ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ރާއްޖޭން ކުރަމުންދާ މަސައްކަތް ތަކަށް ކުރި ހޭދަ، ދެ ބިލިއަން ރުފިޔާއަށް ވުރެ މަތިވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކޮވިޑް-19 އިގެ ސިއްހީ ކަންކަމަށް މިހާތަނަށް 1.2 ބިލިޔަން ރުފިޔާ ހަރަދު ކޮށްފައިވެ އެވެ. މީގެ އިތުރުން މި ބަލީގެ ސަބަބުން އިގްތިސޯދަށް ލިބިފައިވާ ގެއްލުނުން ސަލާމަތް ކުރަން ކުރަމުންދާ ހޭދައިގެ އަގު ވަނީ އެއް ބިލިއަން ރުފިޔާ ފަހަނަ އަޅާ ގޮސްފަ އެވެ. އެހެންވެ، މި ދެބައި އެއްކޮށް ބެލުމުން ހޭދަ ދެ ބިލިއަން ރުފިޔާ އަށް ވުރެ މަތިވެ އެވެ.
މިހާތަނަށް ސިއްހީ ކަމަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވާ، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އޮތޯރިޓީ އަށް މިހާތަނަށް 778 މިލިޔަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އަދި އިގްތިސޯދީ ބައިގެ އެންމެ ބޮޑު ހޭދައެއް ކޮށްފައިވާ ރިކަވަރީ ލޯން ސްކީމަށް 900 މިލިޔަން ރުފިޔާ ހޭދަ ކޮށްފައިވެ އެވެ.
ކޮވިޑް-19 އަށް ކުރާ ހޭދަ މަތިވަމުންދާއިރު ދައުލަތުގެ އާމްދަނީ ވަނީ ބޮޑުތަނުން ދަށްވެފަ އެވެ. ފިނޭންސް މިނިސްޓްރީން ލަފާ ކޮށްފައިވާ ގޮތުގައި މި އަހަރު ދައުލަތުގެ އާމްދަނީ 50 ޕަސެންޓް ދަށްވާނެ އެވެ.