އަހުމަދު ސަލީމް (ރެޑްވޭވް)

"ސަލީމްގެ ހާލު ސީރިއަސްއެއް ނޫން"

މަޝްހޫރު ވިޔަފާރިވެރިޔާ އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ގެ ހާލުކޮޅު ސީރިއަސް ނޫން ކަމަށް އޭނާ ނިސްބަތްވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބުނެފި އެވެ.

ހާލުކޮޅު ވަރަށް ބޮޑަށް ގޯސްވެގެން މެންބަރު ސަލީމް ޓްރީޓޮޕްގައި އެޑްމިޓްކޮށް ފަަރުވާ ދެމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ވާހަކަ ފެތުރެމުންނެވެ. އަދި ސަލީމްގެ ހާލުކޮޅު ވަރަށް ގޯސް ކަމަށްވެސް ބުނެފައިވެއެވެ.

ނަަމަވެސް ޕީޕީއެމްއިން ބުނީ ސަލީމް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވަނީ ޓެސްޓްތަކެއް ހެދުމަށް ކަމަށެވެ.

"މި ވަގުތު ސަލީމްގެ ހާލުކޮޅު އެހާ ސީރިއަސްއެއް ނޫން،" ސަލީމް ޕީޖީ ލީޑަރުކަން ކުރައްވާ ޕީޕީއެމުން ބުނެފައިވެއެވެ.

އަވަސްއާ ވާހަކަ ދެއްކި ސަލީމްގެ އާއިލީ ބޭފުޅަކު ވިދާޅުވީ ހޮސްޕިޓަލްގައި ސަލީމް އެޑްމިޓްކުރެއްވީ ވަރަށް ބޮޑަށް ހުން ގަދަވެެގެން ކަމަށެވެ. އަދި މިވަގުތު ގިނަ ޓެސްޓްތަކެއް ހަދަމުންދާ ކަމަށެވެ. އާއިލާއިންވެސް ބުނީ ސަލީމްގެ ހާލުކޮޅު މިވަގުތު ސީރިއަސް ނޫން ކަމަށެވެ.