ހަބަރު

ގޮނޑީގެ ތަރުތީބު ބަދަލުކުރާނެ ގޮތެއް ނުނިންމުނު

Oct 4, 2020
1

ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ތިއްބަވާ ތަރުތީބު ބަދަލުކުރާނެ ގޮތަކާބެހޭ ގޮތުން މަޖިލީހުގެ އާއްމު ކޮމިޓީގެ މެންބަރުންގެ މެދުގައި ހިޔާލުތަފާތުވެއްޖެ އެވެ.

މިދިއަ އަންގާރަ ދުވަހު މެންބަރުން އިށީދެވަޑައިގަންނަވާ ތަރުތީބު ބަދަލުކުރުމާ ގުޅޭގޮތުން، މަޖިލީހުގެ އާންމު ކޮމިޓީން ބައްދަލުކޮށް ނިންމި ގޮތަށް، ރިޔާސީ ނިޒާމެއްގައި މެންބަރުން އިށީނދެވަޑައިގަންނަވާ ތަރުތީބާ ގުޅޭގޮތުން މަޖިލީހުގެ އިދާރާއިން ކުރި ދިރާސާ ކޮމިޓީގެ މުގައްރަރު އަދި ހެންވެއިރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވަނީ ހިއްސާ ކުރައްވައިފަ އެވެ.

އެގޮތުން، ރިޔާސީ ނިޒާމެއް އޮންނަ ތަފާތު 45 ގައުމެއްގައި މަޖިލިސް މެންބަރު ތިއްބަވާ ތަރުތީބު ބަލުމަށްފަހު، ގިނަ ގައުމުތަކުގައި އެ ތަރުތީބު އޮންނަނީ ޕާޓީތައް ނިސްބަތްވާ ގޮތަށް ކަމަށް އެ ދިރާސާއާ ހަވާލާދީ ހަސަން ލަތީފު ވިދާޅުވި އެވެ.

އަދި ގިނަ ގައުމުތަކުގައި ތަރުތީބު އޮންނަނީ، މަޖިލީހުގެ ރައީސްގެ ކަނާއަތުގައި ވެރިކަންކުރާ ޕާޓީގެ މެންބަރުން ތިއްބަވާއިރު، ވާތް ފަރާތުގައި އިދިކޮޅު ޕާޓީތަކުގެ މެންބަރުން އަދި އޭގެ ފަހަތުން މިނިވަން މެންބަރުންކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގައި މިހާރު ގޮނޑި ތަރުތީބުކޮށްފައި ހުންނަނީ، މާލޭ މެމްބަރުން ކުރީ ބަރިތަކުގައި ތިއްބަވާފައި، ހއ. އިން ފެށިގެން އައްޑު އަތޮޅާ ހަމަޔަށް ހުރި ދާއިރާތަކުގެ މެމްބަރުން އަތޮޅުތަކުގެ ތަރުތީބުން އޭގެ ފަހަތަށް ވާ ގޮތަށެވެ.

އެ ދިރާސާ އާ ހަވާލާދީ ހަސަން ލަތީފު ވިދާޅުވީ މިހާރު ގޮނޑީގެ ތަރުތީބުކޮށްފައިވާ ގޮތެއް ނިންމި ނިންމުމެއް ލިޔުމަކުން ފެންނާކަށް ނެތެވެ. އަދި ކޮންމެ ގޮތަކަށް ތަރުތީބު ބަދަލުކުރި ނަމަވެސް އެކަމަށް އެއްވެސް ގާނޫނީ ހުރަހެއްނެތް ކަމަށާއި، ހަމައެކަނި އިދާރީ ބަދަލުތަކެއް ގެންނަން މަޖިލީހުގެ ގަވައިދަށް ބައެއް ބަދަލުތައް ގެންނަންޖެހޭނެކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އެ ދިރާސާއަށް ރިއާއަތްކޮށް މެންބަރުންގެ ހިޔާލަށް ހުޅުވާލުމާއެކު މެންބަރުންގެ ހިޔާލު ތަފާތުވި އެވެ.

އަށް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީގައި ހުސް އެމްޑީޕީގެ މެންބަރުން ތިއްބަވާއިރު، ދިރާސާގައި ފާހަގަކޮށްފައިވާ ގޮތަށް ޕާޓީތައް ނިސްބަތްވާ ގޮތަށް ތަރުތީބު ބަދަލުކުރަން ބައެއް މެންބަރުން ތާއީދުކުރެއްވި އެވެ.

އޭގެ ތެރޭގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒް އާއި ކޮމިޓީގެ ނައިބު މުގައްރިރު އަދި ތޮއްޑޫ ދާއިރާ ހަސަން ޝިޔާން
ހިމެނި ވަޑައިގެންނެވި އެވެ.

ނަމަވެސް، ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދުގެ އިތުރުން ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލްހަކީމްގެ ވިސްނުންފުޅު ހުރީ އަކުރުގެ ތަރުތީބާ އެއްގޮތަށް ބަދަލުކުރުމަށެވެ. އެގޮތުން، ހއ. އިން ފެށިގެން ސ. އަށް ނުވަތަ ސ. އިން ފެށިގެން ހއ. އަށް މަޖިލީހުގެ ގޮނޑީގެ ތަރުތީބު ބަދަލުކުރަން އެ ދެ މެންބަރުން ހުށަހެޅުއްވި އެވެ.

އެކަމާ ގުޅިގެން، ހަސަން ލަތީފު ވިދާޅުވީ އަތޮޅުތައް ނިސްބަތްވާ ގޮތަށް ތަރުތީބުކޮށްފި ނަމަ، ޕާޓީއެއްގެ ޕާލިމަންޓަރީ ގުރޫޕު ލީޑަރު އެންމެ ފަހަތު ބަރީގައި އިންނަވަން ޖެހުމުގެ ހާލަތެއްވެސް މެދުވެރިވެދާނެ ކަމަށެވެ. އެހެންކަމުން، އެކަމަށްވެސް ކޮމިޓީގެ މެންބަރުން ވިސްނައި ވަޑައިގަތުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

އެއާއެކު ޕާޓީއެއްގެ ލީޑާޝިޕް އެންމެ ކުރީގައި ތިއްބެވުމަށްފަހު ބާކީ ތިއްބެވި މެންބަރުން ތަރުތީބު ކުރުން އެ ޕާޓީއަކަށް ދޫކޮށްލުމަށްވެސް އެއް މެންބަރަކު ހުށަހެޅުއްވި އެވެ.

ނަމަވެސް، އެއް ގަޑިއިރަށް ދިގުދެމިގެންދިއަ ބައްދަލުވުމުގައި ތަރުތީބު ބަދަލުކުރާނެ ވަކި ގޮތެއްގެ މައްޗަށް މެންބަރުންނަށް އެއްބަހެއް ނުވެވުނެވެ.

އެއާއެކު، ހަސަން ލަތީފު ނިންމެވީ ތަރުތީބު ބަދަލުކުރަން ކޮމިޓީއަށް ހުށަހެޅުނު ދެ ގޮތާއެކު މެންބަރުންގެ ފާޅުކުރެއްވި ހިޔާލުތައް ހިމަނައި، ކޮމިޓގެ ޑްރާފްޓް ރިޕޯޓު ތައްޔާރުކުރުމަށެވެ.

މާދަމާ ފެށުމަށް ހަމަޖެހިފައިވާ މަޖިލީހުގެ ތިންވަނަ ދައުރު ފެށުމުގެ ކުރިން މާލަމުގައި ގޮނޑި ޖަހާފައިވާ ތަރުތީބު ބަދަލު ކުރުމަށް ކޮމިޓީއަށް ފެންނަ ގޮތެއްގެ މައްޗަށް ރިޕޯޓެއް އެކުލަވާލުމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފައިވީ ނަމަވެސް، މިއަދުން މިއަދަށް ރިޕޯޓު ތައްޔާރުކޮށް، ކޮމިޓީގެ އިތުރު ބައްދަލުވުމެއް ބާއްވައިގެން އެ ރިޕޯޓު ފާސްކުރުމަށް ދަތިވާނެކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ.

އެހެންކަމުން، މާދަމާ ކޮމިޓީގެ ރިޕޯޓާ ގުޅިގެން ގޮތެއް ނިންމުމަށް ބައްދަލުވުމެއް ބާއްވާނެކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ.