ކޮވިޑް-19 ގެ މިހާލަތުގައި ޓީޗަރުން ކުރާ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން، ގަތަރު އެއާވޭސް އިން ޓީޗަރުންނަށް ހިލޭ ޓިކެޓުތަކެއް ދޭން ނިންމައި، ރަޖިސްޓްރީ ވާން ހުޅުވާލައިފި އެވެ.
ދުނިޔޭގެ އެންމެ މަގުބޫލު އެއް އެއާލައިން ކަމަށްވާ ގަތަރު އެއާވޭސް އިން ބުނި ގޮތުގައި ޓީޗަރުން ކުރާ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން މުޅި ދުނިޔެއަށް ހުޅުވާލާފައިވާ މި ފުރުސަތުގައި 21,000 ޓިކެޓު ދޫކޮށްލާނެ އެވެ.
ކޮމްޕްލިމެންޓްރީ މި ޓިކެޓުތައް ލިބޭނީ މި މަދުން ފެށިގެން މި މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީ ކުރާ ޓީޗަރުންނަށެވެ. މި ޓިކެޓު ލިބޭ މީހުންނަށް އަންނަ އަހަރު ދަތުރު ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އެމީހަކު ބޭނުން މަންޒިލަކަށް ދަތުރުކޮށްލެވޭނެ އެވެ.
ގަތަރު އެއާވޭސް އިން ވަނީ މީގެ އިތުރުން ޓީޗަރުންނަށް ފްރެންޑްސް އެންޑް ފެމެލީ މެންބާސްގެ ގޮތުގައި 50 ޕަސެންޓުގެ ޑިސްކައުންޓު ދޭން ވެސް ނިންމާފަ އެވެ.
ގަތަރު އެއާވޭސްއަކީ ކޮވިޑް-19 އަށްފަހު ރާއްޖޭގެ ބޯޑަރު ޖުލައި 15 ވަނަ ދުވަހު ހުޅުވުމާއެކު ފުރަތަމަ ރާއްޖެއަށް ދަތުރު ފެށި އެއާލައިން އެވެ. ގަތަރުގެ ހަންމާދު އިންޓަނޭޝަނަލް އެއާޕޯޓުން ދުނިޔޭގެ އެކި ހިސާބަށް ދަތުރުކުރާ ގަތަރު އެއާވޭސް އިން 160 މަންޒިލަކަށް ދަތުރު ކުރެ އެވެ.