްގެން ބުއިމަށާއި ކެއްކުމަށް އެ ބޭނުންކުރެ އެވެ.

"ފެން ހިމެނޭ އެއްޗެތީގެ 90 ޕަސެންޓް އަހަރެމެން ސްޕޭސް ސްޓޭޝަންގައި މިހާރުވެސް ރިސައިކްލް ކުރަން. މީގެ ތެރޭގައި ކުޑަކަމުދާ އެއްޗިއްސާއި ގައިން ހިއްލާ ދާ ވެސް ހިމެނޭ،" ނާސާގެ އެސްޓްރޮނޯޓު ޖެސިކާ މިއާ ބުންޏެވެ.

"އަހަރެމެން ސްޕޭސް ސްޓޭޝަނުގައި ގެންގުޅެނީ ދުނިޔޭގެ ނެޗުރަލް ވޯޓާ ސައިކަލް އާ ވަރަށް އެއްގޮތް ގޮތެއް. ވައިގެ ތެރެއިން ފެން ނަގައިގެން. ސްޕޭސް ސްޓޭޝަނުގައި ތިބެގެން އެސްޓްރޮނޯޓުން ލާ ކުޑަކަމުދާ އެއްޗެހި ވެސް ރިސައިކަލް ކުރެވި މިއަދު ބޯ ކޮފީ އަކީ އަނެއްކާ މާދަމާ ބޯ ކޮފީ އަށް ވޭ،" ޖެސިކާ ބުންޏެވެ.

ފެން ރިސައިކަލް ކުރުމަކ ސްޕޭސް ކްރާފްޓްގައި ތިބޭ މީހުންނަށް ވަރަށް މުހިއްމު ކަމެކެވެ. އޭރުން ދުނިޔޭން ފެން އަބަދު ގެންނަން ނުޖެހޭނެތީ އާއި ފެން ސަޕްލައިކުރުމަކީ އުނދަގޫ އަދި އަގުބޮޑު ކަމަކަށް ވާތީ އެވެ. ނާސާއިން ބުނި ގޮތުގައި މި ފަހަރު ހަރުކުރާ އާ ފާޚާނާ ތައްޓަށް ލާ ކުޑަކަމުދާ އެއްޗެތި ރިސައިކަލް ވެގެން ފެނަށްވެ ބުއިމަށާއި ކެއްކުމަށް ބޭނުން ކުރެވޭނެ އެވެ.

މި ފާޚާނާތަށި ތައްޔާރުކޮށްފައިވަނީ ޓައިޓޭނިއަމް އާއި އެނޫންވެސް އެކަހަލަ ފަންވަރުގަދަ އެލޯއީ އިންނެވެ. ކުޑަކަމުދާ އެއްޗެތީގައި އެކުލެވޭ އެސިޑްގެ ބައިން މި ތައްޓަކަށް ގެއްލުމެއް ނުލިބޭނެ އެވެ.