ދިރާގުޕޭ އިން ފައިސާ ދެއްކުމުން ފަސް ޕަސެންޓު އަނބުރާ ލިބޭ ކޭޝް ބެކް ޕްރޮމޯޝަނެއް ފަށައިފި އެވެ.
ދިރާގުން މިއަދު ބުނީ، މި ޕްރޮމޯޝަނުގެ ދަށުން ކަސްޓަމަރުންނަށް ދިރާގު ޕޭ ބޭނުން ކޮށްގެން ބިލް ދައްކާ، ރީލޯޑް ކޮށް ނުވަތަ ވިޔަފާރި ކުރުމުން ވަގުތުން ބިލުގެ %5 އަނބުރާ ދިރާގު ޕޭ ވޮލަޓަށް ޖަމާވާނެ އެވެ. އެގޮތުން، ގިނަ ވެގެން 100 ރުފިޔާ ކޮންމެ ހަފްތާއެކު ކަސްޓަމަރުންގެ ދިރާގު ޕޭ ވޮލަށް ޖަމާވާނެއެވެ.
ކަސްޓަމަރުންނަށް ފައިސާ އަނބުރާ ލިބުނުކަން މެސެޖަކުން އެނގޭނެ އެވެ. އަދި ދިރާގު ޕޭ އެޕުގެ "ޓްރާންސެކްޝަން ހިސްޓަރީ" އިން ކޭޝްބެކްގެ ގޮތުގައި ލިބުނު އަދަދު ރަނގަޅުތޯ ބަލައިލެވޭނެ އެވެ.
ދިރާގު ޕޭއަކީ ކޮންމެ ނެޓްވޯކެއްގެ މޯބައިލް ފޯނަކުންވެސް ތަކެއްޗާއި ހިދުމަތްތަކަށް ފައިސާދައްކައި، ޖަމާކޮށް ޓްރާންސްފާ ކުރެވޭ ހިދުމަތެކެވެ. ދިރާގު ޕޭއަށް ކޭޝްއިން ކޮށްލުމަށް ދިރާގު ޕޭ އެޕް އަދި ދިރާގު ވެބްސައިޓުން ބޭންކް ޓްރާސްފާ ބޭނުންކުރެވޭނެ އެވެ. ދިރާގު ޕޭ ގެ ހިދުމަތް 300 އަށް ވުރެ ގިނަ ވިޔަފާރިތަކުން ބޭނުންކުރެ އެވެ. އޭގެތެރޭގައި ޑެލިވަރީގެ ހިދުމަތްދޭ ކެފޭ ރެސްޓޯރަންޓުުތަކާއި ސެލޫނާއި ހޮސްޕިޓާތައްވެސް ހިމެނޭ ކަމަށް ދިރާގުން ބުންޏެވެ.