ހަބަރު

އާމްދަނީ އިތުރުވާ ބިލެއް ހުށަނާޅާތީ އިދިކޮޅުން ފާޑުކިޔައިފި

Oct 6, 2020
1

ކޮވިޑް-19 އިގެ ސަބަބުން ދައުލަތުގެ މާލިއްޔަތު ހުސްވެފައިވާ ދަނޑިވަޅެއްގައިވެސް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަމުންދަނީ އަދިވެސް ހަރަދުތައް އިތުރުވާ ބިލުތައްކަމަށް ވިދާޅުވެ، ސަރުކާރުގެ ސިޔާސަތަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ފާޑުވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ހުށަހަޅުއްވާފައިވާ ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި މިއަދު ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ މި ބިލުގެ ދަށުންވެސް ބޯޑެއް އެކުލަވާލަންޖެހޭއިރު، އެކަމުގެ ސަބަބުން ހަރަދު އިތުރުވެ، ބިއުރޯކްރަސީވެސް ދިގުވެގެންދާކަމަށެވެ.

މީގެ އިތުރުން، މި ފަހުން ފާސްކުރި ޗާޓެޑް އެކައުންޓެންޓުންގެ ބިލާއި، ފެނާއި ނަރުދަމާގެ ބިލު ތަކުގެ ދަށުން އިދާރާތަކެއް އުފެއްދިކަން ކުރީގެ އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ސައީދު ފާހަގަކުރެއްވި އެވެ.

ނަމަވެސް، ދައުލަތުގެ ހަރަދުތައް ބޮޑުވެގެންދާ ގޮތަށް ސަރުކާރުގެ ފަރާތުން ބިލްތައް އަންނައިރު، އާމްދަނީ އިތުރު ކުރުމާ ގުޅޭ އެންމެ ބިލެއް ވެސް ނާންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ކޮވިޑްގެ ސަބަބުން އިގްތިސާދު ދަށްވެފައި އޮންނަނިކޮށް އާމްދަނީގެ އެންމެ ބިލެއް ވެސް ނާދޭ. ދެން ދައްކަނީ ފައިސާ އިތުރަށް ޗާޕް ކުރާ ވާހަކަ. ދެން ފައިސާ ހުސްވީމަ އެ ވާހަކަ ދައްކަނީ،" ސައީދު ވިދާޅުވި އެވެ.

ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލު މަޖިލީހުގެ އިންތިހާބުގައި އެޖެންޑާ 19 ގެ ނަމުގައި ވެރިކަންކުރާ އެމްޑީޕީން ރައްޔިތުންނަށް ވެފައިވާ ވައުދުތަކާ ފުށުއަރާކަމަށް ބުނެ، މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެ ބިލަށް އަމާޒުކުރެއްވި ފާޑުކިއުންތަކަށް އިޝާރާތްކުރައްވައި، ސައީދު ވިދާޅުވީ ސަރުކާރުގެ ފަރާތުން ހުށަހަޅާ ބިލުތަކުގައި އެމްޑީޕީގެ މެންބަރުންގެ މެދުގައިވެސް ހިޔާލުތަފާތުވެފައިވާ ކަމަށެވެ.

އެކަމުގެ ސަބަބުން ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުކުރާކަމަށް ސައީދު ވިދާޅުވި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ރާއްޖޭން ކުރަމުންދާ މަސައްކަތް ތަކަށް ކުރި ހޭދަ، ދެ ބިލިއަން ރުފިޔާއަށް ވުރެ ވަނީ މަތިވެފަ އެވެ.

ކޮވިޑް-19 އަށް ކުރާ ހޭދަ މަތިވަމުންދާއިރު ދައުލަތުގެ އާމްދަނީ ވަނީ ބޮޑުތަނުން ދަށްވެފަ އެވެ. ފިނޭންސް މިނިސްޓްރީން ލަފާ ކޮށްފައިވާ ގޮތުގައި މި އަހަރު ދައުލަތުގެ އާމްދަނީ 50 ޕަސެންޓް ދަށްވާނެ އެވެ.