ފިލްމީ ތަރި މުހައްމަދު ޔުނާން އާއި އޭނާގެ އަންހެނުން ފާތިމަތު ރިހުލާއާ ގުޅޭ ސީރިއަސް މައްސަލައެއް ފެންމަތިކޮށްފި އެވެ.
ޔުނާން އާއި ރިހުލާގެ މައްޗަށް ކުޑަކުއްޖަކާއެކު ގަދަ ކަމުން ޖިންސީ އަމަލެއް ހިންގުމުގެ ތުހުމަތު ވަނީ ކޮށްފައެވެ. އެ މައްސަލަ ފުލުހަށް ރިޕޯޓް ކޮށްފައިވަނީ ޔުނާންގެ އެއްބަނޑު އެއްބަފާ ބޭބެ ކަމަށް ވެއެވެ. މިއަދު ހެނދުނުން ފެށިގެން އޭނާ ދަނީ އޭނާގެ ކޮއްކޮ ޔުނާންއާއި ރިހުލާ ހައްޔަރު ކުރަން ގޮވާލަމުންނެވެ. އަދި އެ ދެ މީހުންނަށް ދުވަަހަކުވެސް މައާފު ނުކުރާނެ ކަމަށް އޭނާ ކުރި ޕޯސްޓްތަކެއްގައި ބުނެފައިވެއެވެ. އެ ޕޯސްޓްތައް ޝެއާކޮށް ވަރަށް ގިނަ ބަޔަކު ދަނީ ފޭސްބުކާއި ޓްވިޓާގައި އެ ދެމަފިރިން ހައްޔަރުކޮށް ތުހުމަތުތައް ބެލުމަށް ގޮވާލަމުންނެވެ.
މި މައްސަލައާއި ގުޅިގެން އެ ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށްވެސް އަޑުފެތުރުނެވެ. އަދި އެ ދެ މީހުން ހުޅުމާލޭގައި ދިރިއުޅޭ އެޕާޓްމަންޓް ކައިރިއަށް ބަޔަކު އެއްވެ އަޑުއުފުލާފައިވެސްވެއެވެ.
ނަމަވެސް ފުލުހުން މިއަދު ބުނީ ހުޅުމާލޭގައި އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކާއެކު އިތުރު ދެ މީހަކު ގަދަކަމުން ބަދުއަހުލާގި އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އިއްޔެ ފުލުހަށް ހުށައަޅާފައިވާ ކަމަށެވެ. މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާ ނަމަވެސް މައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ބުންޏެވެ.
ފުލުހުން މިހެން ބުނި ނަމަަވެސް ޔުނާންގެ ދެމަފިރިން ހައްޔަރުކޮށްގެން ގެންދިޔަ މަންޒަރު ފެނުނު ކަމަށް ބައެއް ނޫސްވެރިން ވަނީ ބުނެފައެވެ. ތަކުރާރުކޮށް ނޫސްވެރިން އެކަން ފާހަގަ ކުރުމުން ފުލުހުން ބުނީ އެ ސަރަހައްދުން ފުލުހުންގެ ވެހިކަލްގައި ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައިވަނީ އަމިއްލައަށް ރައްކާތެރި ކަމަށް އެދުނު ދެ މީހެއް ކަމަށެވެ.
ނަހުލާގެ "ބޮސް" އިން ފިލްމީ ދާއިރާއަށް ނިކުތް ޔުނާންގެ ވާހަކަތައް އެންމެ ފަހުން އާންމުންގެ ސަމާލު ކަމަށް އައީ އޭނާގެ ދަރިފުޅު ބޭހަށް އިންޑިއާއަށް ދެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށް އެދި ރައީސް ސޯލިހުގެ ރަސްމީ ގެކޮޅު މުލިއާގެ ކައިރިއަށް އެ ދަރިފުޅު ގޮވައިގެން ދިއުމުންނެވެ. ޔުނާންގެ ދަރިފުޅު ޔޫންގެ ފަރުވާއަށް ވަރަށް ގިނަ ބަޔަކު އެހީތެރިވެދީފައިވެއެވެ. ނަަމަވެސް އެ ފައިސާ އެހެން ކަންކަމަށް ބޭނުން ކޮށްފައިވާ ކަމަށް ބަޔަކު ވަނީ ތުހުމަތު ކޮށްފައެވެ. އެކަން ޔުނާންގެ އަންހެނުން ވަނީ ދޮގުކޮށްފައެވެ.