ހަބަރު

ޑިފެންސް މިނިސްޓަރުކަމުން މޫސާ އަލީ ޖަލީލް ވަކިކޮށްފި

Oct 14, 2015
1
ރައީސުލްޖުމުހޫރިއްޔާ މިއަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ޑިފެންސް މިނިސްޓަރަކަށް މޫސާ އަލީ ޖަލީލް ހަމަޖެއްސެވުމަށްފަހު ސަލާމް ކުރައްވަނީ: ޖަލީލް (ވ) މަގާމުން ވަކިކުރެއްވީ މިރޭ ދަންވަރު.
0%
0%
0%

ރައީސުލްޖުމުހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް، ޑިފެންސް މިނިސްޓަރު ކަމުން މޭޖާ ޖެނެރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލް ދާދި ދެންމެއަކު ވަކިކޮށްފި އެވެ.

މިކަން ރައީސް އޮފީހުގެ ތަޖުރަމާނު އިބްރާހީމް މުއާޒް އަލީ ވަނީ ޓުވީޓަކުން ޔަގީން ކޮށްދެއްވައިފަ އެވެ. ނަމަވެސް ސަބަބެއް ވިދާޅެއްނުވެ އެވެ.

މޫސާ ޖަލީލް މިރޭ ކުއްލި ގޮތަކަށް މަގާމުން ވަކިކުރެއްވީ ރައީސް އަބްދުﷲ ޔާމީނާއި އަނބިކަނބަލުން އިންނެވި ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި މިދިޔަ މަހު އެއްޗެއް ގޮވައި އެ ހާދިސާ ތަހުގީގު ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. އަދި އެކަން ތަހުގީގުކުރަން ރައީސް އުފެއްދެވި ނެޝަނަލް އިންކުއަރީ ކޮމިޝަންގައި ވެސް އޭނާ ހިމެނިވަޑައިގަންނަވަ އެވެ.

ރައީސް ޔާމީންގެ ކެބިނެޓްގައި މޫސާ އަލީ ޖަލީލް ހިމެނި ވަޑައިގެންނެވީ މިއަހަރުގެ ޖެނުއަރީ 20 ވަނަ ދުވަހު އެވެ. އެއީ މިއަހަރުގެ ޖަލުގައި 11 އަހަރުގެ ހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ ގެއިން ހަނގުރާމަވެރި ހަތިޔާރުފެނުމާ ގުޅިގެން އެމަނިކުފާނުގެ ވަޒީރުކަމުން ވަކިކުރެއްވުމަށްފަހު އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް މޫސާ ޖަލީލް އައްޔަންކުރެއްވި އެވެ. އަދި ފެބްރުއަރީ 7 ގައ ވެރިކަމުން ނަޝީދު އިސްތިއުފާ ދެއްވި އިރު ވެސް އެމްއެންޑީއެފްގެ އެންމެ މަތީ މަގާމުގައި ހުންނެވީ މޫސާ ޖަލީލެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ މޫސާ ޖަލީލުގެ މައްޗަށް ވެސް ކުރި އެވެ. ނަމަވެސް އެ ކުށް އޭނާގެ މައްޗަށް ސާބިތެއް ނުވެއެވެ. އޭނާގެ މައްޗަށް އެ ޝަރީއަތް ހިންގީ ޑިފެންސް މިނިސްޓަރުކަމުގައި ހުންނަވަނިކޮށެވެ.

ނޮވެމްބަރު 3 ގައި ރާއްޖެއަށް ދިން ޓެރަރިސްޓް ހަމަލާއާ ދެކޮޅަށް ހަނގުރާމަކުރި ދިވެހި ސިފައިންގެ ތެރޭގައި އިސް ރޯލެއް އަދާކުރެއްވި އެއް ބޭފުަކީ މޫސާ ޖަލީލެވެ.

ރައީސް ޔާމީން ޖަލީލަށް ވަޒީރުކަން ދެއްވީ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމާއި ސިފައިންގެ ހިދުމަތުން 2012 ވަނަ އަހަރުގެ ފެބްރުއަރީ ރިޓަޔަކުރައްވައިގެން ހުންނަވަނިކޮށެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910