ދުނިޔެ

އިންޑިޔާގެ ބޭސް ފިހާރަތައް ބަންދުކޮށް ހަޅުތާލުގައި

ނިއުދިއްލީ (ޓައިމްސް އޮފް އިންޑިޔާ) - އިންޓަނެޓުގައި ބޭސް ވިއްކުމާއި ދެކޮޅަށް ސަރުކާރުން ފިޔަވަޅު ނާޅާތީ، އިންޑިޔާގެ ގިނަ ބޭސް ފިހާރަތަކެއް ބަންދުކޮށް އެތަންތަނުގެ ވެރިންނާއި މުއައްޒަފުން މިއަދު ހަޅުތާލަށް ނިކުމެއްޖެއެވެ.

އީ-ފާމަސީ ތަކުގެ ވިޔަފާރި މަނާ ކުރުމުގެ ބަދަލުގައި އިންޑިޔާ ސަރުކާރުގެ ވިސްނުން ހުރީ މިފަދަ ވިޔަފާރިތައް ހިންގާނެ އުސޫލުތަކެއް ކަނޑައެޅުމަށެވެ.

އޮންލައިންކޮށް ބޭސް ވިއްކުމަކީ ގާނުނާއި މުޅިން ހިލާފު ކަމެއް ކަމަށާއި، އިންޑިޔާގެ ގާނޫނު ބުނާގޮތުން ޑޮކްޓަރެއްގެ ލިޔުމެއް ނެތި މިގޮތަށް ބޭސް ނުވިއްކޭނެ ކަމަށް އިންޑިޔާގެ ބޭސް ވިއްކާ ފަރާތްތަކުގެ ޖަމިއްޔާ އޯލް އިންޑިޔާ އޯގަނައިޒޭޝަން އޮފް ކެމިސްޓްސް އެންޑް ޑްރަގިސްޓްސް (އޭއައިއޯސީޑީ) ގެ ރައީސް ވިދާޅުވިއެވެ.

ހަފްތާއެއްގެ ތެރޭގައި ސަރުކާރުން މިކަމާމެދު ފިޔަވަޅު ނާޅާއިފި ނަމަ ވަކި މުއްދަތެއް ނެތް ގޮތަށް ބޭސް ފިހާރަތައް ބަންދުކޮށް ހަޅުތާލަށް ނިކުންނާނެ ކަމުގެ އިންޒާރުވެސް އޭނާ ވަނީ ދެއްވާފައެވެ.

އޮންލައިންކޮށް ބޭސް ގަނެ ވިއްކުމުގެ ސަބަބުން ބޭސްތަކުން ލިބޭ ސައިޑް އިފެކްޓްތައް މީހުންނަށް ނޭންގި އޭގެ އަސަރު ކުރާނެ ކަމަށާއި، އެއްވެސް ހަމައެއް ނެތި ބޭސް ބޭނުން ކުރުމާއި ބޭހަށް ދެވި ހިފުމުގެ މައްސަލަ އިތުރުވާނެ ކަމަށް ވެސް ހަޅުތާލަށް ނުކުމެފައިވާ ފަރާތްތަކުން ބުނެއެވެ.

އޮންލައިންކޮށް ބޭސް ވިއްކާ ފަރާތްތަކުގެ ސަބަބުން އިންޑިޔާގައި ހިންގާ އަށް ލައްކައަށް ވުރެ ގިނަ ބޭސް ފިހާރަ އާއި އެތަންތަނުގައި މަސައްކަތްކުރާ އަށް މިލިއަނެއްހާ މީހުންނަށް ވެސް އޭގެ އަސަރު ކުރާނެ ކަމަށް އޭއައިއޯސީޑީން ބުނެއެވެ.