ހަބަރު

ގައުމަށް ދިމާވެފައިވަނީ ކިހާވަރެއްގެ ނުރައްކަލެއްތޯ ރައީސް ވިދާޅުވާންޖެހޭ: ޖަމީލް

ގައުމަށް މިއަދު ދިމާވެފައި ވަނީ ކިހާވަރެއްގެ ނުރައްކަލެއްތޯ ރައީސް އަބްދުﷲ ޔާމީން ވިދާޅުވާންޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޑިފެންސް މިނިސްޓަރު ކަމުގެ މަގާމުން މޫސާ އަލީ ޖަލީލް ވަކި ކުރެއްވުމާ ގުޅިގެން ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގެ ދައުރު ދެބައި ނުވަނީސް ދެ ނައިބު ރައީސުންނާ ދެ ޑިފެންސް މިނިސްޓަރުން އެ މަގާމަށް އައުމުން ސަރުކާރު ހިންގުމުގައި ރައީސް ޔާމީންގެ ކުޅަދާނަކަން ހުރި މިންވަރު ހާމަވާ ކަމަށެވެ.

އެމަނިކުފާނާއި ރައީސް އަބްދުﷲ ޔާމީން އެކުގައި އަތް ގުޅުވާލައްވައިގެން ހުންނެވި ފޮޓޯއަކާއިއެކު ކުރެއްވި އެހެން ޓްވީޓެއްގައި ޖަމީލް ވިދާޅުވީ، ރައީސް ޔާމީނަށް ވެރިކަމަށް އާދެވުނީ އެމަނިކުފާނުގެ އަތްޕުޅުގައި ހިއްޕަވައިގެންނެވެ. އެހެން ނަމަވެސް ޖަމީލް މަގާމުން ދުރުކޮށްލި ހިސާބުން ރައީސް ޔާމީނަށް ރައްޔިތުން ކުރަމުން ދިޔަ އިތުބާރު ވެސް ގެއްލިފައިވާ ކަމަށެވެ.

ޖަމީލް ވިދާޅުވީ، ރައީސް ޔާމީނަށްޓަކައި ޖާނާއި މާލުން ރައްޔިތުންވި ގުރުބާނީ އަށް އެމަނިކުފާނު ހިޔާނާތްތެރިވެ ވަޑައިގެންފައިވާ ކަމަށެވެ. އޭގެ ސަބަބުން ރައީސް ޔާމީނަށް ރައްޔިތުންގެ ހިތުގައި އޮތް އިތުބާރާއި ލޯބި ގެއްލިފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މަގާމު ގެއްލި ވަޑައިގެންނެވުމުގެ ކުރިން ރާއްޖެއިން ބޭރަށް ވަޑައިގެން އިނގިރޭސިވިލާތުގައި ހުންނެވި ޖަމީލު ސަރުކާރާއި ބެހޭގޮތުން އެބޭފުޅާގެ އުދާސްތައް ޓުވިޓާގައި ވިދާޅުވާތާ ދުވަސްކޮޅެއް ވަނީ ވެފައެވެ.

ޖަމީލް ނައިބު ރައީސްކަމުގެ މަގާމުން ވަކި ކުރެއްވީ މި އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހުއެވެ. އަދި ކާނަލް މުހައްމަދު ނަޒީމް ޑިފެންސް މިނިސްޓަރު ކަމުގެ މަގާމުން ވަކި ކުރެއްވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ. އޭގެ ފަހުން ޑިފެންސް މިނިސްޓަރު ކަމަށް އައްޔަންކުރެއްވި މޫސާ އަލީ ޖަލީލް އެވެ. ނަމަވެސް އޭނާ މަގާމުން ދުރުކުރެއްވިކަން ރޭގެ ވަގުތެއްގައި ރައީސް އޮފީހުން ވަނީ އިއުލާންކޮށްފަ އެވެ.