ހަބަރު

"މަޝްރޫއުތައް ނިންމަން އެކުގައި މަސައްކަތް ކުރަންޖެހޭ"

Oct 13, 2015
1

ތަރައްގީގައި އާ އުސްމިންތަކަކަށް ރާއްޖެ ގެންދަން ސަރުކާރުން ފަށާފައިވާ މަސައްކަތްތަކަށް ރައްޔިތުން ފުރިހަމައަށް އެއްބާރުލުން ދިނުމަށާއ، މަޝްރޫޢުތައް އަވަހަށް ނިންމުމުގައި، ރައްޔިތުން އެއް ރޫޙަކާއެކު މަސައްކަތް ކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި އެވެ.

ހިޖުރީ އާ އަހަރުގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެ ރައީސް ނެރުއްވެވި ހިތޯބެއްގައި ވިދާޅުވެފައި ވަނީ ހިޖުރައިގެ ހާދިސާއަކީ، އިސްލާމީ ދައުލަތެއްގެ ބިންގާ އެޅިގެންދިޔަ ހާދިސާ ކަމަށާއި އެ ހާދިސާއަކީ، އިސްލާމީ އުންމަތުގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ވަރުގަދަ ގުޅުން ހިތްތަކަށް ގެނެސްދޭ ޢިބްރަތްތެރި ހާދިސާއެއްކަން ހަނދާންކުރަންޖެހޭ ކަމަށެވެ.

ހަމައެއާއެކު، އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުން ހަރުދަނާކޮށް ދެމެހެއްޓުމަށް، މާތްވެގެންވާ އިސްލާމްދީން ބާރުއަޅާފައިވާ މިންވަރު، އަޅުގަނޑުމެންގެ ހިތްތަކަށް ގެނެސް، އެކަމުން އަޅުގަނޑުމެން ޢިބްރަތް ޙާޞިލުކުރަންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"... ހިޖުރީ އާ އަހަރަކާ އަޅުގަނޑުމެން ބައްދަލުކުރާއިރު، ފާއިތުވެދިޔަ އަހަރުގެ ކަންތައްތަކާމެދު ފުންކޮށް ވިސްނައި، އާ ޢަޒުމްތަކެއް ކަނޑައެޅުމަށް މިއީ ލިބޭ ވަރަށް ރަނގަޅު ފުރްޞަތެކެވެ. އެހެންކަމުން، އަޅުގަނޑުމެންގެ މެދުގައިވާ އެއްބަނޑުއެއްބަފާކަމާއި އުޚުއްވަތްތެރިކަމުގެ ގުޅުން މިހާރަށްވުރެ ބަދަހިކޮށް، އެއްބަޔެއްގެ ގޮތުގައި އާ ރޫޙަކާއެކު މަސައްކަތް ކުރުމުގެ ޢަޒުމް ކަނޑައެޅުއްވުމަށް، މި ފުރްޞަތުގައި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ. އަދި ރާއްޖެ، ތަރައްޤީގެ މަގުގައި އާ އުސްމިންތަކަކަށް ގެންދިޔުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކަށް ރައްޔިތުން ފުރިހަމައަށް އެއްބާރުލުން ދެއްވުމަށާއި، އެކި މަޝްރޫޢުތައް އަވަހަށް ނިންމުމުގައި، ރައްޔިތުން އެއް ރޫޙަކާއެކު މަސައްކަތް ކޮށްދެއްވުމަށް، މި ފުރްޞަތުގައި އަޅުގަނޑު ގޮވާލަމެވެ،"