މަސްތުވާތަކެތި

ދިރުވާލައިގެން ޑްރަގްސް އެތެރެކުރި ފަސް މީހަކު ހައްޔަރުކޮށްފި

ދިރުވާލައިގެން މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނު ފަސް މީހަކު ކަސްޓަމްސް އިން އަތުލައިގަނެފި އެވެ.

ކަސްޓަމްސް އިން ބުނީ، މީގެ ތެރެއިން ހަތަރު މީހުންނަކީ ޕާކިސްތާނަށް ނިސްބަތްވާ ބައެއް ކަމަށެވެ. އެއީ އުމުރުން 22، 30، 34 އަދި 44 އަހަރުގެ ފިރިހެނުންނެވެ. މިއީ މިދިޔަ މަހުގެ 11 ވަނަ ދުވަހު ރާއްޖެ އައި ބައެކެވެ. އެ މީހުންގެ އެތެރެހަށިން ހެރޮއިން އަޅާފައިވާ 88 ބްލެޓް ވަނީ ފެނިފައެވެ. މިތަކެތީގެ ބަރުދަނުގައި 791 ގްރާމް ހުއްޓެވެ. އަދި އަގު 6،32،800 ރުފިޔާއަށް އަރާ ކަމަށްވެސް ކަސްޓަމްސްއިން ބުންޏެވެ.

ދެން ހައްޔަރުކޮށްފައިވަނީ ކެންޏާގެ އަންހެނެކެވެ. 27 އަހަރުގެ އެ މީހާ ރާއްޖެ އައިސްފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ. އޭނަ ވަނީ 53 ބްލެޓް ދިރުވާލައިގެން ރާއްޖެ އެތެރެކޮށްފައެވެ.

ކަސްޓަމުން ބުނީ އެ ފަސް މީހުންނާއި އަތުލައިގަތް މަސްތުވާތަކެތި ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށެވެ.