ރާއްޖޭގެ ކަނޑު އަޑީގައި ޑޭޓާ ސެންޓަރެއް ގާއިމުކުރުމަށް ފުރުސަތު އެބަ އޮތް ކަމަށް ސައިންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ޖަޕާނުގެ ފަރާތުން ބޭއްވި ސައިންސް އެންޑް ޓެކްނޯލޮޖީ އިން ސޮސައިޓީ (އެސްޓީއެސް) ފޯރަމްގައި ވާހަކަދައްކަވަމުންނެވެ. ކޮވިޑް-19ގެ މި ހާލަތުގައި ސައިންސް އާއި ޓެކްނޯލޮޖީ އަދާކުރާ ދައުރާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވި މި ފޯރަމްގައި މިނިސްޓަރު މަލީހު ވިދާޅުވީ ރާއްޖޭގައި ބޭނުންކުރެވޭ ސަބްމެރިން ކޭބަލްތަކުގެ ޑައިވާސިޓީ އިތުރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ކަނޑުގެ މަގަށް ބަލާކަމުގައި ވާނަމަ ދިވެހިރާއްޖޭ އޮތީ އެންމެ މުހިއްމު ޝިޕިން ރޫޓްގައި ކަމަށާ ރާއްޖޭގެ ކަނޑު އަޑީގެ ސީބެޑް ހުރިގޮތުން ކަނޑު އަޑީގައި ޑޭޓާ ސެންޓަރުތަކެއް ގާއިމުކުރުމުގެ ރިސާޗް އަށް އެންމެ ކަމުދާ ގައުމުކަމީ ރާއްޖެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މިހާރުވެސް ދިވެހިރާއްޖެއަކީ ކަނޑުއަޑީގެ ކޮޓަރިތަކާއި ރެސްޓޯރަންޓުތައް ހުރި ގައުމަކަށް ވެފައި ދިވެހިރާއްޖޭގައި ކަނޑު އަޑީގެ ޑޭޓާ ސެންޓަރެއް ގާއިމުކުރުމުގެ ދޮރު ވަނީ ހުޅުވާލެވިފައި. އެކަމަށް ބައިނަލްއަގުވާމީ ޓެލެކޮމިއުނިކޭޝަން ކުންފުނިތަކާއި ޓެކްނޯލޮޖީ ކުންފުނިތަކަށް ދައުވަތު އަރުވަން،"
މިނިސްޓަރު ވަނީ ކޮވިޑް-19އަކީ މިވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ކާރިސާ ކަމުގައި ވީ ނަމަވެސް ދިވެހިރާއްޖެއަށް ބަލާނަމަ މޫސުމަށް އަންނަ ބަދަލުތަކަކީ އެންމެ ބޮޑު މައްސަލަ ކަމަށް ވިދާޅުވެފައެވެ. އަދި ކާބޮތަކެތީގެ ރައްކާތެރިކަމާއި ތިމާވެއްޓާއި ރައްޓެހި ހަކަތަ އަކީ މި ކުދި ޖަޒިރާ ގައުމުގެ މުސްތަގުބަލަށް ވަރަށް މުހިއްމު ކަންކަން ކަމަށް ވިދާޅުވިއެވެ.