ބޮލީވުޑް

ބޮލީވުޑްގައި ޑްރަގް މައްސަލަ ވަރަށް ބޮޑު: އަކްޝޭ

އިންޑިޔާގެ ފިލްމު އިންޑަސްޓްރީގައި މަސްތުވާތަކެތީގެ މައްސަލަ ވަރަށް ބޮޑު ކަމަށް މަޝްހޫރު އެކްޓަރެއް ކަމަށްވާ އަކްޝޭ ކުމާރު އެއްބަސް ވެއްޖެ އެވެ. އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ މަރާ ގުޅިގެން ކުރަމުންދާ ތަހުގީގުން ކުރިފަޅައިގެން ފިލްމު އިންޑަސްޓްރީގައި އުޅޭ މީހުން މަސްތުވާ ތަކެތި ބޭނުންކުރާ މައްސަލަތަކެއް މިހާރު ވަނީ ފެންމަތިވެފަ އެވެ. އަދި މިކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އިންޑިޔާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)ން ދަނީ ބަލަމުންނެވެ.

ސޯޝަލް މީޑިއާގައި އަކްޝޭ ޕޯސްޓްކޮށްފައިވާ ހަތަރު ވަރަކަށް މިނިޓްގެ ވީޑިއޯއެއްގައި އޭނާ ބުނެފައިވަނީ ބޮލީވުޑްގައި ޑްރަގް ބޭނުންކުރާ މީހުން ތިއްބަސް އެންމެންނަކީ އެކަން ކުރާ ބައެއް ނޫންކަމަށާއި އެންމެންނާ ދޭތެރޭ އެގޮތަށް ނުދުށުމަށެވެ.

"އަހަރެންގެ ހިތްމަތީގައި އަތް ބާއްވާފައި އަހަންނަށް ކިހިނެއް ދޮގެއް ހަދާފަ ބުނެވޭނީ ފިލްމު އިންޑަސްޓްރީގައި އެ މައްސަލަ (ނާކޮޓިސް އާއި ޑްރަގްގެ މައްސަލަ) ނެތޭ،" އަކްޝޭ، 53، ބުނެފައި ވެއެވެ.

"ވަރަށް ގިނަ ދުވަސްވެއްޖެ މި ވާހަކަ ދައްކާލަން ހިތަށް އަރައިގެން އުޅެނީ. ނަމަވެސް ބުނާނީ ކީކޭ ކަމެއް ނުވިސްނޭ. އަދި ކާކު ކައިރީގައި ކަމެއް ވެސް ބުނާނީ ނޭނގޭ. މިއަދު ހިތަށް އެރީ ތި އެންމެން (ސޯޝަލް މީޑިއާ) ކައިރީގައޭ މި ވާހަކަ ދައްކާނީ. އެހެންވެ މިކަމަށް އިސްނެގީ،" އަކްޝޭ ބުނެފައި ވެއެވެ.

އަކްޝޭ ބުނި ގޮތުގައި ބޮލީވުޑްގައި އެ މައްސަލަ އޮތީ އެހެނިހެން ޕްރޮފެޝަން ތަކުގައި ވެސް އެ މައްސަލަ އޮތް ބީދައިންނެވެ. ނަމަވެސް ހުރިހާ ޕްރޮފެޝަނެއްގައި މަސައްކަތްކުރާ ހުރިހާ މީހުން ވެސް އެކަން ކުރެއޭ ބުނުމަކީ ވެސް ގޯހެއް،" އަކްޝޭގެ ވީޑިއޯގައި ބުންޏެވެ.

ބޮލީވުޑްގައި ޑްރަގް މައްސަލަ އޮތް މިންވަރު އަންދާޒާކޮށްލެވުނީ ސުޝާންތުގެ މަރަށް ފަހުގަ އެވެ. ހިންދީ ފިލްމުތަކަށް ލޯބިކުރާ ސުޝާންތުގެ ފޭނުން ސޯޝަލް މީޑިއާގައި އަޑުގަދަ ކުރަމުންދަނީ އޭނާ އަމިއްލައަށް މަރުވީ ނޫން ކަމަށާއި ބަޔަކު ގަސްތުގައި އޭނާ މަރާލާފައިވާ ކަމަށެވެ. ނަމަވެސް ފުލުހުން ބުނަނީ ސުޝާންތު މަރުވީ އަމިއްލައަށް ކަމަށެވެ.
އެންސީބީގެ ތަހުގީގަށް ލިބިފައިވާ ހެކިތަކަށް ބަލައި އެ އެޖެންސީން ބުނެފައިވަނީ ސުޝާންތަކީ މަސްތުވާ ތަކެއްޗަށް ދެވިހިފައިވާ މީހެއް ކަމަށެވެ. އަދި އޭނާ އެ ތަކެތި ބޭނުންކުރާތާ އެތައް އަހަރެއް ވެއްޖެ އެވެ.
ސުޝާންތުގެ މަރާ ގުޅިގެން އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ ވަނީ ހައްޔަރުކޮށްފަ އެވެ. ސުޝާންތުއަށް ޑްރަގް ހޯދާއިދޭ ކަމުގެ ތުހުމަތުގަ އެވެ. އަދި ސުޝާންތާއެކު އޭނާ ވެސް ޑްރަގް ބޭނުންކުރާ ކަމަށް ރިއާ އެއްބަސްވެފައިވާ ކަމަށް ވެސް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ.

ރިއާ ހައްޔަރުކުރުމަށްފަހު ކުރިޔަށް ގެންދާ ތަހުގީގުގައި ސުޝާންތުގެ މެނޭޖަރު ޖާޔާ ސާހާ އާއި ދީޕިކާ ޕަދުކޯންގެ މެނޭޖަރު ކަރިޝްމާ އާ ވެސް ސުވާލުކޮށްފައި ވެއެވެ.

އަދި ފަހުން ބޮލީވުޑްގެ ނަން މަޝްހޫރު ހަތަރު ތަރިއަކު ވެސް އެންސީބީއަށް ހާޒިރުކޮށް ސުވާލުކޮށްފައި ވެއެވެ. މި ތަރިންގެ ތެރޭގައި ހިމެނެނީ ދީޕިކާ ޕަދުކޯން އާއި ޝްރައްދާ ކަޕޫރު އަދި ސާރާ އަލީ ޚާން އާއި ރަކުލް ޕްރީތު ސިންގް އެވެ.

ނަމަވެސް މި ތަރިންގެ ފޯނުތައް އަތުލައިގެން އޭގައިވާ މައުލޫމާތުތައް ޗެކްކޮށްގެން ވެސް މި މީހުން ޑްރަގް ހޯދިކަމުގެ އެއްވެސް މައުލޫމާތެއް އެންސީބީ އަށް ނުލިބުނު ކަމަށް ވެސް އިންޑިޔާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ.
ހަމައެކަނި ބަތަލާއިން ހާޒިރުކޮށް އެއްވެސް ބަތަލަކު ހާޒިރު ނުކުރުމުން ވެސް ގިނަ ބަޔެއްގެ ފާޑުކިޔުން އެންސީބީއަށް ވަނީ އަމާޒުވެފަ އެވެ. އަދި މިދިޔަ އަހަރު ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރް ބޭއްވި ޕާޓީއެއްގައި ބޮލީވުޑް އެކްޓަރުންތަކެއް ޑްރަގް ނެގި ކަމުގެ ވާހަކަތަކެއް އޭރުއްސުރެ މީޑިއާ ތަކުން ދައްކަމުން ދިޔަ ނަމަވެސް އެ މައްސަލަ ތަހުގީގު ނުކުރާތި ވެސް އެންސީބީއަށް ގިނަ ބަޔަކު ފާޑު ކިޔަ އެވެ.

ކަރަންގެ ކައިރީކުރި މަސައްކަތްކުރި މީހަކު މިހާރު ހައްޔަރުކޮށް ސުވާލު ކުރަމުން އެބަދެއެވެ.
ކޮންމެއަކަސް އަކްޝޭ ބުނި ފަދައިން ބޮލީވުޑްގައި ޑްރަގްގެ މައްސަލަތައް ހުރިވަރު އެނގޭނީ ވަރަށް ރަނގަޅަށް މިކަންކަން ތަހުގީގު ކުރެވިގެންނެވެ. ނަމަވެސް އެކަން ވެދާނެތޯ އެއީ ސުވާލެކެވެ